Roadha Mihaaru
ޝިޔާމް ކޮމިޓީ އަށް: ތި ބާނަނީ ހަތަރެސް ފަޔާއި ބޮލާ!

ޝިޔާމްގެ ރުޅި ޖުޑިޝަރީ ކޮމިޓީ އަށް: ތި ބާނަނީ ހަތަރެސް ފަޔާއި ބޮލާ!

01 ނޮވެމްބަރ 2019

ރާއްޖޭގެ ކޯޓުތަކުގެ ތެރެއަށް "ހަތަރެސް ފަޔާއި ބޮލާ" ބާނަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮމިޓީގައި މިރޭ އަޑުގަދަ ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކޯޓުތަކުގެ ތެރެއަށް "ހަތަރެސް ފަޔާއި ބޮލާ" ބާނަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮމިޓީގައި މިރޭ އަޑުގަދަ ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ޒިންމާ އަށް ހުރަސް އަޅާ ކަމުގެ ޝަކުވާ ލިބުނު ކަމަށް ބުނެ، ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމުގައި އިންނެވި ހަމައެކަނި އިދިކޮޅު މެމްބަރު ޝިޔާމް ވަނީ ކޮމިޓީ ބާއްވަނީ މަޖިލިހުގެ ގަވައިދުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި "ހޮޅު އަށީގައި" ދައްކާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކޮމިޓީ ބާއްވަނީ އަންނަ ހަފްތާގައި ކޯޓުތަކުގައި އޮންނަ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގަ އެވެ.

ޝިޔާމް އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އަންނަ އަންގާރަ ދުވަހު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ކޯޓުން ވަނީ ނިންމާލައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީ އަށް ޝިޔާމް ވަޑައިގެން އިންނެވީ، އެ ކޮމިޓީގައި އިންނަވާ ޕީޕީއެމްގެ ހަމައެކަނި މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ބަދަލުގަ އެވެ.

ޝިޔާމް ވިދާޅުވީ ހޮޅު އަށީގައި ދައްކާ ވާހަކައަކަށް ބިނާކޮށް ހުކުރު ދުވަހުގެރޭ މަޖިލިސް ހުޅުވައިގެން ކޮމިޓީ ބާއްވަނީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީ ވެސް މިހާރު ހިނގަމުން ދަނީ އެމްޑީޕީގެ "ގޮތްޕެއްގެ" ގޮތުގަ އެވެ. ޖޭއެސްސީ ވެފައި އޮތީ ކޯޓުތަކުން ކުރަމުން އަންނަ ހުކުމްތައް މުރާޖައާ ކުރަމުން އަންނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އެމްޑީޕީގައި ސުޕަ މެޖޯރިޓީއެއް އޮތީތީވެ، ރާއްޖޭގެ ކޯޓުތައް ބޭނުން ގޮތަކަށް އަނބުރާ، ބޭނުންވާ ގޮތަކަށް ނުފޫޒު ފޯރުވަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކޮމިޓީ ކުރިއަށް ދަނީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. ޝިޔާމަކީ ކުރިން، ކޮމިޓީ މެމްބަރަކަށް ނުވާތީ ކޮމިޓީ ހިނގާ ގޮތް އެނގިވަޑައިނުގެންފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމާއި ސިރާޖުގެ ހޫނު ޒުވާބެއް ދިޔަ!

ޝިޔާމާއި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖާ ދެމެދުގައި ހޫނު ޒުވާބަކަށް ދިޔައީ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ޝިޔާމަށް ސާފުކޮށް ދެއްވަން ފެއްޓެވުމުންނެވެ.

ޝިޔާމް ވިދާޅުވީ މަޖިލިހުގެ ކޮމިޓީތައް ހިނގާ ގޮތާއި އިޖުރާއުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުން ހިނގަނީ އިޖުރާއުތަކާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ސިރާޖު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކަންކަން ކުރި ގޮތަށް މި ސަރުކާރުގައި ކަންތައްތައް ނުހިނގާނެ ކަމަށެވެ. ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ ނަމަ، ރައްޔިތުންނަށް ސާފުކޮށް ދެއްވާނެ ކަމަށާއި ކޮމިޓީގެ މަސްއޫލިއްޔަތަކީ ޖޭއެސްސީން ކަމެއް ނިންމައިފި ނަމަ، އެކަމެއް ދިޔައީ ރަނގަޅަށްތޯ ބެލުން ކަމަށެވެ.

"ކޮމިޓީ ހިނގާ ގޮތް މަނިކުފާނު ކިޔައި ދެއްވާކަށް ނުޖެހޭ،" ސިރާޖަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ކުރެވިދާނެ. ގޯސް ކަމެއް ކުރާ ނަމަ، އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. އެއީ ތިކޮޅުން ރައްދު ދެއްވަން ޖެހޭ ކަމެއް ނޫން،"

ޝިޔާމް ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ޖުޑިޝަރީ ކޮމިޓީން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި މިކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.