Roadha Mihaaru

މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ޒުވާނުންގެ މެދުގައި މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

މެރާކީ ކެފޭއަށް ގެއްލުން ދިން ދެ މީހަކު ހައްޔަރުކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

26 ނޮވެމްބަރ 2019

މާލޭގައި ޒުވާނުންގެ މެދުގައި މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެރާކީ ކޮފީ ރޯސްޓާސް އަށް ގެއްލުން ދިން މައްސަލައިގައި ދެ މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގެ ތަފްސީލު އަދި ހާމަނުކޮށް، ފުލުހުން ބުނީ ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނަކު ކަމަށެވެ.

އަލޯރާ ފަރުނީޗަރު ކައިރީގައި ހުންނަ މެރާކީ އަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީ އެ ތަނުގައި އިންޒާރުގެ ނޯޓިހެއް ވެސް ތައްކުރި އެވެ. ނޯޓުގައި އިންޒާރު ދީފައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ.

ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓު.

ނަމަވެސް ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓުގައި ވަނީ ޖެނުއަރީ 1، 2014 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހުށަހެޅި ދީނީ ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތަފާތު ހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާގެ އެހީވުމާއި އެފަދަ ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ހަމީދުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ނަމުގައި ހިންގާފައިވާ ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ ޓުވީޓު އެގޮތަށް އައީ، މެރާކީ އަށް ހަމަލަދީފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ.