Roadha Mihaaru
"އާސަންދައަކީ ވިޔަފާރިއެއް ކަމަށް ދެކިގެން ނުވާނެ"

އާސަންދަ އަކީ ވިޔަފާރި ފުޅާކުރަން އޮތް މަގެއް ކަމަށް ދެކިގެން ނުވާނެ: އަމީން

06 ނޮވެމްބަރ 2019

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަކީ ވިޔަފާރި ފުޅާކުރަން އޮތް މަގެއް ކަަމަށް ވިޔަފާރި ކުންފުނިތަކުން ދެކިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް ޕެރެޑައިސް އައިލެންޑް ރިސޯޓުން މުހައްމަދު ނަސީމް

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަކީ ވިޔަފާރި ފުޅާކުރަން އޮތް މަގެއް ކަަމަށް ވިޔަފާރި ކުންފުނިތަކުން ދެކިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށްދާ އާއްމު ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި އިއްޔެ ހަވީރު ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އާސަންދަ އަށް ދައުލަތުން މިހާރު ކުރާ މިންވަރަށް ހޭދަކޮށްްގެން ވެސް ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. ސިއްހީ ހިދުމަތުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ ވިޔަފާރިއަށް އޮތް މަގެއްގެ ގޮތުގައި އާސަންދަ ދެކިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޝުއަރެންސް ކުންފުނިތަކަށް ވެސް މިސާލަކަށް އާސަަންދަ ފެނިގެން ނުވާނެ ހަމަ އެކަނި ވިޔަފާރި ފުޅާކުރަން އޮތް ޕްލެޓްފޯމެއްގެ ގޮތުގައި. އެހެން ވެގެނެއް ނުވާނެ. ސިއްހީ ހިދުމަތުގެ ވިޔަފާރި އަށް ކުރިމަތިލާ މީހުން ވެސް ހަަމަ އެކަނި ވިޔަފާރި އަށް އޮތް މަގެއް ކަމަށް އާސަންދަ ދެކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތަށް ދައުލަތުން ހޭދަކުރާ ފައިސާއިން މިހާރަށް ވުރެ ރަނގަަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަށް ހިނގާ ހަރަދު ބޮޑުވާ އެއް ސަބަބެއްގެ ގޮތުގައި އަމީން ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ސިއްހީ ނިޒާމުގައި ވެރިން ގިނަވުމެވެ.

"ރާއްްޖޭގައި 187 ހެލްތު ފެސިލިޓީސް ހުރިއިރު، މި 187 ހެލްްތު ފެސިލިޓީސްގައި ގިނައީ ވެރިން. މި ހުރިހާ ވެރިން ވެގެން ރާއްޖޭގެ 187 ރަށުގައި، މިއަށް ވުރެ ފުރިހަމަ އަށް މި ހިދުމަތް ނުދެވޭނޭ ހެއްޔޭ؟" އަމީން ސުވާލުކުރެއްވި އެވެ.

ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދާ މަހާސިންތާ ނިންމާލާނީ މިއަދެވެ. މި މަހާސިންތާގައި 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. މަހާސިންތާގެ މައިގަނޑު އެއް ބޭނުމަކީ ޕަބްލިކް ހެލްތުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމުގެ ކަންކަން ތަންފީޒު ކުރާނެ މަގުޗާޓެއް މި ފޯރަމްގައި އެކުލަވައިލާނެ އެވެ.

މަހާސިންތާގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ.

އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާކުރެއްވި އެވެ.