Roadha Mihaaru
މެދު ފަންތީގެ ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ފަށާނަން

މެދު ފަންތީގެ ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ފަށާނަން: ރައީސް

27 ސެޕްޓެމްބަރ 2016

މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި މެދު ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކޮށް، ހިންގުމަށް "މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދާފަ އެވެ. އެއީ ޓޫރިޒަމްގެ ފައިދާ ސީދާ ގޮތެއްގައި ލިބޭ ފަރާތްތައް އިތުރުކުރަން އުފެއްދި ކުންފުންޏެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަހިކޮށްދެވެން ހުރި ކަންކަން މި ގެންދަނީ ފަހިކޮށްދެމުންނެވެ،" ރައީސް ވިދާޅުވި އެވެ.

މެދު ފަންތީގެ ޓޫރިޒަމް ފުޅާކުރަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވިއިރު، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެ ގޮތުން، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް މިހާރު ވެސް ހުރިއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.

ގެސްޓްހައުސް ވިޔަފާރީގައި އާއްމުން އިންވެސްޓުކުރާ މިންވަރު އިތުރުވަމުން އަންނައިރު، ސަރުކާރުން ވެސް ވަނީ އިންޓަގްރޭޓެޑް ރިސޯޓެއް ލ. އަތޮޅުގައި ތަރައްގީކުރަން ހުޅުވާލާފަ އެވެ. މިއީ ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ބައެކެވެ. އެކަމަކު، މި މަޝްރޫއު އަދި ކުރިއަކަށް ނުދެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް، ތަރައްގީ ކުރަން ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެ ގޮތުން، އެ މަނިކުފާނު ނެންގެވި މިސާލަކީ މި އަހަރުގެ މިހާތަނަށް ހުޅުވާފައިވާ ހަތަރު ރިސޯޓާއި އަހަރު ނިމުމުގެ ކުރިން ހުޅުވަން ނިންމާފައިވާ އިތުރު ނުވަ ރިސޯޓެވެ. އޭގެ އިތުރުން، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫއު ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމުގައި ރާއްޖެ އަކީ ލާމަސީލު މިސާލެކެވެ. އެހެންވެ، އެ ހިދުމަތް އިތުރަށް ތަރައްގީ ކުރަން، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް ދޭން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"މިފަދަ ވަސީލަތްތައް ގާއިމުކުރެވުމުން، ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިރާދަކުރެއްވިއްޔާ މިހާރަށް ވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ،" ރައީސް ވިދާޅުވި އެވެ.