Roadha Mihaaru
އިމްޕީޗްމަންޓް ތަހުގީގަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

އިމްޕީޗްމަންޓް ތަހުގީގަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

02 ޑިސެމްބަރ 2019

ވޮޝިންޓަން (ޑިސެމްބަރު 2) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި ކޮންގްރެސް އިން ފަށާފައިވާ އިމްޕީޗްމަންޓް ތަހުގީގަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަޑައިނުގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 2) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި ކޮންގްރެސް އިން ފަށާފައިވާ އިމްޕީޗްމަންޓް ތަހުގީގަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަޑައިނުގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސް އިން ބުނީ ތަހުގީގަށް ޓްރަމްޕް ވަޑައިނުގަންނަވަނީ "ހަމަހަމަކަން ނެތުމުން" ކަމަށެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށްދާ ތަހުގީގުގައި ދެން އޮތް މަރުހަލާއަކީ ގާނޫނީ ތަޖްރިބާކާރުންނާ ސުވާލު ކުރުމެވެ. ސިއްރުކޮށްގެންނާއި އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުންތަކަށް ފަހު ދެން އޮންނާނީ ހައުސްގައި ވޯޓަށް އެހުމެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން މިދިޔަ ބުދަ ދުވަހު ވަނީ މި ހަފުތާގެ އަޑުއެހުންތަކުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް ކޮމިޓީ އަށް ވައިޓް ހައުސް އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮމިޓީގެ މަސައްކަތް ގެންދަނީ ޑިއު ޕްރޮސެސްއާ އެއްގޮތަށް ނޫން ކަމަށާއި އިންސާފެއް ނެތް ކަމަށެވެ.

ދެން އޮތީ ކޮން މަސައްކަތެއް؟

އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ހަތް އަޑުއެހުމުގައި 12 ފަރާތެއްގެ ބަޔާން ނެގުމަށް ފަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންޓަލިޖެންސް ކޮމިޓީން މިހާރު ދަނީ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވުމަށް ރިޕޯޓް ލިޔަމުންނެވެ. އިންޓަލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް ވިދާޅުވީ ކޮމިޓީގެ ރިޕޯޓް މާދަމާ އަށް ނިންމާނެ ކަމަށެވެ. އެއަށް ފަހު، ޓްރަމްޕް ގޯހުން ކުރައްވާފައިވާ ކަންކަން ހިމަނައިގެން އިމްޕީޗްމަންޓް ލިޔުން ޖުޑިޝަރީ ކޮމިޓީން ތައްޔާރު ކުރާނެ އެވެ.

ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮންނަ ހައުސްގައި ވޯޓަށް އެހުމަށް ފަހު 51 ޕަސެންޓް ވޯޓުން ފާސްވެއްޖެ ނަމަ ދެން މައްސަލަ ބަލާނީ ރިޕަބްލިކުން ކޮންޓްރޯލް ކުރާ ސެނެޓުންނެވެ.

އެމެރިކާގެ ހައުސްގެ 431 މެންބަރުންގެ ތެރޭން 233 މެންބަރުންނަކީ ޑިމޮކްރެޓުންނެވެ. އެހެންވެ ރިޕަބްލިކަންގެ ސަޕޯޓް ނެތިވެސް ޓްރަމްޕް އިމްޕީޗްކުރަން ފާސްކުރެވިދާނެ އެވެ. ސެނެޓުގައި ތިބީ ރިޕަބްލިކަން 53 މެންބަރުންނާއި 45 ޑިމޮކްރެޓްސް މެންބަރުން އަދި އިންޑިޕެންޑެންޓް ދެ މެންބަރުންނެވެ. އެ ދެ މެންބަރުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

ސެނެޓުން މައްސަލަ ބަލާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުންނެވެ. ޕްރޮސެކިއުޓަރުންނަކީ ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ޓީމެކެވެ. ރައީސް އަށް ވެސް ދިފާއީ ވަކީލުންގެ ޓީމެއް އޮންނާނެ އެވެ. ޖޫރީންގެ ގޮތުގައި ތިބޭނީ ސެނެޓަރުންނެވެ. ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި ވޯޓުން ނިންމައިފި ނަމަ މަގާމުން ވަކިވާން ޖެހޭނެ އެވެ. އަދި ޓްރަމްޕަކީ އިމްޕީޗްމަންޓުން މަގާމުން ދުރުކުރާ އެމެރިކާގެ ފުރަތަމަ ރައީސް އަށް ވާނެ އެވެ. ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި ސެނެޓުގެ 100 މެންބަރުން ވޯޓުލާ ނަމަ، ޑިމޮކްރެޓިކް ހުރިހާ މެންބަރުންނާއި އިންޑިޕެންޑެންޓް ދެ މެންބަރުންގެ އިތުރުން ރިޕަބްލިކަން 20 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

ކުރިން ތިން ރައީސަކު އިމްޕީޗްކުރި

މީގެ ކުރިން ވަނީ ދެ ރައީސަކު އިމްޕީޗްކޮށްފަ އެވެ. އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަން އަދި 17 ވަނަ ރައީސް އެންޑްރޫ ޖޯންސަންގެ މައްސަލަ ސެނެޓަށް ގެންދިޔަ ނަމަވެސް ކުށްވެރިވާ ކަމަށް ފާސްކޮށްފައެއް ނުވެ އެވެ. އެމެރިކާގެ 37 ވަނަ ރައީސް ރިޗަޑް ނިކްސަން ވަނީ އިމްޕީޗްމަންޓް ފެށުމާ އެކު 1974 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. މެއި 16، 1868 ގައި ނެގި ވޯޓުން ޖޯންސަން ސަލާމަތްވެވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ވައިޓް ހައުސްގެ ސްޓާފެއް ކަމަށްވާ މޮނިކާ ލެވިންސްކީ ކިޔާ 22 އަހަރުގެ އަންހެން ކުއްޖަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވި މައްސަލާގައި ކްލިންޓަން އިމްޕީޗް ކުރުމަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ޑިސެމްބަރު 19، 1988 ގައި ކްލިންޓަން އިމްޕީޗް ކުރުމަށް ހައުސްގައި ނެގި ވޯޓުގައި، ހުވަޔާ ޚިލާފުވެފައިވާ ކަމަށް ފާސްވީ 228-206 ވޯޓުންނެވެ. އަދުލް އިންސާފަށް ހުރަސް އެޅި ކަމަށް ފާސްވީ 221-212 ވޯޓުންނެވެ. ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، ހުވަޔާ ޚިލާފުވި މައްސަލާގައި، ސެނެޓުގައި ނެގި ވޯޓުގައި ކްލިންޓަން ސަލާމަތްވެވަޑައިގަތީ 55-45 ވޯޓުންނެވެ. އިންސާފަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ނެގި ވޯޓު ވަނީ 50-50 އިން ހަމަހަމަވެފަ އެވެ.