Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 ނޮވެމްބަރ 2019

އަންނަ އަހަރު ރިލީޒްކުރާ، އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޓްރެއިލާ މި މަހުގެ 19 ވަނަ ދުވަހު ދައްކައިލަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރުތަކެއް ވެސް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ރިލީޒްކުރާ، އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޓްރެއިލާ މި މަހުގެ 19 ވަނަ ދުވަހު ދައްކައިލަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރުތަކެއް ވެސް ނެރެފި އެވެ.

މި ފިލްމަކީ އިންޑިއާގެ ތާރީހުގެ ވަރަށް ފާހަގަކޮށްކެވޭ ޝަހުސިއްޔަތެއް ކަމަށްވާ ތަނަޖީ މަލޫސޫރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް އަޖޭ ކުޅެފައިވާ އިރު، މިއީ އޭނާގެ 100 ވަނަ ފިލްމެވެ.

"ތަނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް، ސައިފް އަލީ ޚާން، ޝަރަދު ކެލްކަރް، ނޭހާ ޝަރުމާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އަޖޭގެ ފިލްމު ކުންފުނި އޭޑީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.

"ތަނަޖީ" ރިލީޒްކުރާ ދުވަހު ދީޕިކާ ޕަދްކޯން ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ވެސް ސިނަމާތަކަށް އަންނާނެ އެވެ.

"ބައްޗަން ޕާންޑޭ" އަށް ކްރިތީ ސޮއިކޮށްފި

މިދިޔަ މަހު ރިލީޒްކުރި "ހައުސްފުލް 4" ގެ ބަތަލު އަކްޝޭ ކުމާރާއި އެ ފިލްމުގެ ޑައިރެކްޓަރު ފަރްހާދު ސަމްޖީ އެކީގައި މަސައްކަތްކުރާ އާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ބަތަލާއަކަށް ކްރިތީ ސެނަން ހަމަޖައްސައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ވެސް ތާވަލުކޮށްފައި އޮތް އަންނަ އަހަރުގެ ކްރިސްމަސްއަށެވެ.

ކްރިތީ "ބައްޗަން ޕާންޑޭ" އަށް ސޮއިކުރިކަން ކަށަވަރުކޮށް ދީފައި މި ވަނީ އެ އެ ފިލްމުގެ ބަތަލާ އަކީ އޭނާކަން ކުރިން ވެސް މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ. އަކްޝޭއާ އެކު "ހައުސްފުލް 4" ގެ ބަތަލާގެ ރޯލް ވެސް ކުޅުނީ ކްރިތީ އެވެ.

"ދަބަންގް 3" އިން އިތުރު ލަވައެއް އިއްވާލައިފި

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ލަވަތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ލަވައެއް އެހުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ފަހަރު ވެސް ދޫކޮށްލީ ސަލްމާން ކިޔާފައިވާ ޑުއެޓެކެވެ. އޭނާ އާއި މުސްކާން ރިކޯޑްކޮށްފައިވާ ލަވައިގެ ނަމަކީ "އާވަރާ" އެވެ. ސާޖިދު-ވާޖިދުގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ޅެން ލިޔުނީ ސަމީރު އާއި ސާޖިދެވެ.

"އާވާރާ" ލަވައިން ފެނިގެން ދާނީ ސަލްނާއި "ދަބަންގް 3" އިން ތައާރަފުކުރާ ބަތަލާ ސާއީ މުކަރްޖީ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ސޮނާކްޝީ ސިންހާ ވެސް ހިމެނެ އެވެ.

ޕަރިނީތީ "ބޫޖް" އިން ވަކިވެއްޖެ

ބޮޑު ކާސްޓެއް ހިމެނޭ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިން ޕަރިނީތީ ޗޯޕްޅާ ވަކިވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީ ސީރީޒާއި އަޖޭ ދޭވްގަން ގުޅިގެން ހަދާ ފިލްމުން ޕަރިނީތީ ވަކިވީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ސައިނާ" ގެ މަސައްކަތްތަކުގައި ޕަރިނީތީ ވަރަށް ބޮޑަށް ބިޒީވެ "ބޫޖް" އަށް ވަގުތު ދޭން ދަތިވުމާ ގުޅިގެންނެވެ. "ސައިނާ" އަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.

"ބޫޖް" އަކީ އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ހަނގުރާމަ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އަޖޭ، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ، ރާނާ ދަގޫބަތީ އަދި އައްމީ ވާކް ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ.