Roadha Mihaaru
އޮޅުން ބޮޅުން: އެންމެ ކުޑަ އުޖޫރައިގެ ގޮންޖެހުންތައް

އޮޅުން ބޮޅުން: އެންމެ ކުޑަ އުޖޫރައިގެ ގޮންޖެހުންތައް

05 ނޮވެމްބަރ 2019

އެންމެ ކުޑަމިނުން ދ3 މުސާރައިގެ ވާހަކައިގެ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކައުންސިލްތަކުގެ އިންތިޚާބު ކައިރި ވުމުން އެ އަޑު މާ ގަދަވާން ފަށައިފި ހެން ހީވެ އެވެ. މިހާރު އިވޭ އަޑަކީ އެންމެ ކުޑަ މިނުން ދެވޭ މުސާރަ އަކީ 12،000ރ އަށް ވުރެ މަދު އަދަދަކަށް ވެގެން ނުވާނެ ކަމަށެވެ. މަހެއްގެ މައްޗަށް 12،000 ރުފިޔާ ނުލިބޭ ކަމުގައި ވަނީ ނަމަ އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް ވެ އެވެ. އެވަރު ލިބިގެން ވެސް އަމިއްލަ ގެދޮރު ނެތް މީހަކަށް މާލޭ ސަރަހައްދުގައި އެ ބުނާ "އަބުރުވެރި ދިރިއުޅުމެއް" ނުއުޅެވޭނެ އެވެ. އެވަރުގެ އާމްދަނީއެއް ހޯދަނީ ގޭބިސީގެ އެންމެ މީހެއް ކަމަށް ވާ ނަމަ އެވެ.

އެންމެ ކުޑަމިނުން ދ3 މުސާރައިގެ ވާހަކައިގެ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކައުންސިލްތަކުގެ އިންތިޚާބު ކައިރި ވުމުން އެ އަޑު މާ ގަދަވާން ފަށައިފި ހެން ހީވެ އެވެ. މިހާރު އިވޭ އަޑަކީ އެންމެ ކުޑަ މިނުން ދެވޭ މުސާރަ އަކީ 12،000ރ އަށް ވުރެ މަދު އަދަދަކަށް ވެގެން ނުވާނެ ކަމަށެވެ. މަހެއްގެ މައްޗަށް 12،000 ރުފިޔާ ނުލިބޭ ކަމުގައި ވަނީ ނަމަ އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް ވެ އެވެ. އެވަރު ލިބިގެން ވެސް އަމިއްލަ ގެދޮރު ނެތް މީހަކަށް މާލޭ ސަރަހައްދުގައި އެ ބުނާ "އަބުރުވެރި ދިރިއުޅުމެއް" ނުއުޅެވޭނެ އެވެ. އެވަރުގެ އާމްދަނީއެއް ހޯދަނީ ގޭބިސީގެ އެންމެ މީހެއް ކަމަށް ވާ ނަމަ އެވެ.

ގިނަ ފަހަރަށް މި ކަހަލަ ވާހަކަތައް ވައިގައި ހިފަނީ މާލޭ ސަރަހައްދާ ގުޅުވާލުމުންނެވެ. މާލޭގައި ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަމުންނެވެ. ކުއްޔަށް ހިފަން ޖެހޭ ގެދޮރުގެ އަގު ބޮޑުކަމުންނެވެ. ދެ ކޮޓަރީގެ އާދައިގެ އެޕާޓްމެންޓެއް 18،000 ރުފިޔާ އަށް ލިބުނަސް ރަނގަޅެވެ. ( މިހެން މި ލިއުނީ މިހާރު ދެ ކޮޓަރީގެ ޖާގަ ތަނަވަސް އެޕާޓްމެންޓެއް 18،000 ރުފިޔާ އަށް ނުލިބޭނެ ކަން ނޭނގިގެންނެއް ނޫނެވެ.) އެ އެޕާޓުމެންޓުމެންޓްގައި އުޅެނީ ދެމަފިރިން ކަމަށް ވިޔަސް ނުވަތަ ޒަވާޖީ ޙަޔާތެއް ފަށައިފައި ނުވާ މީހަކަށް ވިޔަސް އެ ބައެއްގެ ވެސް މައިންބަފައިން ނުވަތަ ބަލަދު އަރާ ބަޔަކު ތިބޭނެ އެވެ. މައިންބަފައިންނަށް ވެސް ޚަރަދު ކުރަން ޖެހޭނެ އެވެ. އެޕާޓުމެންޓްގެ ދިއްލުމާއި، ފެނަށް ވެސް ޚަރަދު ކުރަން ޖެހޭނެ އެވެ. ކުންޏަށް ޚަރަދު ކުރަން ޖެހޭނެ އެވެ. ކެއުމަށް ޚަރަދު ކުރަން ޖެހޭނެ އެވެ. އިންޓަނެޓަށް ޚަރަދު ކުރަން ޖެހޭނެ އެވެ. ދަތުރުފަތުރު ކުރުމަށާއި ބޭސްފަރުވާ އަށް ވެސް ޚަރަދު ކުރަން ޖެހޭނެ އެވެ. އާސަންދަ ލިބުނަސް އެވެ. މިހެން ވުމާ އެކު ގޭބިސީގައި މަސައްކަތް ކުރާ އެކެއްގެ މުސާރަ އަށް ލިބޭ 12،000 ރުފިޔާ އިން މާލޭގައި އަބުރުވެރި ދިރިއުޅުމެއް އުޅެނީ ކިހިނެއް ބާވަ އެވެ؟

މާލެ އަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންތައް އޮންނަ ގޮތަށް ބަލާ އިރު ރާއްޖޭގައި އޮތް ހަމައެކަނި ސިޓީ އެވެ. ވޯޓު ހޯދަންވެގެން އިއުލާނަކުން ނުވަތަ ޤާނޫނަކުން ސިޓީއަކަށް ހަދާފައި އޮތް ރަށެއް ނޫނެވެ. ތަރައްގީ ވެފައި ހުރި ބައެއް ގައުމުތަކުގެ ބައެއް މީހުން ދެކޭ ގޮތުގައި މާލެ އަކީ ޓައުނެކެވެ. ކުޑަކަމުންނެވެ. މާލޭގެ އާބާދީ ބޮޑެވެ. މާލެ އަށް އަރާފައިބާ މީހުން ގިނަ އެވެ. ވިޔަފާރީގެ ބޭނުމަށް މާލެ އަންނަ ބިދޭސީންނާއި އަތޮޅުތަކުގެ މީހުން ވަރަށް ގިނަ އެވެ. މީގެ އިތުރަށް ފަތުރުވެރިން ގެންނަ ބޯޓެއް މާލޭގެ ކައިރީގައި ބަނދަރު ކޮށްފި ނަމަ އެ ދުވަހަކު މާލޭގެ ކޮންމެ ދިމާއަކުން އެ މީހުންތައް ފެންނާނެ އެވެ.

ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ލިބެން ނުހުންނަ ހުރިހާ ވަސީލަތެއް މާލެ އިން ލިބެން ހުރެ އެވެ. ބޮޑެތި ގައުމުތަކުގެ ސިޓީތަކުގައި ހުންނަ ހުރިހާ ގޯސް ކަންތައް މާލޭގައި އެބަ ހުއްޓެވެ. މާލޭގެ ކުޑަކަމާއި އެހެން ގައުމުތަކުގެ ސިޓީތަކުގެ ބިޔަ ކަމަށް ބަލާ އިރު ނިސްބަތުން، މާލޭގައި ހިނގާ ބައެއް ގޯސްތައް ހުންނަނީ އެ ގައުމުތަކަށް ވުރެ ކުރީގަ އެވެ. މި ހުރިހާ ކަންކަމާ ހުރެ މާލެ އަކީ އާދަޔާ ޚިލާފަށް މީހުން ގިނަ، މައްސަލަތައް ގިނަ، ގިނަ ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކުން ޤަބޫލުކުރެވޭ ފެންވަރުގެ ނަތީޖާއެއް ނެރެވިފައި ނުވާ ރަށެކެވެ. މާލޭގައި ދިރިއުޅުމުގެ ފެންވަރު ވަނީ ރާއްޖޭގައި ސިޓީ ކިޔާ ރަށްރަށަށް ވުރެ މާ މަތީގަ އެވެ. ކުޅުދުއްފުއްޓާއި ހަނިމާދު އާއި ކުޑަހުވަދު އާއި ފޮނަދު އާއި ތިނަދޫ ފަދަ ރަށްރަށް އެ އޮތީ ސިޓީގެ ލިސްޓަށް އެރުމުގެ އިންތިޒާރުގަ އެވެ. މާލެ މިންގަނޑަކަށް ބަލައިގެން އެންމެ ކުޑަކޮށް ދޭ އުޖޫރަ އަކީ 12،000 ރުފިޔާ ކަމަށް ހަދައިފި ނަމަ އެކަމުގެ ސަބަބުން ނުކުންނާނެ ހެވަކަށް ވުރެ ދަތިކަން ބޮޑުވެދާނެ އެވެ.

މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރައެއް ކަނޑަ އެޅުމަށް ވާހަކަ ދައްކާ މީހުން އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލެއް ނުދެ އެވެ. ކުޑަ އުޖޫރަ ދިނުމުގެ ލިސްޓުން ސަރުކާރުގެ މުވައްޒަފުން އިސްތިސްނާވޭ ބާވަ އެވެ؟ މިހާރު ވެސް ސަރުކާރުގެ ގިނަ މުވައްޒަފުންނަކީ މުސާރަ އަށް ގެއަށް ގެންދަން ހައެއްކަ ހާސް ރުފިޔާ އަށް ވުރެ މަދުން ލިބޭ މީހުންނެވެ. އަޅުގަނޑު މި ދަންނަވަނީ ހަމައެކަނި މުސާރައިގެ ވާހަކަ އެވެ. ޢިނާޔަތްތައް ނުލަ އެވެ. ސަބަބަކީ ޢިނާޔަތަކީ އެމީހަކު ކުރަން ޖެހޭ އިތުރު ކަމަކަށް ދެވޭ އެއްޗަކަށް ވާތީވެ އެވެ. މިސާލަކަށް ޔުނިފޯމް ލާ މީހުންނަށް ދޭ އިނާޔަތެވެ. މަސައްކަތް ކުރާ މީހުންނަށް ދޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ ކުރިން ސަރުކާރުން މިހާރު އެ މިންގަނޑުން ދިނުމަށް ވިސްނާފައި އޮތް މުސާރައެއް ސަރުކާރުގެ މުއައްޒަފުންނަށް ދޭން ފަށަންވީ ނޫން ބާވަ އެވެ؟ އެއީ 12،000ރ ކަމަށް ވާ ނަމަ އެ މުސާރަ، ސަރުކާރުގައި މުސާރަ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ހަމަޖައްސައިގެންނެވެ. އެއިރުން ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ މުޅި އޮނިގަނޑު ބަދަލުވެގެން ދާނެ އެވެ. ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އެ ނިސްބަތުން ބޮޑުވެގެން ދާނެ އެވެ. އިންސާފުވެރި ގޮތަކީ ވެސް އެއީ އެވެ. ބަޖެޓަށް ވަރަށް ބާރު ބޮޑުވާނެ އެވެ. އަޅުގަނޑުމެން މިދައްކަނީ ހަމައެކަނި މުސާރަ އަށް އެތައް މިލިއަން ރުފިޔާއެއް އިތުރަށް ޚަރަދު ކުރަން ޖެހޭނެ ވާހަކަ އެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ގައުމުތަކުގެ މަސައްކަތްތެރިންނާ މެދު ވަރަށް އިހާނާތްތެރިކޮށް ވާހަކަ ދައްކާ ބަޔެކެވެ. ބައެއް ފަހަރު ބައެއް ވާހަކައިގެ އަޑު އިވިފައި ނަސްލީ އިމްތިޔާޒުގެ މައްސަލައެއް އުޅެނީ ކަމަށް ވިސްނޭ ހިސާބަށް ދެ އެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރައެއް ކަނޑައެޅޭ ނަމަ ބިދޭސީންނަށް އެ އުޖޫރަ ލިބުން ހައްގުވާން ވާނެ އެވެ. އެއީ 12،000ރ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން މިދައްކަނީ 700 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ މުސާރައިގެ ވާހަކަ އެވެ. އެވަރުގެ މުސާރައެއް ދީގެން މަސައްކަތު މީހުން ގެންގުޅެވޭނީ މާލޭގެ ކިތައް ގޭބިސީގައިތޯ އެވެ؟ ދިވެހިން ގެންގުޅެންވީ ނޫންތޯ ސުވާލު ކުރައްވަފާނެ އެވެ. ދިވެހިން ދައްކަނީ ވާހަކަ އެވެ. ވަޒީފާގައި ބިދޭސީން ތިބޭ ވާހަކަ އެވެ. މަސައްކަތު މީހުންގެ ވަޒީފާ އަދާކުރާ ދިވެހި މަސައްކަތު މީހުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަން ބޭނުމެއް ނުވެ އެވެ. ދުވަސްކޮޅަކު ވަޒީފާގައި އުޅެފައި ވަޒީފާ ދޫކޮށްލަނީ އެވެ. ހަގީގަތުގައި މަސައްކަތެއް ކުރަން ވެސް ބޭނުން ނުވަނީ އެވެ.

ރިޒޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަށް ހާއްސަ ގޮތެއް ކަނޑައެޅޭނެ ބާވަ އެވެ؟ ގިނަ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަށް ލިބޭ ފައިސާގެ އަދަދު ކުޑަ އެވެ. އެ މީހުންނަށް އިތުރު ފައިސާ ލިބެނީ އެހެނިހެން ގޮތްގޮތަށެވެ. ފަތުރުވެރިން ސާވިސް ޗާޖްގެ ގޮތުގައި ދޭ ފައިސާ އިންނާއި ބަޚްޝިޝްގެ ގޮތުގައި ދޭ ފައިސާ އިންނެވެ. އެ ގޮތަށް މަހަކު އެތައް ހާސް ރުފިޔާގެ އާމްދަނީއެއް ލިބުނަސް އެއީ އެ މީހުންނަށް ލިބޭ މުސާރަ ކަމަށް ބެލެވިގެން ނުވާނެ އެވެ. އެފަދަ އާމްދަނީ ހިމެނެންވާނީ މުސާރައިގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކުން ތަފާތު އެލަވަންސްތައް ދޭ ގިންތީގަ އެވެ.

ރިޒޯޓުތައް ހިންގާ މީހުންނަކީ އެ މީހުންގެ މާލީ ބާރުން، އެ މީހުންނާ ގުޅުން ހުރި ބޮޑެތި ކަންތައް އެ މީހުން ބޭނުން ގޮތަކަށް އަނބުރާ ލުބުމުގެ ގާބިލްކަން ލިބިގެން ވާ ބައެކެވެ. އެ މީހުންނަކީ ސިޔާސީ ވާހަކަ ދައްކާ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ނޫނެވެ. މާ އުނދަގޫ ބޮޑުވާން ފެށުމުން، އަތް އަނބުރާލާ ހިސާބަށް ދިއުމުން ހަދާނެ ގޮތް އެމީހުންނަށް އެނގެ އެވެ. ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ޖެހިފައިވާ ހާލަށް ބައްލަވާށެވެ. ސަރުކާރުން ފަތުރުވެރިކަމުގައި ޢާއްމުން ބައިވެރިވުން އިތުރު ކުރާ ވާހަކަ ދައްކަ އެވެ. އެކަމަކު އެމްޓީޑީސީގެ ވާހަކައެއް ނުދައްކަ އެވެ. އެ ވާހަކަ ދައްކާކަށް ނުކެރޭނެ އެވެ. ތިމާއާ ނުބެހޭ ހުރިހާ ކަމެއްގައި ވެސް އަނގަ ބާނައިގެން ވާހަކަ ދައްކާ ސިޔާސީ މީހުންނަށް ވެސް އެ ވާހަކަ ދައްކާކަށް ނުކެރެ އެވެ.

އަޅުގަނޑުމެން މިތިބީ ބަލާށެވެ. އެންމެ ކުޑަމިނުން ދެވޭ މުސާރަ ތަޢާރަފް ކުރެވޭ ދުވަހެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނާ މެދު އެފަދަ ގާނޫނެއް ތަންފީޒު ކުރެވޭނެ ގޮތަކަށެވެ.