Roadha Mihaaru
785 ސިޔާސީ މަގާމަށް 331 މިލިއަން ހިމަނައިފި

މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް މަދެއް ނުވި، 785 މަގާމަކަށް 331 މިލިއަން ހިމަނައިފި!

12 ނޮވެމްބަރ 2019

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، 785 ސިޔާސީ މަގާމަށް 331 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، 785 ސިޔާސީ މަގާމަށް 331 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ބަޖެޓުގައި ހުރި މި ހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް މި އަހަރަށް ވުރެން އަންނަ އަހަރު ދެ ގުނަ އިތުރުވާނެ އެވެ. އަދި އެ އަދަދުން ދައްކާ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގައި އެ އަދަދު މަދެއް ނޫނެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާސީ ބާރުވެރިކަން ދަމަހައްޓަން އެކި މިނިސްޓްރީތަކާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ލި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 800 ކައިރިކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދާނެ ކަމަށް ލަފާކޮށްފައިވާ އިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ އަށް މަސް ތެރޭގައި އުފެއްދެވީ 334 ސިޔާސީ މަގާމު ކަމަށެވެ. ކުރީ ސަރުކާރަށް ވުރެން އެ އަދަދު މަދު ނޫންތޯ އެ ބައްދަލުވުމުގައި ނޫސްވެރިންގެ ގާތުން އެއްސެވި އެވެ.

"އަޅުގަނޑުގެ މި އުޅެނީ 334، އަދި އެބަ ހިފެހެއްޓެއެއް ނޫންތޯ،" ސިޔާސީ މަގާމުތަކުގެ ވާހަކަ ނޫސްވެރިން އަހާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވެ އެވެ.

އެމަނިކުފާނު، އެ އަދަދު ނޫސްވެރިންނަށް ދެއްވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމްތަކުގެ އަދަދަކީ 465 ކަމަށް ވިދާޅުވަމުންނެވެ.

ރައީސް އޮފީހުން މިރޭ ބުނިގޮތުގައި، ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު އޭރު އާއްމުކުރީ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީ ގޭގެ ސިޔާސީ މަގާމްތަކުގެ އަދަދު ނުހިމަނަ އެވެ. އެ އަދަދުތައް ހިމެނުމުން، ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގެ ޖުމްލަ އަދަދަކީ 808 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެއީ، ޔާމީން ސަރުކާރުގައި ރައީސް އޮފީހުގައި އުފެއްދި 258 މަގާމާއި މުލިއާގެ އާއި ހިލާލީގޭގައި 85 މަގާމާއި އެހެން އިދާރާތަކުގައި އުފެއްދި 464 ސިޔާސީ މަގާމް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ނަމަ، ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ސިޔާސީ މަގާމްތައް ދެން އެންމެ ގިނަ ހެލްތު މިނިސްޓްރީގެ އަދަދަކީ 109 އެވެ. އެ މިނިސްޓްރީ އަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ 28 ސިޔާސީ މަގާމަކަށް 6.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ވަރަށް ބޮޑަށް އޭރު ފާޑުކިއެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމްތަކުގެ އަދަދު ޔާމީންގެ ސަރުކާރަށް ވުރެން އިތުރު ނުކުރުމެވެ.

އެ ވައުދާ އެކު، ސަރުކާރުގައި ކޮންމެ ޕާޓީއެއް ވެސް ހިއްސާވާނެ ނިސްބަތް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައަޅާފައި ވަނީ 15 ޕަސެންޓެވެ.

މި ސަރުކާރުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ކަނޑައެޅުމުގައި ބަލާފައި ވަނީ މި ނިސްބަތަށެވެ. މި ފޯމިއުލާ އިން ބަލާ އިރު ޕާޓީތކަށް ކަނޑައެޅި ބައެއް ސްލޮޓްތަކަށް އަދި މީހުން ހަމަނުޖައްސާ ކަމަށް ބައެއް ޕާޓީތަކުން ނުރަސްމީކޮށް ބުނެ އެވެ.