Roadha Mihaaru
އެމްޑީޕީގެ ނައިބު ރައީސްގެ ކެމްޕޭން މިފަހަރު ވާދަވެރި!

ނައިބު ރައީސަކު ހޮވަން އެމްޑީޕީން މިފަހަރު ވާދަވެރި ކެމްޕޭނެއް!

21 ނޮވެމްބަރ 2019

އެމްޑީޕީ އަކީ އިންތިޚާބުތަކުގައި ފޯރިނަގާ ޕާޓީއެކެވެ؛ އެކަމަކު މީގެ ފަސް އަހަރު ކުރިން 2014 ގައި ބޭއްވި އެ ޕާޓީގެ އިސް މަގާމްތައް ހޮވުމުގެ އިންތިޚާބުގައި އެއްވެސް ވާދަވެރިކަމެއް ނެތެވެ. ރައީސްކަމަށް ކުރިމަތިލެއްވީ އެ މަގާމުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސަކަށް ވާދަކުރެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވަމުން ގެންދަވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީ އަކީ އިންތިޚާބުތަކުގައި ފޯރިނަގާ ޕާޓީއެކެވެ؛ އެކަމަކު މީގެ ފަސް އަހަރު ކުރިން 2014 ގައި ބޭއްވި އެ ޕާޓީގެ އިސް މަގާމްތައް ހޮވުމުގެ އިންތިޚާބުގައި އެއްވެސް ވާދަވެރިކަމެއް ނެތެވެ. ރައީސްކަމަށް ކުރިމަތިލެއްވީ އެ މަގާމުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސަކަށް ވާދަކުރެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވަމުން ގެންދަވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ޑިމޮކްރަސީ ކުރިއަރުވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެއްވެސް ވާދަވެރިކަމެއް ނެތި މަގާމްތަކަށް ބޭފުޅުން އިންތިޚާބުވެވަޑައިގަތުމުން ފާޑުކިއުން އަމާޒުވި އެވެ. މި ފަހަރު ވެސް ނަޝީދު އެކަނި ކުރިމަތިލެއްވުމުން އެމަނިކުފާނަށް ވަނީ އެ މަގާމު ކަށަވަރު ކުރެއްވިފަ އެވެ.

މި އިންތިޚާބުގައި ވާދަވެރިކަން ބޮޑީ ނައިބު ރައީސް ކަމުގެ ގޮނޑިއަށެވެ. މި މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް ނައިބަކަށް ހުންނެވި ޝިފާޒްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލެވެ. މަގާމް ކަށަވަރު ކުރައްވަން ދެ ބޭފުޅުން ވެސް ގެންދަވަނީ ފޯރިގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ.

ކެމްޕޭން އިވެންޓްތައް ބާއްވައި ވޯޓު ހޯދަން ރަށްތަކަށް ވެސް ވަނީ ދަތުރުކުރައްވައިފަ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވަން ޖެހޭ ސަބަބާއި ހޮވިވަޑައިގެންފި ނަމަ ކުރައްވާނެ ކަންކަން ދެ ބޭފުޅުން ވެސް ގެންދަވަނީ އާއްމު މެމްބަރުންނަށް ކިޔައި ދެއްވަމުންނެވެ.

ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުން އެންމެ ބޭނުންވި ވަގުތުތަކުގައި އެންމެ ގާތުގައި ހުރި އެއް ބޭފުޅަކީ އޭނާ ކަމަށާއި ދެންވެސް ދެގޮތެއް ނުވެ ޕާޓީގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ. އަސްލަމް ވިދާޅުވާ ގޮތުގައި ޕާޓީއަށް އޭނާގެ ބަރުލަމާނީ ހަޔާތުގެ ތަޖުރިބާ މުހިއްމު ކަމަށާއި ދެމިހުންނަވާނީ އެ ޚިދުމަތުގަ އެވެ.

މި ކެމްޕޭންގެ ފޯރިގަދައީ އުތުރާއި ދެކުނުގަ އެވެ. އަސްލަމް ދެކުނަށް ނިސްބަތްވެވަޑައިގަންނަވާ އިރު، އޭނާގެ ސަޕޯޓަރުންގެ ވިސްނުމުގައި އެމްޑީޕީގެ ނައިބު ރައީސްގެ ގޮނޑި އުތުރަށް ދޭން ޖެހޭ ސަބަބެއް ނެތެވެ. ޝިފާޒްގެ ސަޕޯޓަރުން ބޭނުން ވަނީ ދެ ވަނަ ދައުރަކަށް އޭނާގެ އިންތިޚާބުކޮށް އުތުރުގެ ފަޚުރަކަށް ހެދުމަށެވެ.

މި ކެމްޕެެއިން ގައި އެންމެ ތަފާތުކޮށް ފެންނަ ބޭފުޅަކީ އަސްލަމެވެ. އުތުރާއި ދެކުނުގެ ރަށްތަކަށް ވެސް ވަޑައިގެން ވަރުބަލިވުމެއް ނެތި އޭނާ ކެމްޕެއިން ކުރެއްވި އެވެ. ޚާއްސަކޮށް، އެމްޑީޕީގެ ސޯޝަލް މީޑިއާގެ މަޝްހޫރު ޓީމު އަސްލަމް ފަހަތުގައި ތިބުމަކީ އޭނާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފެނުނެވެ.

ފޯރިގަދަ ކެމްޕޭނަކަށް ފަހު، ވޯޓުލުން މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މެއި މަހު އާއްމުކުރި ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 54،000 އަށް ވުރެ ގިނަ އެވެ. އިލެކްޝަންސްގައި ރަޖިސްޓްރީނުވިއަސް މެމްބަރަކަށް ވުމަށް އެދި ޕާޓީގެ އޮފީހަށް ވަކި މުއްދަތެއްގެ ކުރިން ފޯމު ހުށަހަޅާފައިވާ އެންމެންނަށް އެތެރޭގެ އިންތިޚާބުގައި ވޯޓު ލެވޭނެ އެވެ.

އެ ޕާޓީން މިއަދު ބުނިގޮތުގައި އިންތިހާބުގައި 87000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.