Roadha Mihaaru
ޖެނެރަލް މޮޓޯސްގެ ލޯގޯ އަށް ބޮޑު ބަދަލެއް

ޖެނެރަލް މޮޓޯސްގެ ލޯގޯ އަށް ބޮޑު ބަދަލެއް

10 ޖެނުއަރީ 2021

ވެހިކަލް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ޖެނެރަލް މޮޓޯސް (ޖީއެމް) އިން އާ އަހަރަކާ އެކު އެތަނުގެ ލޯގޯ ހުކުރު ދުވަހު ބަދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވެހިކަލް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ޖެނެރަލް މޮޓޯސް (ޖީއެމް) އިން އާ އަހަރަކާ އެކު އެތަނުގެ ލޯގޯ ހުކުރު ދުވަހު ބަދަލުކޮށްފި އެވެ.

ކުރީގެ ލޯގޯގައި އިނީ ލަފުޒުތައް ކެޕިޓަލް އަކުރުން ކަމަށް ވިޔަސް އާ ލޯގޯ އިނީ ސިމްޕަލް އަކުރުން "ފަންކީ" ފޮންޓަކަށް ނޫ ކުލައިގެ ދެ ޝޭޑެއްގަ އެވެ. އެގޮތުން އަކުރުތަކުގެ މަތި މަޑު ނޫ ކުލައަކުން އިން އިރު، އަކުރުތަކުގެ ތިރި އަށް ގަދަ ނުލެއް ގެނެސްފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އާ ލޯގޯ އިން ރަމްޒުކޮށްދޭނެ އެންމެ މުހިއްމު ކަމަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދަން ދޭ އަހައްމިޔަތެވެ.

ސަތޭކަ ތޭރަ އަހަރުވީ ތާރީހެއް އޮތް ޖީއެމްގެ ލޯގޯ އަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެކަމަކު މި ފަހަރު މި ގެނައި ބަދަަލަކީ ލޯގޯ އަށް އެ ކުންފުނީގެ ތާރީހުގައި ވެސް ގެނައި އެންމެ ބޮޑު ބަދަލެވެ. ޖީއެމުން 113 އަހަރުގެ ތެރޭގައި ލޯގޯ އަށް ފަސް ފަހަރެއްގެ މަތިން އެކި ކަހަލަ ބަދަލުތައް ގެނެސްފައިވެ އެވެ.

"މިއީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރުގެ ފަހުން އަހަރެމެން ޖީއެމަށް ގެނައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަށް ވާނެ،" ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު ޑެބޯރާ ވާލް ވިދާޅުވި އެވެ.

ޖީއެމުން ބުނި ގޮތުގައި އާ ލޯގޯ ދައްކައިލުމާ އެކު ކުންފުނި އިތުރަށް ޕްރޮމޯޓްކުރަން މި އަހަރު އިތުރު މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެގޮތުން ވަރަށް އަވަހަށް މާކެޓިން ކެމްޕޭނަށް ލޯންޗްކުރަން އަންނަނީ ތައްޔާރުވަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ކުރެވޭނެ އެއް ކަމަކީ އީވީ ޕްރޮމޯޓްކުރުމެވެ. އެކަމަށް ވަނީ 2025 ވަނަ އަހަރާ ހަމައަށް 27 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ހަމަޖައްސައިފަ އެވެ.

ޖީއެމްގެ އަމާޒަކީ އީވީ އުދެއްދުމުގައި މިހާރު އެންމެ ކުރީގައި އުޅޭ އީލޮން މަސްކްގެ ޓެސްލާ އާއި އެ ނޫން ކުންފުނިތަކާ ވެސް ވާދަކުރުމެވެ.

ކުންފުނީގެ ލޯގޯ ބަދަލުކުރުމާ އެކު ޖީއެމްގެ ތަރުޖަމާނަކަށް ވެސް އާ މީހަކު ވަނީ އައްޔަންކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް އުފަން ކެނެޑާގެ ނޫސްވެރިޔާ އަދި "ޓިޕިން ޕޮއިންޓް: ހައު ލިޓްލް ތިންގްސް ކޭން މޭކް އަ ބިގް ޑިފަރެންސް" ގެ ލިޔުންތެރިޔާ މަލްކޯމް ގްލެޑްވެލް، 57، އެވެ.