އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 11 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ބަލައި ދިނުމަށް އެދި އެމްޑީޕީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
24 ނޮވެމްބަރ 2019
އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 11 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ބަލައި ދިނުމަށް އެދި އެމްޑީޕީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިންތިޚާބުގައި އެ ޕާޓީގެ ރައީސަކަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބުގެ މަގާމަށް ނުކުންނެވީ އަސްލަމްގެ އިތުރުން އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރި ހޯއްދެވީ ޝިފާޒެވެ.
އެމްޑީޕީން މިހާތަނަށް އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޝިފާޒަށް 13،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. ޝިފާޒާ ވާދަކުރެއްވި އަސްލަމަށް ލިބިވަޑައިގަތީ 9000 އަށް ވުރެ ގިނަ ވޯޓެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 23،000 އަށް ވުރެ ގިނަ މީހުން ވޯޓުލި އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބެ އެވެ.
އަސްލަމް "މިހާރު" އަށް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވަން ނިންމަވައި، އެކަމާ ގުޅޭ 11 ސަބަބެއް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު، އެމްޑީޕީ އަށް އަސްލަމް ހުށަހެޅުއްވި މައްސަލައިގެ އެއްވެސް ތަފްސީލެއް ދެއްވަން އޭނާ ދެކޮޅު ހެއްދެވި އެވެ.
"އަޅުގަނޑުމެން ވަގުތު ޖެހުމުން، އެކަމާ ގުޅޭ އިތުރު ތަފްސީލްތައް މީޑިއާއާ ހިއްސާ ކުރާނަން. މިވަގުތަށް އަޅުގަނޑުމެން ހާމަކޮށްލަން ބޭނުންވަނީ 11 މައްސަލަ ހުށަހެޅިކަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ކެމްޕޭން ޓީމުން ކުރިން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭރު އެ ޓީމުން ބުނެފައިވެ އެވެ.
ނައިބު ރައީސްގެ މަގާމަށް ޝިފާޒާއި އަސްލަމް ވާދަވެރި ކެމްޕެއިނެއް ކުރެއްވި އެވެ.
އަސްލަމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަސްލަމަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަދި ނަޝީދުގެ ސޯޝަލް މީޑިއާ ޓީމުން ކެމްޕެއިން ކުރެއްވީ އަސްލަމަށެވެ.
އަސްލަމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވަނީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ބައެއް މަގާމުތައް ވެސް އޭނާ އަދާކުރެއްވި އެވެ. އަދި 19 ވަނަ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ވަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވައިފަ އެވެ. އެކަމަކު، ފަހު ވަގުތު އަސްލަމް ވަނީ އެމްޑީޕީގެ މަސްލަހަތު އިސް ކުރައްވައި ނަޝީދު އެ މަގާމަށް ކުރިމަތިލެއްވުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި ނަޝީދު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ.
އަސްލަމް ވަނީ އެ ޕާޓީ އުފެދުމުގެ ކުރިން ފެށިގެން ގިނަ މަގާމުތައް ފުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރޭގައި އަސްލަމް ހިމެނިވަޑައިގެންނެވި އިރު، އެ ޕާޓީގެ އިންތިހާބާ ބެހޭ ޑިރެކްޓަރު ކަން ކުރެއްވި އެވެ.
މީގެއިތުރުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރި އިރު، ވަލީ ކޮމިޓީގެ މެމްބަރަކަށް ވެސް އުޅުއްވި އެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވި އިސް މަގާމަކީ ދުވަސްކޮޅެއް ވަންދެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމެވެ. ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރަކީ ވެސް އަސްލަމެވެ.
ނަތީޖާ ސައްހަކަމަށް އަސްލަމްގެ ޓީމުން ގަބޫލެއް ނުކުރޭ!
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
ފެންނަނީ މާލެ އާއި އައްޑޫގެ މެޖޯރިޓި އޮތް ތަން:ރައީސް
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
އައްޑޫ ފައްޔާޒަށް، މާލެ އާއި ފުވައްމުލައް އިންތި އަށް
ތުހުމަތުތަކަށް ނާޒިލު ރައްދު ދެއްވައިފި
ކައުންސިލްތައް ފެއިލްކޮށްލީ ޔާމީންގެ ސަރުކާރުން: ނަޝީދު
އިންތިޚާބުގެ އިތުބާރު ގެއްލޭ ކަމެއް ނުހިނގާ: ޝިފާޒް
ވޯޓު ފޮށި ނުބަހައްޓާ ނަތީޖާ ހެދިކަމަށް ތުހުމަތުކޮށްފި!
އެމްޑީޕީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި