Roadha Mihaaru
އިންޑިއާ އިން ސާކް ސަމިޓް ބޮއިކޮޓްކޮށްފި

ޕާކިސްތާނުގައި ބާއްވާ ސާކް ސަމިޓް އިންޑިއާ އިން ބޮއިކޮޓްކޮށްފި

27 ސެޕްޓެމްބަރ 2016

ނިއު ދިއްލީ (ސެޕްޓެމްބަރު 27) - އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ސެޕްޓެމްބަރު 27) - އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

ސަރަހައްދީ އަށް ގައުމު ހިމެނޭ ޖަމާއަތުގެ ބައްދަލުވުން އިންޑިއާ ބޮއިކޮޓްކުރީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އިންޑިއާ އިން ބުނީ ސާކް ސަމިޓުގައި އެ ގައުމުން ބައިވެރިވާފަދަ ފަހި މާހައުލެއް ނެތް ކަމަށެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ގައުމު ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިނުވާނެކަން އިއުލާން ކުރުމުގެ ކުރިން ވަނީ ޕާކިސްތާނުގެ ހައި ކޮމިޝަނާ އަބްދުލް ބާސިތު، އިންޑިއާގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށް، އުރީގައި މި މަހު 18 ވަނަ ދުވަހު ދިން ހަމަލާގައި ޕާކިސްތާނުގެ އަތެއްވާ ކަމުގެ "ހެކި" ހަވާލުކޮށްފަ އެވެ. ޕާކިސްތާނުގެ ސަފީރު ވަނީ މިއީ ކަޝްމީރުގައި އިންޑިއާ އިން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމްއާބާދުގައި ބާއްވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރި ނުވާން ނިންމި ސަބަބުތަކުގެ ތެރޭގައި ކާމިޔާބު ބައްދަލުވުމެއް ބޭއްވޭނެ ފަދަ މާހައުލެއް، އެއް ގައުމުގެ ސަބަބުން އުފެދިފައި ނުވުން ހިމެނޭ ކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިކާސް ސްވާރަޕް ވިދާޅުވީ ސާކް ސަމިޓުގައި ބައިވެރިނުވާނެކަން، މި ދައުރުގެ ސާކުގެ ރިޔާސަތު ބަލަހައްޓާ ނޭޕާލަށް ވެސް އަންގާފައި ކަަމަށެވެ.

"އިންޑިއާ އިން ސަރަހައްދީ އެއްބާރުލުމަށް ވާގިވެރިވާނެ. އެކަމަކު މިކަން ކާމިޔާބުވާނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ މާހައުލެއް ގާއިމްވެގެން. މިހާރުގެ ހާލަތަށް ބަލައި އިންޑިއާ އިން އިސްލާމްއާބާދުގައި ބާއްވާ ސަމިޓުގައި ބައިވެރިނުވާން ވަނީ ނިންމާފައި،" ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ބޫޓާނުން ވެސް މިފަހަރުގެ ސަމިޓުގައި ބައިވެރިނުވާނެކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. އެހެންކަމުން މި އަހަރުގެ ސަމިޓް ޕާކިސްތާނުގައި ބޭއްވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ކަޝްމީރުގެ އުރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަމަލާދީ 18 ސިފައިން މަރައިލި ހާދިސާގެ ތުހުމަތު ނިއު ދިއްލީން އަޅުވާފައި ވަނީ އިސްލާމްއާބާދުގެ ބޮލުގަ އެވެ. އަދި އިންޑިއާ އިން ތަކްރާރުކޮށް ވަނީ ޕާކިސްތާން އެކެހެރި ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ބޮޑު ވަޒީރު މޯދީ ވަނީ އުރީގައި ހަމަލާ ދިން މީހުންނަށް އަދަބު ނުލިބި ނުދާނެ ކަމަށް ވިދާޅުވެފަ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވަނީ ޖައްމޫ އަދި ކަޝްމީރު ދާއިމަށް އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

ސާކް ސަމިޓުގައި އިންޑިއާ ބައިވެރިނުވާން ނިންމުމުން، ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން އެކަން ސިފަކޮށްފައި ވަނީ "ވަރަށް ބަދުނަސީބު، ހިތާމަހުރި، އެކަށީގެން ނުވާ" ނިންމުމެއްގެ ގޮތުގަ އެވެ. އަދި އިންޑިއާ އިން ޓެރަރިޒަމަށް ވާގިވެރިވާ ކަމީ ދުނިޔެ އަށް އެނގޭ ހަގީގަތެއް ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.