04 މާޗް 2019
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންޑިއާ ސިފައިންގެ ނަން ނުގެންނަވައި މާރިޔާ ވިދާޅުވީ "ބަޔަކު ފައްސާލާ ވާހަކަ" ދެއްކީމަ ހީވަނީ ރާއްޖޭގެ ބައެއް އެ މީހުން ހިފައިގެން ތިބިހެން ކަމަށެވެ. އެކަމަކު، ބަޔަކު ފައްސާލާ ވާހަކަ ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާގެ ސިފައިންނަށް ކަމަށް ބެލެވެ އެވެ. ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ގިނަ އަދަަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ވާކާލާތު ކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިސް ބައެއް ބޭފުޅުންނެވެ.
"އެއީ ކުރު މުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދައި ވިސްނުންތެރިކަމެއް ނެތި ސިޔާސީ ފަރާތްތައް ދައްކާ ބޭކާރުތަކެއް ވާހަކައެއް. ގައުމީ ވަންތަކަމާ ގުޅިގެންނޭ ކިޔާފައި ޖަހާ ސަކަރާތެއް،" -- މާރިޔާ
މާރިޔާ ވިދާޅުވި ގޮތުގައި މީގެ ދުވަސްތަކެއް ކުރިން، ސޯޝަލް މީޑިއާ އާއި ދަރުބާރުގޭގެ މާލަމެއްގައި ދެކެވުނު ވާހަކަތަކެއްގެ ސަބަބުން ދިވެހިން ސިފައިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެކަމަކު މާރިޔާ ވިދާޅުވި ގޮތުގައި، ބަޔަކު ދައްކާ ވާހަކަތަކަކަށް ސިފައިންނަށް ގުޑުމެއް ނާރާނެ އެވެ.
އިދިކޮޅު ފަރާތްތަކުން އެ ވާހަކަތައް ދައްކަނީ ރާއްޖޭގެ ސުލްހަ ނަގާލައި ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފައްދައި ދިވެހިންގެ މެދުގައި އޮންނަ އަހުވަންތަކަން ނަގާލައި ބައިބައިކުރުމުގެ މަގްސަދުގައި ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ "ހޮޅި" ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"އެއީ ކުރު މުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދައި ވިސްނުންތެރިކަމެއް ނެތި ސިޔާސީ ފަރާތްތައް ދައްކާ ބޭކާރުތަކެއް ވާހަކައެއް. ގައުމީ ވަންތަކަމާ ގުޅިގެންނޭ ކިޔާފައި ޖަހާ ސަކަރާތެއް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުމަށްޓަކައި ކުރި ދިރާސާގައި އެތަނުގެ ހާލަތު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ކުރީގެ ސަރުކާރުން އަސްކަރިއްޔާ ބޭނުން ކުރީ ނާޖައިޒު ގޮތުގައި އެކިއެކި މަޝްރޫއުތައް ހިންގަން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްވީ ސިޔާސީ މަސްލަހަތު ގުޅިފައިވާ ކަންކަމަށް. ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަކަށް ނޫން،" ވެއިތުވެދިޔަ ދުވަސްތަކުގައި ސިފައިން ބޭނުން ކުރީ ރަސްރަނި ޕާކާއި އެކިއެކި އިމާރާތްތައް ހެދުމަށް ކަން ކަންބޮޑުވުމާއެކު ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
އަސްކަރިއްޔާ ހަރުދަނާކޮށް، ކުރިއަރުވައި ގައުމަށް ކުރިމަތިވެދާނެ ހަމަލާއަކުން ދިފާއު ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް ވެއިތުވެދިޔަ ފަސް އަހަރު މަސައްކަތް ކުރެވިފައި ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އަސްކަރިއްޔާގައި ބޭނުން ކުރަން ހުރި ކިތަންމެ އާލާތެއް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން މިކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. ސިފައިންގެ ތެރޭގައި ތިބީ ކިޔަވައިގެން ތިބި ހޭލުންތެރި ބައެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ޑިފެންސް މިނިސްޓަރު މާރިޔާ މާފަށް އެދިވަޑައިގެންފި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!