Roadha Mihaaru
އިންސާނީ ހަައްގުތަކަށް ގޯޓާބޭ އިހްތިރާމް ކުރަން އެދެން

އިންސާނީ ހަައްގުތަކަށް ގޯޓާބޭ އިހްތިރާމް ކުރަން އެދެން: އެމެރިކާ

19 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 19) - އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ޒިންމާދާރުކަމާ އެކު ސަރުކާރު ހިންގުމަށް ސްރީ ލަންކާގެ އާ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އަރިހުން އެމެރިކާ އިން އެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 19) - އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ޒިންމާދާރުކަމާ އެކު ސަރުކާރު ހިންގުމަށް ސްރީ ލަންކާގެ އާ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އަރިހުން އެމެރިކާ އިން އެދިއްޖެ އެވެ.

ޚާރިޖީ ވަޒީރު މައިކް ޕެމްޕެއޯ ވިދާޅުވީ ލަންކާގެ އާ ސަރުކާރާ އެކު މަސައްކަތް ކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.

"ލަންކާގެ އާ ރައީސް ވެސް އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް، ހަމަނުޖެހުން އަލުން އުފެދުނަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ،" ޕޮމްޕެއޯ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ގޯޓާބޭ އާއި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ މައްޗަށް ވަނީ ލަންކާގެ ހަނގުރާމައިގެ ފަހު ދުވަސްވަރު އާއްމުންގެ އެތައް ބަޔަކު މަރައި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުކޮށްފަ އެވެ. ރާޖަޕަކްސާގެ ސަރުކާރުގައި ބާރުގަދަ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ ގޯޓާބޭ އެވެ.

އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުގީގު ކުރުމަށް ރާޖަޕަކްސާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދެކޮޅު ހައްދަވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ލަންކާ ސަރުކާރު އެދުވަސްވަރު އޮތީ ބައިނަލްއަގުވާމީ މުޖްތަމައާ ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ. ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ހަނގުރާމައިގައި ހިންގި ޖަރީމާތައް ބެލުމަށް ވަކި ފަރާތަކަށް ނުޖެހޭ ޕެނަލެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެ ވައުދު ހާސިލް ކުރައްވައިފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބުގެ ތިން މަސް ދުވަހުގެ ކެމްޕޭނުގައި ގޯޓާބޭ ބޭއްވެވި ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މާޒީ އަށް ދިއުމުގެ ބަދަލުގައި އޭނާ ވިސްނަވާނީ ކުރިމަގަށް ކަމަށް ވިދާޅުވި އެވެ.

މެއި، 2009 ގައި ނިމުނު ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު ތަމަޅައިންގެ 40،000 މީހުން މެރިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.