Roadha Mihaaru
ހައިލަމް ބޭނުންކުރީ ކޮން ބައެއްގެ ކުރެހުމެއް؟

ހައިލަމް ބޭނުންކުރެއްވީ ކޮން ބައެއްގެ ކުރެހުމެއް؟

05 ނޮވެމްބަރ 2019

ވައިބާ ގުރޫޕަކަށް ލެއްވި ކުރެހުމެއްގެ ސަބަބުން ގާޒީއަކަށް މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދަބު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް މިވަނީ ލިބިވަޑައިގެންފަ އެވެ. ސުވާލަކީ ޖޭއެސްސީން އޭނާ ސަސްޕެންޑްކުރި ސަބަބަކަށް ވި ކުރެހުމުގެ އަސްލު "ވެރިފަރާތަކީ" ކޮބައި ހެއްޔެވެ؟

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވައިބާ ގުރޫޕަކަށް ލެއްވި ކުރެހުމެއްގެ ސަބަބުން ގާޒީއަކަށް މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދަބު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް މިވަނީ ލިބިވަޑައިގެންފަ އެވެ. ސުވާލަކީ ޖޭއެސްސީން އޭނާ ސަސްޕެންޑްކުރި ސަބަބަކަށް ވި ކުރެހުމުގެ އަސްލު "ވެރިފަރާތަކީ" ކޮބައި ހެއްޔެވެ؟

ނޮވެމްބަރު 3 ގެ އެންމެ އިސް ދެ ޓެރަރިސްޓުން ކަމަށް ވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާ އެކު ހިލިހިލާ ޖަހާފައި ތިއްބާ ދައްކައިދޭ ކުރެހުމުގައި ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަނެ އެވެ.

މިއީ މިހާރުގެ ސަރުކާރާ ދެކޮޅު އަދި ޕީޕީއެމަށް ތާއީދުކުރާ "އޮށްވަޅު" ނަމަކަށް ކިޔާ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމުކުރި ކުރެހުމެކެވެ. ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަން ބޭނުންކުރި އެ ކުރެހުމުގައި ލިއެފައި ވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެންނެވެ. ކުރެހުމުގައި "އޮށްވަޅު" ގުރޫޕުގެ ލޯގޯ ވެސް ޖަހާފައިވެ އެވެ.

އޮށްވަޅު ޓްވިޓާ އެކައުންޓުން ޕޯސްޓް ކުރި ފޮޓޯ

މި އެކައުންޓުން ކޮންމެ ދުވަހަކުހެން ޕީޕީއެމަށް ތާއީދުކޮށް އެކި ޕޯސްޓްތައް އާންމުކުރެ އެވެ. އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށާއި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. ހާއްސަކޮށް ނަޝީދަށް އަމާޒުކުރާ ފާޑުކިޔުންތައް ގިނަ އެވެ.

ކުރެހުމުގައި ހިމެނޭ މީހުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުންނަ ސިފައިންގެ މީހާ ވައްތަރުކޮށްފައި ވަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމާ އެވެ.

ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--

ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--

ހައިލަމް ވިދާޅުވާ ގޮތުގައި އޭނާ އެ ކުރެން ބޭނުންކުރެއްވި އިރު އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ދެ ބޭފުޅުންގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގަތެވެ.

ހައިލަމް ސަސްޕެންޑްކުރުމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ މަޖިލިސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވީ ހައިލަމެވެ. ހުކުމް އިއްވުން ތާވަލްކޮށްފައި އޮތީ މިއަދު އެކެއް ޖަހާ އިރަށެވެ.