Roadha Mihaaru
ވޯޓު ފޮށި ނުބަހައްޓާ ނަތީޖާ ހެދިކަމަށް ތުހުމަތުކޮށްފި!

އަސްލަމްގެ ޓީމުން ބޮޑު ތުހުމަތެއް: ވޯޓުފޮށި ނެތް ރަށްތަކުން ނަތީޖާ ޝީޓް ހެދި!

25 ނޮވެމްބަރ 2019

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވޯޓު ފޮށި ނުބަހައްޓާ ރަށްތަކުން ވެސް ނަތީޖާ ޝީޓް ހަދައި ފޮށިތަކަށް އިތުރަށް ވޯޓު އެޅި ކަމުގެ ތުހުމަތު ނައިބު ރައީސަކަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ޓީމުން މިއަދު ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވޯޓު ފޮށި ނުބަހައްޓާ ރަށްތަކުން ވެސް ނަތީޖާ ޝީޓް ހަދައި ފޮށިތަކަށް އިތުރަށް ވޯޓު އެޅި ކަމުގެ ތުހުމަތު ނައިބު ރައީސަކަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ޓީމުން މިއަދު ތުހުމަތުކޮށްފި އެވެ.

އިންތިޚާބު ކާމިޔާބުކުރަން ގިނަ ރަށްތަކެއްގައި ކެމްޕޭނެއް ކުރި އަސްލަމްގެ ޓީމުން މި ތުހުމަތު ކުރީ، އިންތިޚާބު ނިމުމާ އެކު ފެންމަތިކުރި މައްސަލަތަކަށް ޕާޓީން ރަސްމީކޮށް ޖަވާބުދީ، ވަގުތީ ނަތީޖާ ރޭ އިއުލާންކޮށްފައި ވަނިކޮށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އަސްލަމާ ވާދަކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް، ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ 13،815 ވޯޓުންނެވެ. އަސްލަމަށް ހޯއްދެވުނީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ވަގުތީ ނަތީޖާ ރޭ އިއުލާންކުރީ އަސްލަމް ހުށަހެޅުއްވި 11 މައްސަލަ އަށް ލިއުމުން ޖަވާބުދާރީވެ ކަންކަން ސާފުކޮށްދިނުމަށް ފަހު ކަމަށެވެ.

ޝަކުވާތަކާ ގުޅިގެން އެމްޑީޕީގެ އެ ސިޓީ ލިބިފައިވިޔަސް އޭގައި އެކަށީގެންވާ ގޮތެއްގައި އަދި ހެޔޮނިޔަތުގައި ޖަވާބު ދީފައި ނުވާ ކަމަށް އަސްލަމްގެ ކެމްޕޭން ޓީމުން ބުންޏެވެ.

އަސްލަމްގެ ކެމްޕޭން މެނޭޖަރު މުހައްމަދު ބަޝީރު (ބައްޓޭ) މިއަދު ވިދާޅުވީ ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ގަބޫލުނުކުރާ ކަމަށެވެ. ވޯޓު ނެގި ރޭ، ޝަކުވާ ހުށަހަޅަން ހުޅުވާލުމުން އެކި ރަށްތަކުން ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ: އިންތިޚާބު ގަބޫލެއް ނުކުރެއްވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ: އިންތިޚާބު ގަބޫލެއް ނުކުރެއްވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޝަކުވާ ލިބިފައި އެބައޮތް ވޯޓު ފޮށި ނުބަހައްޓާ ހަތް ރަށަކުން ވޯޓުގެ ނަތީޖާ ޝީޓް ހެދި ކަަމަށް. ބައެއް ފޮށިތަކަށް އިތުރަށް ވޯޓު އަޅާފައި ހުރި ކަމަށް އަޅުގަނޑުމެންނަށް މައްސަލަ ފޮނުވާފައި އެބަހުރި. އެ ނޫން ވެސް މައްސަލަތައް ގިނަ،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަތައް ތަފްސީލާ އެކު ހުށަނާޅާއި މަޑުކުރީ ވެސް ސަބަބުތަކެއް ހުރުމުންނެވެ. މި މައްސަލަތަކުގައި އިިތުރަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަސްލަމްގެ ކެމްޕޭން ޓީމުން އަންނަނީ ވިސްނަމުންނެވެ.

ބަޝީރު ވިދާޅުވީ އަސްލަމްގެ ކެމްޕޭންގައި އާއްމު މެމްބަރުންނަށް އޭނާ ޔަގީންކަން ދެއްވީ ޕާޓީއާ، އާއްމު މެމްބަރުން ދުރުވާ މައްސަލައިގައި ވެސް ހައްލެއް ހޯދައި ދެއްވަން ކަމަށެވެ. އެއާކު، ކޮރަޕްޝަނާއި އަނިޔާ އާއި ބޭއިންސާފަށް އަޑުއުފުލި އެމްޑީޕީގެ މެމްބަރުން ބާކީވާ މައްސަލައިގައި ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެ ކަންކަމަށް ހައްލު ހޯދޭނީ އަސްލަމަށް ކަން އާއްމު ގިނަ މެމްބަރުން ގަބޫލުކުރި ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުނެ އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ އިންތިޚާބުގެ ކެމްޕޭންގައި ވާދަވެރިކަން ބޮޑެވެ. އަސްލަމެކޭ އެއްގޮތަށް ޝިފާޒް ވެސް އޭނާގެ ސިޔާސަތުތައް އާއްމު މެމްބަރުންނަށް ހާމަކޮށްދެއްވައި ކެމްޕޭން ވަރުގަދަ ކުރެއްވި އެވެ.

އޭނާ ވިދާޅުވަނީ، އިންތިޚާބު ކާމިޔާބު ކުރެއްވުނީ އެމްޑީޕީގެ އާއްމު މެމްބަރުންނާ އެކު ދެގޮތެއް ނުވެ އޭނާ ހުންނެވި ކަމަށް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނެ ކަން ގަބޫލުކުރާތީ އެވެ.