Roadha Mihaaru
ރައީސްގެ އެންގެވުމަށް ދީބާޖާ މައްސަލަ ސުޕްރީމް ކޯޓަށް

ރައީސްގެ އެންގެވުމަށް ދީބާޖާ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް

22 ޖެނުއަރީ 2020

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް އަންގަވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް އަންގަވައިފި އެވެ.

އޭޖީ އޮފީހުން ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައި މި ވަނީ ދީބާޖާ އަށް ފައިސާ ދޭން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދީފައި ނުވާތީ އެ ކުންފުނިން ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައި އޮއްވަ އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދީބާޖާ އިން މީގެ ކުރިން ވަނީ އެ ކުންފުންޏަށް ފައިސާ ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނީގެ ޗެއާމަން ޝާހީން މުހައްމަދު "މިހާރު" އަަށް ވިދާޅުވެފައިވާ ގޮތުގައި، ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި ސެޓްލްމެންޓް ކޮމިޓިއާ އެކު މަޝްވަރާކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އެއްބަސްވުމަކަށް ދިޔައީ ސަރުކާރުން ބޭނުންވެގެންނެވެ. ބޮޑު އަދަދެއް ސަރުކާރުން ދައްކަން ޖެހުމަކީ މާލީ ބުރައަކަށް ވާނެތީ، 348 މިލިއަންގެ ދެބައިކުޅަ އެއްބަޔަށް ދީބާޖާގެ ބޯޑުން ސެޓްލްމެންޓް ކޮމިޓީއާ އެކު އެއްބަސްވީ ސަރުކާރުން ދިން ޔަގީން ކަމެއްގެ މައްޗަށް ކަމަށް ޝާހީން ވިދާޅުވި އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.