Roadha Mihaaru
ޑިފެންސް މިނިސްޓަރު މާރިޔާ މާފަށް އެދިވަޑައިގެންފި

ވާހަކައާ މެދު ހިތްހަމަނުޖެހޭ ނަމަ މާފަށް އެދެން: މާރިޔާ

04 މާޗް 2019

އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއާ މެދު ހިތްހަމަނުޖެހޭ ނަމަ، މާފަށް އެދިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއާ މެދު ހިތްހަމަނުޖެހޭ ނަމަ، މާފަށް އެދިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އިންޓަވިއުގައި ދޭން ބޭނުންވި މެސެޖަކީ އިންޑިއާ އަކީ ވަރުގަދަ އަސްކަރީ ބާރެއް ކަމާއި އެ ގައުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމް ކުރާނެ ވާހަކަ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ މުއާމަލާތް ކުރަނީ ހަމަހަމަކަމާއެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އިންޑިއާ އަކީ ރާއްޖޭގެ އުތުރުގައި އޮންނަ އަވަށްޓެރި ބޮޑު ގައުމެއް ކަމަކު، އިންޑިއާ ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އިންޓަވިއުގައި ފާހަގަކުރެއްވި ކަން މާރިޔާ ވިދާޅުވި އެވެ. އަދި އިންޓަވިއުގައި އަސްކަރިއްޔާގެ ގުޅުމާއި ޓެރަރިޒަމްގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.

ބަޑި ޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން. ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް. އަޅުގަނޑު މިނިސްޓަރު ކަމުގައި ހުންނަވައިގެން މި ކުރަނީ އެ މަސައްކަތް: މާރިޔާ

"ނަމަވެސް ބައެއް ބޭފުޅުންގެ ހިތްޕުޅަށް ނުތަނަވަސްކަން އައިސްގެން ތިއުޅެނީ މި 22 މިނިޓްގެ ތެރެއިން ފަސް ސިކުންތުގެ ވާހަކަ އަށް،" އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) ދެއްވި އިންޓަވިއުއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

"އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މާފަށް އެދެން،"

މާރިޔާ މާފަށް އެދިވަޑައިގަތުމާއެކު، ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލިހުގެ ގިނަ މެމްބަރުންތަކެއް އަތްތިލަބަޑި ޖެއްސެވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް މާރިޔާ (ވ) ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް މާރިޔާ (ވ) ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ. އަދި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑުފޭރޭ މީހުންގެ އުނދަގުލާއި ޓެރަރިޒަމާއި މަސްތުވާތަކެތި އެތެރެކުރުމުގެ ބިރުވެރިކަން ރާއްޖެ އަށް އޮތް އެކަންކަން ހުއްޓުވުމުގެ ގާބިލްކަން އަސްކަރިއްޔާގައި ހުންނަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެހެންވެ، އަސްކަރިއްޔާއަކީ ގާބިލް ބަޔަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މައާފަށް އެދެން: މާރިޔާ

"ބަޑި ޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން. ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް. އަޅުގަނޑު މިނިސްޓަރު ކަމުގައި ހުރެގެން މި ކުރަނީ އެ މަސައްކަތް. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ އަސްކަރިއްޔާ ކުރިއަރުވައި ބާރުގަދަ ކުރުވުމަށް،" މާރިޔާ ވިދާޅުވި އެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. މާރިޔާގެ ވާހަކަތަކާ ގުޅިގެން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވި އެވެ.

މާރިޔާ މަޖިލިހަށް ހާޒިރު ކުރިއިރު، ހަމަ އެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅައިފަ އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.