Roadha Mihaaru
އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން މާދަމާ

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން މާދަމާ

11 ނޮވެމްބަރ 2019

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން މާދަމާ އަށް ތާވަލް ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން މާދަމާ އަށް ތާވަލް ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގެ އަޑުއެހުން މާދަމާގެ މެންދުރު ފަހު 3:00 ގައި، ޕޯސްޓް ބިލްޑިންގައި ހުންނަ ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަންގައި އޮންނާނެ ކަމަށެވެ. އަދި މި އަޑުއެހުން އޮންނާނީ، އާދަމް މުހައްމަދު އެދިވަޑައިގެންފައިވާ ގޮތަށް އާއްމުކޮށް ހުޅުވާލައިގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ އަޑުއެހުމަށް އާދަމް މުހައްމަދު ވަޑައިގަތީ، ވަކީލުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދާ އެކުގަ އެވެ. އޭގެތެރެއިން ޑރ. ޖަމީލް ވަކީލެއްގެ ގޮތުގައި ޖޭއެސްސީން ބަލައި ނުގަނެ، އިތުރު ބޭފުޅެއް އައްޔަން ކުރުމަށް އާދަމް މުހައްމަދަށް ވަނީ ފުރުސަތު ދެއްވައިފަ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަލަަތަކެކެވެ.

މި މައްސަލައިގެ ދެ ވަނަ އަޑުއެހުން އެންމެ ފުރަތަމަ ތާވަލް ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އެކަމަކު އޭނާ ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުމުން އެ އަޑުއެހުން ފަސް ކުރީ އެވެ.