Roadha Mihaaru
ދިރާސީ އަހަރު ނިންމާލީ ވައުދުތައް ހާސިލްކޮށްފައި

ދިރާސީ އަހަރު ނިންމާލީ ސަރުކާރުގެ ވައުދުތައް ހާސިލްކޮށްފައި: މިނިސްޓަރު

21 ނޮވެމްބަރ 2019

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލީ ތައުލީމީ ދާއިރާ އަށް ކަނޑައެޅި ހުރިހާ ވައުދެއް ފުރިހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލީ ތައުލީމީ ދާއިރާ އަށް ކަނޑައެޅި ހުރިހާ ވައުދެއް ފުރިހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓުފޮތް ދީފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ މި އަހަރަކީ ދަރިވަރުންނަށް ގިނަ ގޮތްގޮތުން ފައިދާކުރި އަދި ހުރިހާ ރޮނގަކުން ވެސް ކާމިޔާބު އަހަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށިއިރު އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށެވެ. އޭގެ އިތުރުން ތައުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވައިލި ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒުކޮށް އޭގެ ހެޔޮ ބަދަލު ސްކޫލު މާހައުލުން ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ސީއެޗްއެސްއީއަށް 40 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ޖުލައި މަހު ބޭއްވި ހަރަކާތެއްތައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސީއެޗްއެސްއީއަށް 40 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ޖުލައި މަހު ބޭއްވި ހަރަކާތެއްތައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ފާހަގަކުރެވޭ ފަދަ ކާމިޔާބުތަކެއް ހާސިލްކުރެވިފައި ވެ އެވެ. ހުރިހާ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސްކޫލެއްގައި ހިންގުނު ސިންގަލް ސެޝަން ސްކޫލް ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވި އޭގެ ނަތީޖާއާ ހަމައަށް އާދެވިފައި ވެ އެވެ،" ހާސިލްކުރެވުނު މުހިއްމު ކަންތައްތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އާ މަންހަޖަށް ކިޔަވައިދިނުމުގެ ހުރި ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރުމަށް މަހާސިންތާއެއް ބޭއްވިއިރު އޭގެ އަލީގައި މުގައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަންކަމުގެ އިތުރުން ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރެވުނީ ވެސް މި އަހަރު ކަމަށް ވިދާޅުވި އެވެ.

ކިޔެވުން ނިންމައި ދަރިވަރުންނަށް ލިބޭ ޗުއްޓީ ތެރޭގައި ސްކޫލުން ދަސްވެފައިވާ ކޮންމެ ވެސް ހުނަރެއް އިތުރަށް ތަރައްގީކުރުމަށް ފުރުސަތު ފަހިކުރުމަކީ މުހިއްމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދީނީ ވާޖިބުތައް އަދާކުރަން ދަރިވަރުުންނަށް ބާރުއެޅުމާއި އާއިލީ ގުޅުން ބަދަހިކުރުމާއި ޗުއްޓީ ހޭދަކޮށްލަން ރަށުން ބޭރަށް ދިއުން ފަދަ ޖިސްމާނީ އަދި ނަފްސާނީ ދުޅެހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލްކުރުމަށް އިސްކަންދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.