Roadha Mihaaru
ޓެސްލާގެ "ސައިބަޓްރަކް" އަށް ޖޯކު ޖަހަނީ

ޓެސްލާގެ "ސައިބަޓްރަކް" އަށް ޖޯކު ޖަހަނީ

24 ނޮވެމްބަރ 2019

ވަޒަން އެރިޔަސް ހަލާކުނުވާ ބިއްލޫރި ބޭނުންކޮށްފައިވާ ކަމަށް ބުނެ، އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ އާ ވެހިކަލް "ސައިބަޓްރަކް" ދައްކައިލަން ބުރާސްފަތި ދުވަހު ބޭއްވި ޑެމޯއެއްގައި ދަގަނޑު ބޯޅައަކުން ބިއްލޫރިގަނޑުގައި ޖެހުމުން ރެނދުލުމުން ގިނަ ބައެއްގެ މަލާމާތް ރައްދުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޒަން އެރިޔަސް ހަލާކުނުވާ ބިއްލޫރި ބޭނުންކޮށްފައިވާ ކަމަށް ބުނެ، އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ އާ ވެހިކަލް "ސައިބަޓްރަކް" ދައްކައިލަން ބުރާސްފަތި ދުވަހު ބޭއްވި ޑެމޯއެއްގައި ދަގަނޑު ބޯޅައަކުން ބިއްލޫރިގަނޑުގައި ޖެހުމުން ރެނދުލުމުން ގިނަ ބައެއްގެ މަލާމާތް ރައްދުވެއްޖެ އެވެ.

އިީލޮން އުންމީދު ވެސް ނުކުރާ ކަހަލަ ކަމެއް ދިމާވުމުން އޭނާ ވަނީ "ސައިބަޓްރަކް" އާންމުކޮށް ވިއްކަން ފެށުމުގެ ކުރިން މިއީ އަދި އެތައް ބަދަލެއް، ތަރައްގީއެއް ގެންނަންޖެހޭ އުފެއްދުމެއް ކަމަށް ބުނެފަ އެވެ.

މިފަދަ ލަދުވެތިކަމަކާ ކުރިމަތިވުމުގެ ކުރިން އީލޮން އާއި އޭނާގެ ޓީމުން ފެކްޓްރީގައި އުޅަނދުގެ ބިއްލޫރިގަނޑުގައި ސްޓީލް ބޯޅައަކުން ޖަހައިގެން ޓެސްޓް ކޮށްފައިވެ އެވެ. އޭރު އެއްވެސް މައްސަލައެއް ނެތެވެ.

މަންޒަރު ފެންނަ ވީޑިއޯ ވެސް އީލޮން ޓްވީޓްކޮށްފައިވެ އެވެ.

މިއަށް ޖޯކް ޖެހި ބައެއް މީހުން ވަނީ އުޅަނދުގެ ބިއްލޫރި ޝީޓްތައް ހުރީ ކާޑުބޯޑު ކަރުދާހުންތޯ ސުވާލުކޮށް، ޓްވިޓާގައި އީލޮން އަށް މަލާމާތްކޮށްފަ އެވެ.

ބައެއް މީހުން ބުނީ ފޮނިކަނޑަން ވެސް ވާނީ ކަމުގެ ދެކޮޅު ބަލައިފައި ކަމަށާއި އެހެން ނޫން ނަމަ ލަދެއްގައި ބެދުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ކާރެއްގެ ބައްޓަމަށް، އެކަމަކު ތަފާތު ގޮތަކަށް ހަދާފައިވާ، ކަރަންޓުން ދުއްވާ "ސައިބްޓަރްކް" އަކީ ފުލްކޮށް ޗާޖްކުރުމުން 5،000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެ އުޅަނދެއް ކަމަށް ޓެސްލާ އިން ބުންޏެވެ. މި އުޅަނދުގެ ފަހަތް ހުޅުވައިލުމުން ޕިކަޕެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ.

އީލޮން ކުރިން ބުނެފައިވާ ގޮތުގައި އާ އުޅަނދު ފަރުމާކޮށްފައި ވަނީ 1977 ގައި ނެރުނު ޖޭމްސް ބޮންޑް ފިލްމު "ދަ ސްޕައި ހޫ ލަވްޑް މީ" ގައި ފެނިގެންދާ ލޮޓަސް އެސްޕިރޮޓް ސްޕޯޓްސް ކާރު އަދި ސަބްމެރިންއަކަށް ބަދަލުވާ އުޅަނދުން ހިޔާލު ނަގައިގެންނެވެ.

"ސައިބަޓްރަކް" އަގު ފެށެނީ 39،000 ޑޮލަރުންނެވެ. އަދި އާންމުކޮށް ވިއްކަން ފަށާނެ ކަމަށް ބުނެފައި ވަނީ 2021 ގެ ފަހުކޮޅުން ފެށިގެންނެވެ. ޓެސްލާ އިން މިހާރު އަންނަނީ އޮންލައިންކޮށް "ސައިބަޓްރަކް" އަށް އޯޑަރު ވެސް ނަގަމުންނެވެ.