Roadha Mihaaru
"ބާދްޝާހް މަރާލި ކަމަށް ދައުވާ ލިބޭ މީހާ އެއްބަސްވި"

ގަމުގައި ބިދޭސީއަކު މަރާލި ކަމަށް ދައުވާ ލިބޭ މީހާ އެއްބަސްވި: ހެކި

30 މެއި 2016

ލ. ގަމުގައި މިދިޔަ އަހަރު ބިދޭސީއަކު މަރައިލި މައްސަލާގައި ދައުވާ ލިބޭ މީހާ އެކަމަށް ތަހުގީގުގަ އާއި ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލ. ގަމުގައި މިދިޔަ އަހަރު ބިދޭސީއަކު މަރައިލި މައްސަލާގައި ދައުވާ ލިބޭ މީހާ އެކަމަށް ތަހުގީގުގަ އާއި ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތް ބަނގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހް މިއާގެ މޫނު މަތީގައި ލަކުޑިބުރިއަކުން ޖަހައި އޭނާ މަރައިލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށެވެ.

އެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ ކޯޓުގައި ހެކިބަސް ދެމުން މިއަދު ބުނީ ބާދްޝާހް މަރާލި ގޮތް ތަހުގީގަށާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ބަންދުގެ މުއްދަތު މަޖިލީހުގައި ވެސް ހަމްޒާ ކިޔައިދިން ކަމަށެވެ. އެގޮތުން ލަކުޑި ފަތިބުރިއަކުން ބާދްޝާހްގެ މޫނު މަތީގައި ތިން ފަހަރު ޖެހި ވާހަކަ ހަމްޒާ ކިޔައިދިން ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެ ފުލުސް މީހާ ބުނި ގޮތުގައި ހަމްޒާގެ މައްޗަށް އެ މައްސަލައިގެ ތުހުމަތު ކުރެވުނީ އެ ހާދިިސާގެ ފަހުން ބާދްޝާހްގެ ފޯނު އެހެން މީހެއްގެ އަތުގައި އޮއްވާ އެ ފޯނު ޓްރޭސްކޮށްގެން އެ ފޯނު ހޯދައި، އެ ފޯނު ގެންގުޅުނު މީހާގެ ފަރާތުން ލިބުނު މައުލޫމާތުންނެވެ. އެގޮތުން އެ ފޯނު ވިއްކުމަށް އެހެން މީހެއްގެ އަތަށް ހަމްޒާ ދިނުމުން އެ މީހާ އެހެން ބިދޭސީއަކަށް އެ ފޯނު ވިއްކިކަން ތަހުގީގަށް ހޯދުނު ކަމަށް އޭނާ ބުންޏެވެ.

ބާދްޝާހަށް ހަމަލާ ދިނުމަށް ފަހު އޭނާގެ ފޯނު ނެގި ކަމަށް ހަމްޒާ ތަހުގީގުގައި ވެސް ބުނި ކަމަށާއި އަދި ފުލުހުން ހޯދި ފޯނު ދެއްކުމުން އެއީ ބާދްޝާހްގެ ފޯނު ކަމަށް ހަމްޒާ ބުނި ކަމަށް ވެެސް އެ ފުލުސް މީހާ ބުންޏެވެ.

ކުށަށް އެއްބަސްވުމަށް ހަމްޒާ އަށް ބިރު ދައްކާފައި ނުވާނެ ކަމަށާއި ތަހުގީގު ކުރި އަށް ގެންދިޔައީ ހަމްޒާ އަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ފަހު ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

ބާދްޝާހް މަރާލާފައި އޮތް ގެ ހިމެނޭ ސަރަހައްދުން ލޭ ހުރި ލަކުޑިބުރިއެއް ފެނުނު ކަމަށް ވެސް ދެ ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދިނެވެ. އަދި ހަމްޒާގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، އެ ސަރަހައްދުން ޑަންލޮޕް ތެރަސް ދަޅެއް ހޯދި ފުލުހަކާއި އެ ހާދިސާ ހިނގި ތަނަށް އެންމެ ފުރަތަމަ ދިިޔަ ދެ ފުލުހެއްގެ ހެކިބަސް ވެސް މިއަދު ވަނީ ނަގައިފަ އެވެ.

ދެން އޮންނާނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ.