Roadha Mihaaru
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް

ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް

22 ނޮވެމްބަރ 2019

މިއީ ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެކަމަކު އެންމެ ކާމިޔާބު އަހަރު ކަމަށް ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އާއި މިކްސް ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދި ޒަޔާން ޒަކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއީ ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެކަމަކު އެންމެ ކާމިޔާބު އަހަރު ކަމަށް ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އާއި މިކްސް ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދި ޒަޔާން ޒަކީ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޒަޔާން ޒުވާން އުމުރުގައި ގައުމީ ޓީމާ ވަކިވީ، ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށްފަ އެވެ. ފަހުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނަމުގައި ޓީމެއް ވުޖޫދުކޮށް ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް އަންނަނީ ވާދަކުރަމުންނެވެ. ރިވައިވަލް ސްޕޯޓްސް ކްލަބުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެހީތެރިކަމާ އެކު އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ފިރިހެން ޑަބަލްސް ބަޔާއި މިކްސް ޑަބަލްސް ބައިގައި ވެސް ރަން މެޑަލް ހޯދި ޒަޔާން ވަނީ އޭގެ ފަހުން ޕާކިސްތާނުގައި ބޭއްވި މުބާރާތުގައި މިކްސް ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ގައުމީ ސިންގަލްސް ޗެމްޕިއަން ފާތިމަތު ނަބާހާއާ އެކު ޒަޔާން އެއް ޕެއާ އަކަށް މިކްސް ޑަބަލްސް އިވެންޓުގައި ކުޅޭއިރު ޕާކިސްތާން މުބާރާތުން ލިބުނު ރަން މެޑަލަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަނުން ރުހުންދީފައިވާ މުބާރާތަކުން ލިބުނު ފުރަތަމަ ރަން މެޑަލެވެ.

ޒަޔާން ބުނީ މިދިޔަ މަހެއްހާ ދުވަހު ގައުމީ މުބާރާތާއި ޕާކިސްތާން މުބާރާތް އަދި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ކުޅެ ހަ ރަން މެޑަލް ލިބުމުން މި އަހަރު އޭނާ އަށް ދިމާވި ކަންތައްތައް ޗެލެންޖެއްގެ ގޮތުގައި ނެގުމުގެ ފައިދާކުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ބައިގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް ކްލަބް ކުޅުންތެރިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ބައިގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް ކްލަބް ކުޅުންތެރިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި އަހަރު ޖެނުއަރީން ފެށިގެން ކޯޗެއްގެ އެހީ ނުލިބި މަސައްކަތްކުރިއިރު އެހީތެރިވެދިނީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި އާއިލާ އާއި ރަށްޓެހިން. މިއީ އެންމެ ޗެލެންޖިން އަހަރު ކަމަށް ވިޔަސް މިއީ އެންމެ ކާމިޔާބު ވެސް އަހަރު،" ޒަޔާން ބުންޏެވެ.

ޒަޔާން ބުނީ މި އަހަރު އޭނާ އަށް ލިބުނު ކާމިޔާބީ ހާއްސަކުރަން ބޭނުންވަނީ ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތްކުރާ އެތުލީޓުންނަށް ކަމަށާއި އެއްވެސް މީހަކު ކުރާކަމަކުން އަދި ބުނާ ބަހަކުން އެ އެތުލީޓަކު ޝައުގުވެރިވާ ކުޅިވަރަކުން ކުރިއަށް ދިއުމަށް އަސަރުކުރިޔަ ދީގެންނުވާނެ ކަމަށެވެ.

ގައުމީ ސިންގަލްސް ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދި ޒަޔާން މި ފަހަރުގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ތަށި އުފުލާލީ ފައިނަލުގައި ޒުވާން ތަރި ނިބާލް އަހުމަދު ބަލިކުރުމަށް ފަހު އެވެ. އެ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުން ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ނިބާލާއި މައިސާ ފަތުހުﷲގެ ޕެއާ އަތުންނެވެ. އެކަމަކު ފިރިހެން ޑަބަލްސް ބައިގެ ފައިނަލުން ޒަޔާން އާއި އަހުމަދު ތޯއިފްގެ ޕެއާ ބަލިވީ ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާ އަތުންނެވެ.

ޒަޔާން ބުނީ އަންނަ އަހަރު ބޭނުންވަނީ މި އަހަރަށް ވުރެން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށެވެ.

"ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާން އެސޯސިއޭޝަނުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން. ޓާގެޓަކީ އަންނަ އަހަރު ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެ އަށް ރަން މެޑަލް ގެނެސްދިނުން،" ޒަޔާން ބުންޏެވެ.