Roadha Mihaaru
ފޮޓޯ ފޮނުއްވި މައްސަލައިގައި ހައިލަމް މާފަށް އެދިއްޖެ

ވައިބާ އިން ފޮނުއްވި ފޮޓޯއާ ގުޅިގެން ގާޒީ ހައިލަމް މާފަށް އެދިވަޑައިގެންފި

05 ނޮވެމްބަރ 2019

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުއްވާފައި ވާތީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުއްވާފައި ވާތީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި ވެ އެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް ގާޒީ ހައިލަމަށް އަމާޒުވެފައި ވަނިކޮށް، އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، އެ ފޮޓޯ ބޭނުން ކުރެއްވީ ނޮވެމްބަރު 3 ގެ ހަމަލައިގެ އިސް މޭސްތިރި ލުތުފީ ފެންނާތީ ކަމަށެވެ. އޭރު ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ބެއްލެވިފައި ނުވާ ކަމަށް ވެސް ހައިލަމް ނެރުއްވި ބަޔާނުގައިވެ އެވެ.

"ވައިބަ ގްރޫޕަށް އަޅުގަނޑު ފޮޓޯލި އިރު އެ ފޮޓޯގައިވާ ކުރެހުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަށް ނިސްބަތް ކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އަޅުގަނޑަށް އެނގިފައެއް ނުވެ އެވެ،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ފޮޓޯގައި އެފަދަ ކުރެހުމަށް ހުރެދާނެ ކަމަށް ވިސްނާލެއްވިފައެއް ވެސް ނެތެވެ. އެކަމާ ގުޅިގެން ހައިލަމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

ހައިލަމްގެ މި މެސެޖު ލީކުވެފައި މި ވަނީ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ، ޔާމީންގެ މައްސަލައިގައި ރިޝްވަތު ނަންގަވާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އިރު، އެއީ ކޯޓުގައި ކުރިއަށްދާ މައްސަލަ އާއި އޭނާ ކުރައްވާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑު މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައި ދިނުމަށް އެއްވެސް އިރެއްގައި، އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ފޮނުއްވި މެސެޖާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.