ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ސަބަބުން މުވައްޒަފުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
23 ޖުލައި 2024
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ސަބަބުން މުވައްޒަފުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ 2022 ވަނަ އަހަރާއި މިދިޔަ އަހަރުގެ ރިޕޯޓް ދިރާސާކުރުމުގެ ގޮތުން އެ ކޮމިޝަންގެ އިސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ..
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނަތާ ނުވަތަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބޭތާ 12 އަހަރު ވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެން ސިވިލް ސާވިސްއާ ކޮމްޕެއާ ކޮށްލާ ނަމަ، ބޮޑު މުސާރަތަކެއް ހުއްޓަސް، އެހެނިހެން މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ވޭތުވެދިޔަ ތަނުގައި އައި ބަދަލުތަކާ އަޅާ ބަލާއިރު ކޮމިޝަންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ކަހަލަ ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އުފެދުނު އެހެން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އެޗްއާރުސީއެމަށް ވުރެ ބޮޑު ކަމަށް މުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން މުވައްޒަފުން ނުލިބުމާއި ކޮމިޝަނުގައި ތިބި މުވައްޒަފުން އެހެން މުއައްސަސާތަކަށް ބަދަލުވަމުންދާ ކަމަށެވެ.
ވަރަށް ގިނަ މުވައްޒަފުން އަލަށް ހެދި ތަންތަނަށް [މުއައްސަސާތަކަށް] ހިނގައްޖެ: މުނާ، އެޗްއާރުސީއެމްގެ ރައީސް
"ވަރަށް ގިނަ މުވައްޒަފުން އަލަށް ހެދި ތަންތަނަށް [މުއައްސަސާތަކަށް] ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނަށް އިންޓަނޭޝަނަލް ފަންޑުތަކުން ލިބޭ ފައިސާއިން މުވައްޒަފުންގެ ތަމްރީނަށް ބޮޑު ހޭދައެއް ކުރިޔަސް، މުސާރައިގެ އޮނިގަނޑު މިހާރު އޮތް ގޮތުން ކޮމިޝަނަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ވަޒީފާގައި މަޑުކުރަން ހިތްވަރު ދެވޭނެ ގޮތެއް ނެތް ކަމަށް މުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން އެޗްއާރުސީއެމުން މަގާމަށް އިއުލާން ކުރުމުން 70 އާއި 100 އާ ދެމެދުގެ އަދަދަކަށް ފޯމުތައް ލިބެ އެވެ. އެކަމަކު މިހާރު 10 ވަރަކަށް މީހުން ވެސް ކުރިމަތިނުލާ ކަމަށާއި އަދި ބައެއް މަގާމުތަކަށް، ހާއްސަކޮށް ލީގަލް އާއި ރިސާޗު އެންޑް މޮނީޓަރިންއާ ގުޅޭ މަގާމުތަކަށް މީހުން ކުރިމަތި ވެސް ނުލާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެހެން މުއައްސަސާތަކުގައި އެ ދާއިރާތަކުން ދޭ މުސާރަ ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުސާރަ ކުޑަވުމާއި މުވައްޒަފުންގެ ދަތިކަމުގެ އިތުރުން ޖާގައިގެ ދަތިކަން ވެސް އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކޮމިޝަނުގައި މި ވަގުތު 84 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން މާލޭގައި މަސައްކަތް ކުރާ 81 މުވައްޒަފުން މަސައްކަތް ކުރަނީ 6،000 އަކަފޫޓުގެ ޖާގައިގެ އޮފީހެއްގަ އެވެ. އެޗްއާރުސީއެމް މިހާރު ހިންގަނީ ސްޓާ ސިނަމާ އިމާރާތުގެ ފްލޯއެއްގަ އެވެ.
ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މި ޖެހެނީ ކޮންމެ އިވެންޓެއް ވެސް، ކޮންމެ ޓްރެއިނިންއެއް ވެސް، ތަންތަނުން އެކި ހޯލުތައް ކުއްޔަށް ހިފަން. އެގޮތުން ދާ ހަރަދުތައް ވަރަށް ބޮޑުވެގެން ދޭ: މުނާ، އެޗްއާރުސީއެމްގެ ރައީސް
"ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މި ޖެހެނީ ކޮންމެ އިވެންޓެއް ވެސް، ކޮންމެ ޓްރެއިނިންއެއް ވެސް، ތަންތަނުން އެކި ހޯލުތައް ކުއްޔަށް ހިފަން. އެގޮތުން ދާ ހަރަދުތައް ވަރަށް ބޮޑުވެގެން ދޭ،" އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ އޮފީސް މިހާރު ހިންގާ އިމާރާތުގައި ފަންގަސްގެ މައްސަލަ ކުރިމަތިވެ، އެކަމުގެ ސަބަބުން އެ ކޮމިޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާ ޕިއުރިފިކޭޝަން، ވެންޓިލޭޝަންގެ މައްސަލަތަކެއް އެތަނުގައި ކުރިމަތި ވާތީވެ އަޅުގަނޑުމެން މިހާރު ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާ ކޮށްގެން އިތުރު ތަނެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ގެންގޮސް، މިހާރު ވާނެ ފިނޭންސް މިނިސްޓްރީއަށް ލިޔެފައި ބަޖެޓުގެ ޑީޓެއިލްސްއާ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމަކީ ބަޖެޓުގެ ގޮތުން މިނިވަން މުއައްސަސާއަކަށް ނުވުމުން ކުރިމަތިވާ ދަތިތަކާއި އެ ކޮމިޝަނަށް ގާނޫނީ ގޮތުން ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ވެސް އެޗްއާރުސީއެމްގެ މެމްބަރުން މިއަދުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވަނީ ހިއްސާ ކުރައްވައިފަ އެވެ.
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ
އެޗްއާރުސީއެމް މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި
އެޗްއާރުސީއެމްގެ ރައީސް އީނާސް އިސްތިއުފާ ދެއްވައިފި
އެޗްއާރުސީއެމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ
އިދާރާތަކުގެ މުސާރަ ކުޑަކުރަން ނުފެންނަކަމަށް ފާސްކޮށްފި
އީސީގެ ރައީސަކަށް ޒާހިދު، ނާއިބަކަށް ސޮލާހު އައްޔަން
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!