Roadha Mihaaru
"ނޮވެމްބާ" ގައި އިސްމާއީލް ވަޖީހުގެ ދަރިއެއް

"ނޮވެމްބާ" ގެ ކާސްޓްގައި އިސްމާއީލް ވަޖީހުގެ ދަރިއެއް

24 ނޮވެމްބަރ 2019

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ނޮވެމްބާ" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، އެ ފިލްމުގެ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހުގެ ދަރިއަކު ވެސް ފެންނާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ނޮވެމްބާ" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، އެ ފިލްމުގެ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހުގެ ދަރިއަކު ވެސް ފެންނާނެ ކަމަށް ބުނެފި އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކު، ވަޖީހުގެ ތިން ވަނަ ފިރިހެން ދަރިފުޅު ތަރީޝް ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން ޑާކް ރެއިނުން ވަނީ އޭނާ ފިލްމުގެ ކާސްޓާ ގުޅުނުކަން ކަށަވަރުކޮށް ދީފަ އެވެ.

މި ފިލްމުގެ ރޯލެއް ވަޖީހު ވެސް ކުޅޭނެ އެވެ. ތަރީޝް "ނޮވެމްބާ" ގެ ކާސްޓާ ގުޅުނީ ގާތް އެކުވެރިޔާ އަދި ޑައިރެކްޓަރު/އެކްޓަރު އަހުމަދު ނިމާލްގެ ދަރިފުޅު ޖުމަލްއާ އެކު، ތަރީޝް އަށް ސްކްރީން ހިއްސާކޮށްލަން ފުރުސަތެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވަޖީހު ސޯޝަލް މީޑިއާގައި ބުނެފައި ވަނިކޮށެވެ.

ސިންގަޕޫރްގައި ދިރިއުޅެމުން އަންނަ ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރުގެ ދޮށީ ދަރިފުޅު ތުޝާރު އިސްމާއީލް ވެސް ކުޑައިރު ވީޑިއޯ ލަވައަކުން ފެނިފައިވެ އެވެ. އެއީ އަންހެނުންނާ އެކު ވަޖީހު ކުޅުނު ލަވައަކުންނެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާ "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމުން ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުން ފެންނާނެ އެވެ.

އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ޝަލަބީ އާއި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގް (ސޯދުބެ) ގެ އިތުރުން ހޯސްޓް މޫސާ ވަސީމް ހިމެނެ އެވެ. މީގެ އިތުރުން ވެސް ގިނަ މޫނުތަކެއް ފެންނާނެ އެވެ.

"ނޮވެމްބާ" އަކީ ޑާކް ރެއިނުން އަންނަ އަހަރު ގެނެސްދޭން ނިންމާފައި އޮތް ފިލްމަކަށް ވިޔަސް، ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. ފިލްމުގެ މަންޒަރުތަކެއް ސިންގަޕޫރްގައި ނަގަން ފެށުމުގެ ކުރިން މާލެ އާއި ލ. އަތޮޅާއި ކ. ތުލުސްދޫގައި ވެސް މަންޒަރުތަކެއް ނަގާފައިވެ އެވެ.