19 ނޮވެމްބަރ 2019
ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމުގެ މައްސަލާގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރާ ކޮމެޓީން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދީފައިވާ ކަމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމުގެ މައްސަލާގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރާ ކޮމެޓީން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދީފައިވާ ކަމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމް ތަންފީޒު ކުރަން ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ރައީސަށް ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީން ވަނީ ދީބާޖާ އެކު، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މަޝްވަރާކޮށްފަ އެވެ.
ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދީބާޖާއިން ވަނީ ދައްކަންޖެހޭ ފައިސާގެ ތެރެއިން 116 މިލިއަން ރުފިޔާ ތިން ދުވަސް ތެރޭގައި ދައްކަން ދައުލަތަށް ފުރުސަތު ދީފަ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ 116 މިލިއަން ރުފިޔާ ދެއްކިފައި ނުވަނީ ތިން ދުވަހަކީ އެކަމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ނުވާތީ ކަމަށާއި އެކަމަށް 30 ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ. އަދި ސެޓްލްމަންޓް ކޮމެޓީން ރައީސަށް ލަފާ އަރުވާފައި ވިޔަސް، ރައީސް ފަރާތްޕުޅުން ވަކި ގޮތެއް ބަންޑާރަ ނައިބުގެ އޮފީހަށް އަންގަވާފައި ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދީބާޖާގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ ކޮމެޓީގެ ލަފާގައި އެ ކުންފުންޏަށް ދޭން ކަނޑައެޅި 174 މިލިއަން ރުފިޔާ އަށް އެ ކުންފުނިން ދެކޮޅު ނަހަދާ ކަމަށާއި އެކަމަކު ކޮމެޓީގެ ލަފައާ މެދު ވަކި ގޮތެއް ނުނިމި އަދި ފައިސާ ވެސް ނުލިބި ދިގު ދެމިގެންދާތީ ގެއްލުންވަމުންދާ ކަމަށެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ އެ ކުންފުނިން ކޯޓުގައި ކުރިން ފުރުސަތު ދިން 116 މިލިއަން ރުފިޔާގެ ދެ ބައި ކުޅަ އެއްބައި ކަމަށްވާ 58 މިލިއަން ތިން ދުވަސް ތެރޭގައި ދެއްކުމަށެވެ.
އެ ފައިސާ ދެއްކުމަށް ފަހު، ކޮމެޓީގެ ލަފައާ މެދު ރައީސް ގޮތެއް ނިންމެވުމުން 174 މިލިއަން ރުފިޔާ އިން އެ ބައި އުނި ކުރުމުން ބާކީވާ 116 މިލިއަން ރުފިޔާ ދީބާޖާއަށް ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދީބާޖާގެ އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން އަނެއްކާވެސް އެދުނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
އެކަމަށް އިންކާރުކޮށް، ދީބާޖާއިން ބުނީ ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ އަދަދަށް ބޮޑެތި ލުއިތަކެއް އެ ކުންފުނިން ދޭން އެއްބަސްވުމުން ވެސް ފައިސާ ނުދައްކާ ލަސް ކުރަމުން ދިއުމުން ގެއްލުންވަމުންދާ ކަމަށެވެ. އެ ކުންފުނީގެ ދަރަނިތައް އަދާ ނުކުރެވި އެބަހުރި ކަމަށް ވެސް އެ ކުންފުނީގެ ފަރާތުން ބުންޏެވެ. އަދި މިހާރު ވެސް އެކަށީގެންވާ ފުރުސަތު ދައުލަތަށް ދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ޒުބައިރު މުހައްމަދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދީބާޖާއިން ހުށަހެޅި ގޮތަށް ތިން ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ދައުލަތަށް ފުރުސަތު ދެއްވުމަށެވެ.
ދީބާޖާއަށް 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރި އެވެ. އެކަމަކު ދީބާޖާއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަހަރު ނިންމީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ހައި ކޯޓުން އެ މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.
ދީބާޖާގެ ތަންފީޒު މަޑުޖެއްސޭނީ ރިވިއުއަށް ހުށަހެޅުމުން
ރައީސްގެ އެންގެވުމަށް ދީބާޖާ މައްސަލަ ސުޕްރީމް ކޯޓަށް
ދީބާޖާ އަށް 174 މިލިއަން ދޭން ރައީސް ނިންމަވައިފި
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
ދީބާޖާއަށް ފައިސާ ދައްކާނެ ގޮތް ހުށަހަޅަން ފުރުސަތުދީފި
ނަގައިދިނީ ސަރުކާރަށް ތަސައްވުރުކުރެވޭ ބަދަލެއް: ދީބާޖާ
ދީބާޖާއަށް ފައިސާ ދޭންޖެހޭނީ ހަ މަސް ތެރޭ: ދައުލަތް
ދީބާޖާގެ ހުކުމް ތަންފީޒުކުރަނީ އުސޫލާ އެއްގޮތަށް: ކޯޓު
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާގެ ހުކުމް ތަންފީޒު މަރުހަލާގެ އަޑުއެހުން ސިއްރު