Roadha Mihaaru
96 އަހަރަށް ފަހު އިނގިރޭސިން ވިންޓާ އިލެކްޝަނަކަށް

96 އަހަރަށް ފަހު އިނގިރޭސިން ވިންޓާ އިލެކްޝަނަކަށް

31 އޮކްޓޯބަރ 2019

ލަންޑަން (އޮކްޓޯބަރު 31) - އިނގިރޭސި ވިލާތުގައި ވިންޓަގައި އާއްމު އިންތިޚާބު ބޭއްވުމަކީ ވަރަށް ނުކުރާ ކަމެކެވެ. ނަމަވެސް މިފަހަރު މި ވަނީ ޑިސެމްބަރު މަހު އާއްމު އިންތިޚާބެއް ބާއްވަން ޖެހިފަ އެވެ. މިއީ 1923 ވަނަ އަހަރުގެ ފަހުން ޑިސެމްބަރުގައި އެ ގައުމުގައި އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ހަސަން އާމިރު ހަސަން އާމިރު

އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމާ ގުޅޭ ގޮތުން ޕާލަމެންޓުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލެއް ލިބޭތޯ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. އިންތިޚާބު ބިލް ޕާލަމެންޓުން ފާސްކުރީ 438-20 ވޯޓުންނެވެ.

އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި ލޭބާ ޕާޓީގެ އިދިކޮޅު ލީޑަރު ޖެރެމީ ކޯބީން ވެސް ވަނީ އާ އިންތިޚާބެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ޖޯންސަން ކުރިން ވިދާޅުވަމުން ގެންދެވީ އިނގިރޭސިން އީޔޫ އިން ވަކިވުމުގެ އެއްބަސްވުމެއް އޮތަސް ނުވަތަ ނެތް ނަމަވެސް އޮކްޓޯބަރު 31 ގެ ކުރިން އެ ޖަމާއަތުން ވަކިވާނެ ކަމަށެވެ. ނަމަވެސް އެ ސުންގަޑި އަށް ޕާލަމެންޓުން ދެކޮޅު ހަދައި މުއްދަތު ތިން މަހަށް އިތުރު ކުރަން ވަނީ ފާސްކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އެއްބަސްވުމެއް ނެތި އީޔޫ އިން ވަކިވުމަށް ދެކޮޅު ހަދަމުންނެވެ.

ޖޯންސަން މީގެ ކުރިން ވެސް ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ތިން ފަހަރެއްގެ މަތިން ޕާލަމެންޓަށް ހުށަހަޅައިފަ އެވެ.