Roadha Mihaaru
ބަރެސްދޫގެ މަގަށް 4 މިލިއަން، 2017 ގައި ނިންމަނީ

ބަރެސްދޫގެ މަގު ހަދަން ހަތަރު މިލިއަނެއްހާ ރުފިޔާ އަށް ހަވާލުކޮށްފި، އަންނަ އަހަރު ރަށް ނިންމަނީ

16 ނޮވެމްބަރ 2016

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ލ. ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ރަށް ނިންމަން އަމާޒު ހިފައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ލ. ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ރަށް ނިންމަން އަމާޒު ހިފައިފި އެވެ.

ނުވަ ދިހަ ދުވަހުގެ ތެރޭގައި ބަރެސްދޫގެ މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސްއާ އެވެ. އެ ކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ހެވީ ފޯސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ނުވަތަ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު 2014 ގައި އިއުލާން ކުރިއިރު އެންމެ ފުރަތަމަ ނިންމާފައި ވަނީ ލ. ތުނބުރި ތަރައްގީކުރުމަށެވެ. އެކަމަކު، އެ ރަށާއި އެ ތަނުގެ ކައިރީގައި އޮންނަ ހުޅިޔަންދޫ މި މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް ބަދަލުކޮށް، ފުރަތަމަ ފިޔަވަހީގައި ތުނބުރި ތަރައްގީކުރަން ނިންމައި އެ ރަށް މިދިޔަ އަހަރު ވަނީ އެމްއެމްޕީއާރުސީއާ ހަވާލުކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުގެ މޭ މަހު ހެވީ ފޯސްއާ ތުނބުރީގެ ދެ މަސައްކަތެއް ހަވާލުކޮށްފަ އެވެ. ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ އަށް އެ ކުންފުންޏާ ހަވާލުކުރީ އެ ރަށުގައި ބަނދަރެއް ހެދުމާއި ދަތުރުފަތުރުގެ ނިޒާމަކުން ތުނބުރި އާއި ލ. އަތޮޅުގެ އެހެން ރަށްރަށާ ގުޅުވާލުމުގެ މަސައްކަތެވެ.

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހާރިސް ވިދާޅުވީ މިދިޔަ އަހަރު އިއުލާންކުރި ބަރެސްދޫ ތަރައްގީކުރުމުގެ މަޝްރޫއު ލަސްވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެ ރަށުގެ މަގުތައް ހަދަން މިއަދު ބަޔަކާ ހަވާލުކުރެވުމާ އެކު، ބަރެސްދޫ ތަރައްގީކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ 2018 ގެ ކުރިން ބަރެސްދޫގެ މަސައްކަތް ނިންމާލުމަށް،" ހާރިސް ވިދާޅުވި އެވެ.

އެކަމަކު، ބަރެސްދޫގެ މަޝްރޫއު އަލަށް އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި ގާނޫނީ ހުރިހާ ކަމެއް ނިންމުމަށް ފަހު އެ އެމްއައިޓީޑީސީއާ ހަވާލުކުރާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

ބިންތައް ވަކިވަކިން ވިއްކާ ގޮތަށް ތަރައްގީކުރާ ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން މިދިޔަ އަހަރު ބުނެފައިވެ އެވެ. އަދި މޫދު ކޮޓަރި ހެދުމަށް ވެސް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މަސައްކަތް އެއްކޮށް ނިމޭއިރު އެ ރަށުގައި ޖުމްލަ 20،000 އެނދު ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.

ސަރުކާރުން ގެސްޓް ހައުސް ވިޔަފާރި އަށް ވަންނަން މަސައްކަތް ކުރާއިރު، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެ ގޮތުން، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް މިހާރު ވެސް ހުރިއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.