Roadha Mihaaru
ޓެސްލާގެ ވެހިކަލްތަކަށް ލޭޒާ ވައިޕަރު

ޓެސްލާގެ ވެހިކަލްތަކަށް ލޭޒާ ވައިޕަރު

14 ޑިސެމްބަރ 2019

ކާރުފަދަ ވެހިކަލްތަކުގެ ވިންޑްސްކްރީން ސާފުކުރަން މިހާރު ހުންނަ އާދައިގެ ވައިޕަރުގެ ބަދަލުގައި ލޭޒާ އިން އެކަން ކުރެވޭނެ ޓެކްނޮލޮޖީއެއް ރަޖިސްޓްރީކުރަން ޓެސްލާ އިން އެމެރިކާގެ ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާރުފަދަ ވެހިކަލްތަކުގެ ވިންޑްސްކްރީން ސާފުކުރަން މިހާރު ހުންނަ އާދައިގެ ވައިޕަރުގެ ބަދަލުގައި ލޭޒާ އިން އެކަން ކުރެވޭނެ ޓެކްނޮލޮޖީއެއް ރަޖިސްޓްރީކުރަން ޓެސްލާ އިން އެމެރިކާގެ ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅައިފި އެވެ.

އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އިން ބުނީ ފެނާއި ސައިބޯނި ބޭނުންކޮގެން ކާރުގެ ވިންޑްސްކްރީން ސާފުކުރުމަކީ ވަގުތާއި ފައިސާތަކެއް ވެސް ހަރަދުވާ އަދި އެހާ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކާރުގެ ވިންޑްސްކްރީން ސާފުކޮށް ހިކެން ގިނަ ވަގުތު ވެސް ނަގާތީ ކުރިއަށް އޮތް ތަނުގައި މިކަމަށް އޮތް އެންމެ ފަސޭހަ، ހަރަދުކުޑަ އަދި ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށްވާނީ ލޭޒާ ބީމް ވައިޕަރު ތައާރަފުކުރުން ކަމަށް ބުންޏެވެ.

އެހެންވެ މިކަމަށް ހުއްދަ ލިބުމާ އެކު މި ޓެކްނޮލޮޖީ ތަރައްގީކޮށް ކުރިއަށް އޮތް ތަނުގައި ޓެސްލާގެ އުފެއްދުންތަކަށް ތައާރަފުކުރާނެ އެވެ.

ޓެސްލާ އިން ބުނިގޮތުގައި ލޭޒާ ބީމް ވައިޕަރު ޓެކްނޮލޮޖީ ތަރައްގީކުރާނީ އޭގެ ސަބަބުން އިންސާނުންގެ ލޮލަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށެވެ. އަދި މިއީ ބޮޑު ބަދަލެއް ގެނުވާނެ އުފެއްދުމެއް ކަމަށް ބުންޏެވެ. ޓެސްލާ އިން ބުނީ މިއީ ހަމައެކަނި ކާރުގެ ވިންޑްސްރީން ސާފުކުރެވޭނެ ޓެކްނޮލޮޖީއެއް ނޫން ކަމަށާއި ވެހިކަލްތަކުގެ ބިއްލޫރި ހުރިހާ ސާފޭސްއަލަށް ލޭޒާ ބީމް ހެޔޮވަރުވާނެ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން 2021 ގެ ފަހުކޮޅުގައި ޓެސްލާ އިން ނެރެން ނިންމާފައިވާ ސައިބަޓްރަކްގައި ލޭޒާ ބީމް ޓެކްނޮލޮޖީ ބޭނުކޮށްފާނެ އެވެ.

ޓެސްލާ އިން ބުނިގޮތުގައި އުންމީދަކީ އެ ސޯލާ ޕެނެލާއި ރޫފް ޓައިލްސް ފަދަ ތަކެތި ވެސް ސާފުކުރަން ލޭޒާ ބީމް ޓެކްނޮލޮޖީ ބޭނުންކުރުމެވެ. ޓެސްލާގެ ސަބްސިޑަރީގެ ކުންފުންޏެއްގެ ގޮތުގައި ސޯލާ ސިޓީ ކިޔާ ކުންފުންޏެއް ހިންގަ އެވެ.