Roadha Mihaaru
އަލިފާނުގައި އިމާރާތްތަކަށް 35 މިލިއަންގެ ގެއްލުން

ބޮޑު އަލިފާނުގައި އިމާރާތްތަކަށް ލިބުނު ގެއްލުން 35 މިލިއަނަށް އަރާ: ޑިޒާސްޓާ

01 ނޮވެމްބަރ 2019

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ އެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ އަނދައިފަ އެވެ. އެ ހާދިސާގައި އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އޭގެ ތެރެއިން މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބީ 145 މީހެކެވެ.

އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވީ އެ ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުން ބެލުމަށް ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިންޖިނިއަރުން އެ ސަރަހައްދުގައި ހުރި 30 އިމާރާތެއްގެ އެސެސްމަންޓް ހެދި ކަމަށެވެ. މިދިޔަ ހަފުތާގައި ލިބުނު އެސެސްމަންޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އެ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެ އިމާރަތްތަކީ ތަޅާލަން ޖެހޭނެ އިމާރާތެއްތޯ ނޫނީ މި އިމާރާތުގެ ކޮންކްރީޓްގައި މި އިމާރާތް ހިފަހައްޓާނެހާ ވަރު އެބަހުރިތޯ މިފަދަ ސުވާލުތަކެއް އުފެދިފައި ހުރި އިމާރާތްތަކެއް. ސްޓްރަކްޗަރަލް އެސެސްމަންޓް އަސްލު މިހާ ދިގުލައިގެން މި ދިޔައީ މި ސުވާލުތަކުގެ ޖަވާބު ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރީމަ،" އުމަރު ވިދާޅުވި އެވެ.

އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އިތުރުން އެތަންތަނުގައި ހިފާ ގެންގުޅުނު ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތިވާނެތީ ޖުމްލަ ގެއްލުމުގެ އަގު 36 މިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޯވި އިމާރާތްތަކުގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް އެހެން ތަންތަނަށް ކުއްޔަށް ހިފަން ތިން މަހުގެ ކުލި ދައްކައިދޭން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެކަމަށް 1.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި ހާލުގައި ޖެހުނު މީހުންނަށް އިއްޔެގެ ނިޔަލަށް ކެއިން ބުއިމުގެ ޚަރަދަށް 1.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެން އޮންނާނީ ލިބުނު ގެއްލުންތަކަށް ބަލައި، އެކަމަށް ހުޅުވި ފަންޑަށް ލިބުނު ފައިސާ އެ އާއިލާތަކަށް ބެހުމުގެ މަސައްކަތް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ މައުލޫމާތު އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ އާއިލާއެއްގެ ވެސް ދިރިއުޅުމުގެ ފެންވަރު މި ހުންނަނީ އެކިވަރުގައި. އަޅުގަނޑުމެން އެއިން ކޮންމެ އާއިލާއެއްގެ ކޭސްއަކަށް ބަލައިގެން އެންމެ ރަނގަޅު ގޮތަކަށް ހަދައިދޭން މަސައްކަތް މި ކުރަނީ،" އުމަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ހާލުގައި ޖެހުނު އެއްވެސް އާއިލާއެއް މަގުމަތި ކޮށްފައި ނުވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ އެ އާއިލާތަކާ ވާހަކަ ދައްކައިގެން އެހެން ތަންތަން ކުއްޔަށް ހިިފޭނެ މަގު ތަނަވަސް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޯވި ތަންތަނުގެ ވެރި ފަރާތްތަކާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ފަރާތުން ކުއްޔަށް ދީފައި އަދި އެ ފަރާތުން އެހެން ފަރާތްތަކަށް ކުއްޔަށް ދީފައި، ވަރަށް ބައިވަރު ބެކްގްރައުންޑް އިޝޫސްތައް އެބަހުރި މި އާއިލާތަކާއި އާއިލާތަކުގެ ވެރިންނާއި އަދި ކުއްޔަށް ދީފައިވާ ފަރާތްތަކާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތުތައް،" ހިސާން ވިދާޅުވި އެވެ.

މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އެ ހާދިސާއަށް ފަހު ހުރިހާ ބާވަތެއްގެ ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.