Roadha Mihaaru
އިމާރާތް ބާވުމުން އޮފީހުގައި ތިބެނީ ހެލްމެޓު އަޅައިގެން

އިމާރާތް ރޫޅިގެން ފައިބާތީ އޮފީހުގައި ތިބެނީ ހެލްމެޓް އަޅައިގެން

11 ނޮވެމްބަރ 2019

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަންޑާ ސިޓީގެ ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންތަކެއް ހެލްމެޓް އަޅައިގެން މަސައްކަތްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަންޑާ ސިޓީގެ ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންތަކެއް ހެލްމެޓް އަޅައިގެން މަސައްކަތްކުރަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުގެ ކަރަންޓާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒަފުން ބޮލުގައި ހެލްމެޓް އަޅައިގެން އޮފީސްތެރޭގެ މަސައްކަތްކުރަން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ދާދި ފަހުން އިލެކްޓްރިސިޓީ ޑިޕާޓްމަންޓް އިމާރާތުގެ ސީލިންގުން ބައެއް މުވައްޒަފުންގެ ބޮލަށް ވެއްޓި އަނިޔާތަކެއްވެފައިވެ އެވެ.

އެހެންވެ އޮފީހުގައި ދިމާވެދާނެ އެފަދަ ހާދިސާއަކުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުން ހެލްމެޓް އަޅައިގެން މަސައްކަތްކުރަން ފެށީ އެވެ. މި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެ، އެތައް ބައެއްގެ ސަމާލުން މިކަމަށް ލިބިފައިވެ އެވެ.

ކަރަންޓާ ބެހޭ ޑިޕާޓްމަންޓްގެ ބައެއް މުވައްޒަފުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އިމާރާތް ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން އެތަނުގެ ރައްކާތެރިކަމާ ދޭތެރޭ މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި މި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައިތާ އެތައް އަހަރެއްވީ ވެސް އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެމެންގެ އަމިއްލަ ރައްކާތެރި ކަމަށް މިހާރު އޮފީސް މަސައްކަތުގައި ހެލްމެޓް އަޅައިގެން ތިބެނީ،" މީގެ ދެ އަހަރު ކުރިން ވަޒީފާއާ ގުޅުނު މުވައްޒަފަކު އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ބުންޏެވެ.

މީގެ ދެ އަހަރު ކުރިންް ބިހާރުގެ ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންތަކެއް ވެސް ހަމަ މިކަހަލަ ހާލަތަކާ ހެދި އޮފިސް ތެރޭގައި ހެލްމެޓް އަޅައިގެން ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވެ އެވެ.