Roadha Mihaaru
ނަޝީދު ތޯރިގަށް: ކަށިގަނޑު ނުފުމެން 100ފަހަރު ލިޔޭ

ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރު ލިޔަން މެންބަރު ތޯރިގަށް އަންގަވައިފި

04 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް މިއަދު އަންގަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް މިއަދު އަންގަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުއްވި މެސެޖަކާ ގުޅިގެން މަޖިލިހުގެ ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ.

އެވަގުތު އިދާރީ މޭޒު ކައިރީގައި ތިއްބަވައިގެން އިދިކޮޅު މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައި ކޯޓުތަކަށް އެމްޑީޕީން ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތުކޮށްފަ އެވެ.

އިދާރީ މޭޒު ކައިރިއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ތޯރިގްގެ އިތުރުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަދި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް އިހުތިޖާޖްގައި ބައިވެރިވެޑައިގަތެވެ.

މަޖިލިހުގައި ވަރަށް ބޮޑަށް އަޑުގަދަ ވެގެން ދިޔަ އިރު ވެސް، ނަޝީދު ވަނީ މަޖިލިސް ހުއްޓާނުލައްވައި ކުރިއަށް ގެންދަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިހުގެ "ނިޒާމު ގެއްލޭ ފަދަ ކަމެއް" ފާހަގަ ނުކުރެއްވޭ ކަމަށެވެ.

އެކަމަކު، މަޖިލިހުގައި އިދިކޮޅު މެމްބަރުން ދުންމާރި އާއި ކަށިގަނޑު ހިފައިގެން ވަންނަވައި މަޖިލިހުގައި އަޑުގަދަ ކުރެއްވި އެވެ. އެކަން ކުރައްވަނީ ސީދާ ކޮން ބޭފުޅެއް ކަން ޓީވީން ސާފެއް ނުވެ އެވެ.

އެކަމަކު، ޖަލްސާގެ ވަކި ހިސާބަކުން ފަޒުލް އާއި ތޯރިގްގެ ނަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަޝީދު ވިދާޅުވީ، ފަޒުލްގެ އަތުގައި ކަށިގަނޑު އޮތް ތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ފަހުން، ނަޝީދު ތޯރިގް އަރިހުން އެދިވަޑައިގެންފައި ވަނީ މީގެ ކުރިން މަޖިލިސްގެ ރައީސަކު ވިދާޅު ނުވާ ވާހަކަ އެކެވެ.

"މަހިބަދޫ ދާއިރާގެ މެމްބަރު 100 ފަހަރު، ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން. މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ވެސް ދުންމާރި އާއި ކަށިގަނޑުގެ އަޑު މަޖިލިހުގެ ތަޅުމުން އިވެމުން ދިޔަ އެވެ.

ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބްގެ ވައިބަ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާ އެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ.

އެ ހުރިހާ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ. އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި އިނދެ އެވެ.

އެހެންވެ، އެކަމާ ގުޅިގެން ހައިލަމް ސަސްޕެންޑް ކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި ހައިލަމަށް ފާޑު ވިދާޅުވަނީ މާދަމާ އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫރު ފޯރުވުމުގެ ބޭނުމުގަ އެވެ.