Roadha Mihaaru
ދެން އޮތީ މެންބަރު ތޯރިގް "ނީލް ޑައުން" ކުރުން؟

ދެން އޮތީ މެންބަރު ތޯރިގް "ނީލް ޑައުން" ކުރުން؟

05 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލީހުގައި ކަށިގަނޑު ފުމޭތީ ރިޔާސަތުން އިއްޔެ އެންގެވީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށެވެ. މިއަދު ވެސް މަޖިލިސް ހޫނުވު އަޑުގަދަކުރައްވަން ފެއްޓެވުމުން ތޯރިގްގެ ނަން އިއްވައި ތަޅުމުން ނުކުމެވަޑައިގަތުމަށް ޓޮމް އަށް އެންގެވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލީހުގައި ކަށިގަނޑު ފުމޭތީ ރިޔާސަތުން އިއްޔެ އެންގެވީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށެވެ. މިއަދު ވެސް މަޖިލިސް ހޫނުވު އަޑުގަދަކުރައްވަން ފެއްޓެވުމުން ތޯރިގްގެ ނަން އިއްވައި ތަޅުމުން ނުކުމެވަޑައިގަތުމަށް ޓޮމް އަށް އެންގެވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މި އެންގެވުމަށް ތޯރިގް އަމަލުނުކުރެއްވުމުން ދެން ވިދާޅުވީ "ފާރަށް މޫނު ލައިގެން ކޮއްޅަށް" ހުންނެވުމަށެވެ.

ކުރީ ޒަމާނުގައި ސްކޫލެއްގެ ކްލާސް ރޫމުގައި ޓީޗަރުން ދަރިވަރުންނާ މެދު އަމަލުކުރާ ގޮތަށް މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް މެދު އަމަލުކުރައްވާތީ އެކަމަށް އެއްބަޔަކު ތައުރީފުކުރެ އެވެ. އެކަމަކު މިއީ މެންބަރުންނާ މެދު މުއާމަލާތްކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ.

ނަޝީދު މިހާތަނަށް ދެ ފަހަރެއްގެ މަތިން ތޯރިގަށް އަދަބު ދެއްވާފައި ވާއިރު، އެ ހަމައިން ބަލާ ނަމަ ދެން އޮންނާނީ "ނީލް ޑައުންކުރުން" ކަމަށް ވެދާނެ އެވެ. އެކަމަކު ރިޔާސަތުން މި އަންގާ ތަފާތު އެންގުތައް ރިޔާސަތުން ވެސް ނަންގަވަނީ ސަމާސާއެއްގެ ގޮތުގަ އެވެ. އެއީ އެ އެންގެވުންތަކަށް އަމަލުކުރައްވާތޯ ނުބައްލަވާތީ އެވެ.

މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް ހަލީމް މިއަދު މަސައްކަތް ކުރައްވަނީ.

މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް ހަލީމް މިއަދު މަސައްކަތް ކުރައްވަނީ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނަން" ކަމަށް 100 ފަހަރު ލިޔުއްވުމަށް ތޯރިގަށް ނަޝީދު އެންގެވި އެވެ. އެކަމަކު އެގޮތަށް ތޯރިގް އަމަލުކުރެއްވި ކަމެއް ނޭނގެ އެވެ.

ނަޝީދު، އެ "އަދަބު" ދެއްވިތާ 24 ގަޑިއިރު ނުވަނީސް، މިއަދު އެންގެވީ ތަޅުމުން ނުކުމެވަޑައިގެން ބޭރުގައި ފާރަށް މޫނު ލައިގެން ހުންނެވުމަށެވެ. މިއީ ޓީޗަރުންގެ ބަސް ނޭހުމުން ކްލާހުން ބޭރަށް ލައި، އަދަބު ދިނުމުގެ ގޮތުން ކޮށް އުޅުނު ކަމެކެވެ. އެކަމަކު މިހާރު އެއީ ދޭ އަދަބުތަކެއް ނޫނެވެ.

ނަޝީދު 19 ވަނަ މަޖިލިސް ފެށުނީއްސުރެ، ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ހިނގާ ކަންކަން މަޖިލިސް ތެރޭގައި ވެސް ހިނގާނެ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ އިރު، "މަދަރުސާގެ ކްލާސް ރޫމްގައި" އަމަލު ކުރައްވާ އުސޫލާ އެއްގޮތަށް ކަމަށާއި ތަޅުމުން ނުކުންނަވަން ޖެހޭނީ އެމަނިކުފާނަށް އިޝާރާތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ސޯޝަލް މީޑިއާގައި ކުރިން ވަރަށް ބޮޑަށް ވައިރަލް ވި ވާހަކަ އެކެވެ.

ތޯރިގާއި އިދިކޮޅު ބައެއް މެމްބަރުން އަޑު ގަދަ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ ނަޝީދާއި ޖޭއެސްސީ އިން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށެވެ. އަދި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވި އިރު، ދުންމާރި އާއި ތާޅަފިލި ފަދަ ތަކެތި ބޭނުންކުރި އަޑު ވެސް އިވުނެވެ.

ތޯރިގްގެ ނަން އިއްވުމާ ގުޅިގެން އޭނާ އެންމެ ފުރަތަމަ ތަޅުމުން ނުކުމެވަޑައިނުގެން އިންނެވި އެވެ.

އެކަމާ ގުޅިގެން ނަޝީދު ވަނީ ތޯރިގްގެ އަތުގައި ދުންމާރި އޮތް ކަމަށް ވިދާޅުވެ، އެ އަތުލައި މަޖިލިހުގެ އިދާރާއާ ހަވާލު ކުރެއްވުމަށް ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެންމެ ފަހުން ތޯރިގް ތަޅުމުން ނުކުމެވަޑައިގެންނެވީ ހަލީމްއާ އެކުގަ އެވެ.

މަޖިލިހުގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ މަޖިލިހުގައި ބައިވަރު މަސައްކަތް ހުރި އިރު، ހައެއްކަ މެމްބަރުންނަށް މަޖިލިހުގެ ނިޒާމު ނަގާނުލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މެމްބަރުންނަށް އަޑުގަދަ ނުކުރެއްވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން މިކަން ނިންމާފައި އޮތީ މިގޮތަށް. ކުރީގައި ނިންމާފައި އޮތް ގޮތަކަށް ނޫން ރައްޔިތުން ނިންމާފައި އޮތީ. ރައްޔިތުން ނިންމާފައި އޮތީ އެމްޑީޕީ އަށް 65 ގޮނޑި. ދެން ކިހިނެއްތޯ މި ތަނުގެ ނިޒާމު ނަގާލެއްވޭނީ؟ އެކަމެއް ނުވާނެ ނޫންތޯ؟" މަޖިލީހުގައި ނަޝީދު ވިދާޅުވި އެވެ.

ސާޖެންޓް އެޓް އާމްސްގެ އެންގެވުމަށް ތޯރިގް މިއަދު މަޖިލިހުން ނުކުމެވަޑައިގަންނަވަނީ.

ސާޖެންޓް އެޓް އާމްސްގެ އެންގެވުމަށް ތޯރިގް މިއަދު މަޖިލިހުން ނުކުމެވަޑައިގަންނަވަނީ.

ނަޝީދު ވިދާޅުވި ގޮތުގައި މިކަން ބޮޑުވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. އަދި އެއީ މެމްބަރުންގެ "ގާތް ތިމާގެ" ބޭފުޅުން އެދޭނެ ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ ތަޅުން ހޫނުވެގެން ދިޔަ އިރު، މަޖިލިހުގައި މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވީ އެއްވެ އުޅުމުގެ މިނިވަން ކަން ހަނިވާ ގޮތަށް އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލްނުކޮށް ލަސް ކުރަމުންދާތީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަކަށެވެ. އެކަމަކު، ގިނަ މެމްބަރުން ބަހުސް ކުރެއްވީ ހައިލަމް ވައިބަ ގްރޫޕަށް ފޮނުއްވި ފޮޓޯ އާއި އޭނާ ސަސްޕެންޑް ކުރި މައްސަލައިގަ އެވެ.