Roadha Mihaaru
ހައިލަމާ ގުޅޭ ބަޔާނަކީ ޒިންމާ އަދާކުރުމެއް: ޖީހާން

ހައިލަމްގެ މައްސަލައިގައި ރައުޔު އާއްމުކޮށް ކޮމިޓީން އަދާކުރީ ޒިންމާ: ޖީހާން

11 ނޮވެމްބަރ 2019

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަން ހާމަކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުމަކީ ޒިންމާއެއް ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަން ހާމަކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުމަކީ ޒިންމާއެއް ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހައިލަމް ފޮނުއްވި މެސެޖާ ގުޅޭ ގޮތުން ކޮމިޓީން ނެރުނު ބަޔާނުގައި ބުނީ ހައިލަމް ފޮޓޯ ފޮނުއްވުމަކީ އިންސާނީ ކަރާމާތާ ޚިލާފް އަމަލެއް ކަމަށް އެ ކޮމެޓީއަށް އިއްތިފާގުވެވޭ ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު މެމްބަރުން ސިފަކުރެއްވި ގޮތުގައި އެގޮތަށް ކޮމިޓީތަކުން ބަޔާން ނެރުމަކީ ނިޒާމް ގަޑުބަޑުކުރުމުގެ އަމަލެކެވެ. މިފަދަ މައްސަލަތައް މަޖިލީހުގެ ވަކިވަކި ކޮމިޓީތަކުން ބަލައި ބަޔާން ނެރެން ނުޖެހޭ ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ޖީހާން ވަނީ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުން ދިފާއުކުރައްވައިފައި، އޭގެ ސަބަބުން ނިޒާމް އޮޅެނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފަ އެވެ.

އޭނާ ވިދާޅުވީ ގުޅުން ހުރި މައްސަލައެއްގައި ކޮމިޓީން ދެކޭ ގޮތް ހާމަކުރީ މަސައްކަތް ރަނގަޅު ކުރަން ކަމަށެވެ. ހައިލަމްގެ މައްސަލައިގައި ވެސް ކޮމިޓީގެ ނިޔަތަކީ އެއީ ކަމަށާއި ކޮމިޓީން ދެކޭ ގޮތް މަޖިލީހުން އާއްމުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކުރިން ހަރަކާތްތެރި ނުވެ އޮތުމަކީ، މިހާރު ވެސް އެގޮތަށް އޮންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ޖީހާން ވިދާޅުވި އެވެ.

"އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކޮމިޓީން ދެކޭ ގޮތް މަޖިލީހުން ހާމަކުރީ،" ޖީހާން ވިދާޅުވި އެވެ.

"ކޮންމެ މުއައްސަސާއެއްގެ ވެސް ހައްގެއް އެ ތަނަކުން ދެކޭ ގޮތް ހާމަކުރުމަކީ. ކުރިން ނުކުރާ ކަމަކީ، ދިވެހިރާއްޖޭގައި ކުރިން ޕާލަމެންޓް ހަރަކާތްތެރި ނުވަނީ. ދިވެހިރާއްޖޭގައި ކުރިން އަނިޔާ އާއި އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލަން މީގެކުރިން ދުވަހަކު ވެސް ނެތީ ކޮމިޓީއެއް،" ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގައި ހިއުމަން ރައިޓްސް ކޮމިޓީއެއް އުފެއްދީ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލާށެވެ. އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ހިންގުމުން ކޮމިޓީން އަދާކުރީ ޒިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގެން، އެ ގައުމުތަކުގައި ޕާލަމެންޓް ހިނގާ ގޮތް ބައްލަވަނީ، ރަނގަޅު ކަންކަން ރާއްޖޭގައި ވެސް ތަންފީޒުކުރަން ބާރު އެޅުއްވުމުގެ ގޮތުން ކަން ފާހަގަކުރައްވައި ބައެއް ގައުމުތަކުން ޖީހާން މިސާލު ވެސް ނެންގެވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުގައި ހިމެނޭ ހުރިހާ ކޮމިޓީއަކުން ވެސް ގުޅުން ހުރި މައްސަލަތަކުގައި ދެކޭ ގޮތް ހާމަކުރާކަން ފާހަގަކުރެއްވި އެވެ. ކުރިއަރާފައިވާ ބައެއް އެހެން ތަންތަނުގައި ވެސް އެއް ކޮމިޓީއެއްގެ މަސައްކަތުގައި، އަނެއް ކޮމިޓީގެ ލަފަޔާއި މަޝްވަރާ ވެސް ހޯދާކަން ޖީހާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުން އަންނަ އިރު، ހިއުމަން ރައިޓްސް ކޮމިޓީގެ މެންޑޭޓާ ގުޅުން ހުރި ކަންކަމަށް ފައިސާ ހިމަނާފައިވޭތޯ ސުވާލު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ވަރަށް ފަހުން، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޭލްސްގެ ޕާލަމެންޓަށް ވަޑައިގެންނެވި އިރު، ތަޖުރިބާ ކުރެއްވުނީ އެފަދަ ހެޔޮބަދަލުތައް ކަމަށް ޖީހާން ވިދާޅުވި އެވެ.

"އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ލަފާ ވެސް ދޭ އެހެން ގައުމުތަކުގެ ޕާލަމެންޓުން. އެއީ މަސައްކަތް ރަނގަޅު ކުރަން ކުރާ ކަމެއް،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ ކުރިން މަޖިލީހުގައި، މައްސަލަތަކާ ގުޅޭ ގޮތުން ދެކޭ ގޮތް ހާމަނުކުރުމަކީ، މި މަޖިލީހުގައި އެކަން އެގޮތަށް ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އިސް ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމުގައި މެސެޖަކާ އެކު ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް މީހުންގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރެވެ. އެކަމާ ގުޅިގެން ހައިލަމް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބަލަންވާ ވަރަށް ނުބެލި ފޮނުވުނު ފޮޓޯއެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނެރުނު ބަޔާނުގައި ވަނީ ލާއިންސާނީ މަންޒަރުތަކެއް ސިފަކޮށް ދޭ ކުރެހުމެއް ހައިލަމް ފޮނުއްވުމަކީ އެ ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވެސް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.