Roadha Mihaaru
ގެޓްސެޓަށް 35 މިލިއަން އިތުރަށް ދޫކުރިކަމަށް ދައްކާ!

ހިސާބުތަކުން ދައްކަނީ ގެޓްސެޓް ލޯނަށް 35 މިލިއަން އިތުރަށް ދޫކުރި ކަމަށް!

31 އޮކްޓޯބަރ 2019

ގެޓްސެޓް ލޯނުގެ ގޮތުގައި 50 މިލިއަން ރުފިޔާގެ ސްކީމެއް ހުޅުވާލި ނަމަވެސް އެއަށް ވުރެ އިތުރަށް 35 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކާތީ އެކަން އިސްލާހުކުރަން އިކޮނޮމިކް މިނިސްޓްރީ އަށް އޮޑިޓް ޖެނެރަލް އަންގަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގެޓްސެޓް ލޯނުގެ ގޮތުގައި 50 މިލިއަން ރުފިޔާގެ ސްކީމެއް ހުޅުވާލި ނަމަވެސް އެއަށް ވުރެ އިތުރަށް 35 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކާތީ އެކަން އިސްލާހުކުރަން އިކޮނޮމިކް މިނިސްޓްރީ އަށް އޮޑިޓް ޖެނެރަލް އަންގަވައިފި އެވެ.

އޮޑިޓަ ޖެނެރަލް، ހަސަން ޒިޔަތު މިއަދު ނެރުއްވި އިކޮނޮމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި ޒުވާނުންނަށް ޚާއްސަކުރި ގެޓްސެޓް ލޯން ސްކީމުން ދޫކުރަން ނިންމީ 50 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އެކަމަކު ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ލޯނު ދޫކޮށްފައިވާ ކަން އެ މިނިސްޓްރީގެ މާލީ ބަޔާނުން ދައްކާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މާލީ ބަޔާނާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ލޯނުގެ ގޮތުގައި ޖުމްލަ 86 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެހެންކަމުން، ރެކޯޑުތަކުން ދައްކާ އަދަދށް ވުރެން 35 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާ ކަން މާލީ ބަޔާނުން ފާހަގަވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ގެޓްސެޓް ލޯން ޕްރޮގްރާމް ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ލޯންގެ ގޮތުގައި ދޫކުރަން ނިންމީ މީހަކަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެކެވެ.

ރެކޯޑުތަކުން ދައްކާ އަދަދާއި މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ އަދަދު ތަފާތުވާ ސަަބަބު ދެނެގަނެ މާލީ ބަޔާންތައް އިސްލާހުކުރަން ވަނީ އަންގައިފަ އެވެ.

މީގެއިތުރުން، ލޯން ދޫކުރަން ކަނޑައެޅި އިޖުރާއަތުތައް ފުރިހަމަނުކޮށް ލޯނު ދޫކޮށްފައިވާ މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ލޯން ސްކީމާއި ގެޓްސެޓް ލޯން ސްކީމް ބެލެހެއްޓުމުގައި މިނިސްޓްރީން އަމަލުކުރާ އުސޫލުގައިވާ ގޮތުން ނަމަ، ލޯނުގެ ބާކީ ބައި ދޫކުރެވޭނީ ފުރަތަމަ ދޫކުރި ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް ހުށަހަޅައި މިނިސްޓްރީން ބެލުމަށް ފަހު އެވެ. އެކަމަކު ލޯންގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދޫކުރުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން 3 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ޚަރަދުކުރި ގޮތުގެ ބިލް ހުށަނާޅަނީހެވެ. އެހެންކަމުން، ގެޓް ސެޓް ލޯނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ލޯން ދޫކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށް އަމަލުކުރަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.