Roadha Mihaaru
ޕަބްލިކް ހެލްތު ފަންޑް ލޯންޗްކޮށްފި

އުފެއްދިތާ ހަތް އަހަރު ފަހުން ޕަބްލިކް ހެލްތު ފަންޑު ލޯންޗްކޮށްފި

06 ނޮވެމްބަރ 2019

ރާއްޖޭގައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ އުސޫލުތައް ބަޔާންކޮށް 2012 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ އާއްމު ސިއްހަތުގެ ގާނޫނުގައި ބުނާ ޕަބްލިކް ހެލްތު ފަންޑު ސަރުކާރުން މިއަދު ލޯންޗް ކޮށްފި އެވެ.

މުހައްމަދު ނަސީމް ޕެރެޑައިސް އައިލެންޑް ރިސޯޓުން މުހައްމަދު ނަސީމް

ރާއްޖޭގައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ އުސޫލުތައް ބަޔާންކޮށް 2012 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ އާއްމު ސިއްހަތުގެ ގާނޫނުގައި ބުނާ ޕަބްލިކް ހެލްތު ފަންޑު ސަރުކާރުން މިއަދު ލޯންޗް ކޮށްފި އެވެ.

ޕަބްލިކް ހެލްތު ފަންޑު ލޯންޗް ކުރީ ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށް ގެންދާ އާއްމު ސިއްހަތުގެ މަހާސިންތާގެ ތެރެއިން އެކަމަށް ހާއްސަކޮށް ބޭއްވި ސެޝަނެއްްގަ އެވެ. ފަންޑް ލޯންޗްކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ފަންޑް ލޯންކޮށްދެއްވުމަށް ފަހު ވާހަކަ ދައްްކަވަމުން އަމީން ވިދާޅުވީ ގާނޫނު ވުޖޫދަށް އައިތާ އެތައް އަހަރެއް ފަހުން ވެސް ޕަބްލިކް ހެލްތު ފަންޑް ފަންޑަކަށް ވެގެންދާތަން ފެނުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަަމަށެވެ. ޕަބްލިކް ހެލްތު ފަންޑަކީ ތިޔާގި ފަންޑަަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ފަންޑަށް އެހީތެރިވެދިނުމަށް ރާއްޖޭގެ މުއްސަނދިންނަށް ގޮޮވައިލައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މުއްސަދިކަމުން، ދިވެހިރާއްޖޭގެ ރީތިކަމުން ދިވެހިރާއްޖޭގެ ބިމުން ފައިދާ ހޯއްދަވާ ހުރިހާ ބޭފުޅުން މި ފަންޑަށް އެހީތެރިވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އަމީން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކާއި ޖަމިއްޔާތަކުގެ އެހީ ފަންޑަށް ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމު ސިއްހަތުގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން "ޕަބްލިކް ހެލްތު ފަންޑު" ގާއިމްވީ ކަމަށެވެ. ފަންޑަށް ޖަމާކުރެވިދާނެ ފައިސާ ވެސް އެ ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެގޮތުން ޖަމާކުރެވޭނެ ފަައިސާއަކީ:

- ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ފާސްުރާ ބަޖެޓްގައި އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި ހަރަދުކުރަން ކަނޑައަޅާ ފައިސާ.

- އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސްތަކުން ފީގެ ގޮތުގައި ލިބޭ ފައިސާ.

- އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުންް ދޭ ހިދުމަތްތަކަށް ނަގާ ފީގެ ފައިސާ.

- ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓްތައް ވިއްކައިގެން ލިބޭ ފައިސާ.

-ގާނޫނުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ލިބޭ ފައިސާ.

-ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާތަކުގެ ފައިސާ.

- ސިނގިރެޓާއި ދުންފަތުން ނަގާ ޑިއުޓީގެ ތެރެއިން ވަކި ވަރެއް.

ފަންޑު ލޯންޗް ކުރުމަށް ފަހު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑައިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ފަންޑަށް ފައިސާ ޖަމާކުރަމުން ނުދިޔަ ނަމަވެސް އާއްމު ސިއްހަތުގެ ގާނޫނުގައި ބުނާ ކަންކަަމަށް މިހާރު ވެސް ފައިސާ ހަރަދުކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފަންޑެއް އޮތުން މުހިއްމު ކަމަށެވެ.

"ފަންޑެއް އޮތުމުގެ މައިގަނޑު އެއް މުހިއްމު ކަމަކީ އެއަށް ވަރަށް ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ފައިސާ ލިބިލިބި ހުރުމާއި ތަފާތު ކަންކަމަށް އެހެން ފަރާތްތަކުން ވެސް ލިބޭ އާމްދަނީ އެއަށް ވަދެގެން ދިއުމާ އެއަށް ޓާގެޓްކޮށްގެން ރަނގަޅު މަސަައްކަތްތަކެއް ކުރުން،" އޭނާ ވިދާޅުވި އެވެ.