Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 ޖުލައި 2021

އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމި އަޖޭ ދޭވްގަންގެ ވަތަނީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމި އަޖޭ ދޭވްގަންގެ ވަތަނީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ހިނގި ހަނގުރާމައިގެ ހާދިސާތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރި "ބޫޖް" ގައި އަޖޭ ކުޅެފައި ވަނީ އެ ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ސްކޮޑްރަން ލީޑަރު ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު، ނޯރާ ފަތުހީ، އަހާނާ ދިލަން އަދި އައްމީ ވާކް ހިމެނެ އެވެ.

"ބޫޖް" އަކީ ޑިޖިޓަލްކޮށް ޕްރީމިއާކުރާ އަޖޭގެ ފުރަތަމަ ފިލްމެވެ.

"ބޭޅިޔާ" ގެ ޝޫޓިން ނިންމާލައިފި

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކްރިތީ ސެނަންގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމު "ބޭޅިޔާ" ގެ ޝޫޓިން މި ހަފުތާގައި ނިންމާލައިފި އެވެ.

މި ފިލްމުގެ ވަރަށް ބޮޑު ބައި މި އަހަރުގެ ކުރީކޮޅު ވަނީ އަރުނަޗަލް ޕްރަދޭޝްގައި ޝޫޓްކޮށްފައިވެ އެވެ. ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "ބޭޅިޔާ" އަކީ މޯންސްޓާ ހޮރޯ ކޮމެޑީއެކެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ 2018 ގެ ކާމިޔާބު ހޮރޯ ކޮމެޑީ "އިސްތިރީ" ގެނެސްދިން އަމަރް ކޯޝިކް އެވެ.

ދެހާސް ފަނަރައިގެ "ދިލްވާލޭ" އަށް ފަހު ވަރުން އާއި ކްރިތީ އެކީގައި ކުޅުނު "ބޭޅިޔާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 14 ގަ އެވެ.

އެވަލީން އިނީ ބަލިވެ

މިދިޔަ މެއި މަހު ކައިވެނިކޮށް، އޭގެ މަހެއްހާ ދުވަސް ފަހުން މިދިޔަ މަހު އެކަން އިއުލާންކުރި ބަތަލާ އެވަލީން ޝަރުމީން އިނީ ބަލިވެ ކަމަށް ބުނެފި އެވެ.

އާދީއްތަ ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކާ އެކު ބަލިވެއިން ވާހަކަ 34 އަހަރުގެ ބަތަލާ ހިއްސާކުރީ ދަރިފުޅު އުރައިލަން ކެތްމަދުވެފައި ހުރި ކަމަށް ބުނެ އެވެ.

"ޔެ ޖަވާނީ ހެ ދީވާނީ" އާއި "ސާހޯ" އާއި "މޭ ތޭރާ ހީރޯ" އަދި "ޖަބް ހެރީ މެޓް ސޭޖަލް" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ އެވަލީންގެ ފިރިމީހާ އަކީ އިންޑިއާ ދަރިކޮޅުގެ އޮސްޓްރޭލިއާގެ ދަތުގެ ޑޮކްޓަރެއް ކަމަށްވާ ތުޝާން ބިންދީއާ އެވެ.

"ރަކްޝާބަންދަން" އަށް އަކްޝޭ ފަލަވަނީ

މިދިޔަ މަހު ޝޫޓިން ފެށި އަކްޝޭ ކުމާރުގެ ފިލްމު "ރަކްޝާބަންދަން" ގައި ކުޅޭ ކެރެކްޓާ އަށް ފަލަވާން ފަށައިފި އެވެ.

ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމަށް ފަލަވުމާ ބެހޭ ގޮތުން އަކްޝޭ ބުނީ މިހާރު ވެސް ފަސް ކިލޯ ބަރުވެއްޖެ ކަމަށާއި އޭނާ ފަލަވާން މަސްނޫއީ އެއްވެސް އުކުޅެއް ބޭނުން ނުކުރާ ކަމަށެވެ. އަދި ފަލަވާން ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިޔަކީ މަންމަ ތައްޔާރުކޮށްދޭ ހަލުވާ ކަމަށާއި މަންމަ ކައްކާ އެއްޗެހި ކާން ލިބުމަށް ވުރެ ބޮޑު އުފަލެއް މީހަކަށް ނުލިބޭނެ ކަމަށް އަކްޝޭ ބުންޏެވެ.

"ރަކްޝާބަންދަން" ގައި ކިޔައިދޭނީ ހަތަރު އަންހެން ކޮއްކޮއިން ތިބޭ ޒިންމާދާރު ބޭބެއަކު އުޅޭ އާއިލާއެއްގެ ވާހަކަ އެވެ. މި ފިލްމަކީ މަސައްކަތް ނިމިފައި އޮތް "އަތުރަންގީ ރޭ" އަށް ފަހު، އާނަންދާ އެކު އަކްޝޭ މަސައްކަތްކުރާ ދެވަނަ ފިލްމެވެ.