Roadha Mihaaru
މައްސަލަ ރިވިއުކޮށްގެން ކާމިޔާބެއް ނުވާނެ: ރިފްއަތު

ދީބާޖާ މައްސަލަ ރިވިއުކޮށްގެން ކާމިޔާބީއެއް ނުވާނެ: ރިފްއަތު

27 ނޮވެމްބަރ 2019

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ރިފްއަތު ވިދާޅުވީ، ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ރިވިއު ކުރެވިދާނެ ނިންމުންތަކެއް ކަމަށާއި އެހެން ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން ދެ ކަމެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނީ އުސޫލެއް ފުރިހަމަ ވުމާ އެކު ގާނޫނީ ނުކުތާއެއް އެކަމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދެކަން ފުރިހަމަ ވެއްޖެ ނަމަ ސުޕްރީމް ކޯޓުން ކުރިން ނިންމައިފައި އޮންނަ ނިންމުމެއް ބަދަލު ކުރުމާއި ބާތިލު ކުރުމާއި އެ ނިންމުމާ މުޅިން ތަފާތު އެހެން ނިންމުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ ކުރަން ޖެހޭ ކަމެއް ނޫން. ސަބަބަކީ ކޯޓަކުން މައްސަލައެއް ނިންމީމަ، އަދި ވަކިން ހާއްސަކޮށް އެންމެ މަތީ މަރުހަލާގެ ކޯޓަކުން މައްސަލައެއް ނިންމީމަ، ގާނޫނީ ގޮތުން އެއަށް އޮންނަނީ ނިޔާ ކަނޑައެޅި ބާރު ލިބޭ އެއްޗެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މިކަން މިހެން އޮންނަ އިރު "ރެސްޖުޑިކާޓާ" ގެ މަފްހޫމުގެ ދަށުން މަތީ ކޯޓުތަކުން ނެރޭ ހުކުމްތަކަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަން އެހެން އޮންނަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައި ކަމަށާއި ކޯޓުތަކުގެ ނިންމުން ކޮންމެ ދުވަހު ބަދަލު ކުރާ ނަމަ ދުވަހަކު ވެސް މިކަަމަށް ނިމުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން އެމޭރުމުން ކުރާ ނަމަ ފަނޑިޔާރުގެ އަށް އިތުބާރު ގާއިމް ނުކުރެވޭނެ ކަަމަށާއި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބަލައިގަންނަ ނިންމުންތަކަށް ވެސް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަނީ ވަރަށް ހާއްސަ ހާލަތްތަކުގައި ކަމަށެވެ.

"މި މައްސަލައިގައި ހުރި ގާނޫނީ ނުކުތާތަކަށް ބަލާ އިރު އަޅުގަނޑަކަށް ބުރައެއް ނުވެވޭ މި މައްސަލައިގައި އަޅުގަނޑުމެން ރިވިއު ކޮށްގެން ވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރެވިދާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެއަދަދުގެ ދެބައިކުޅަ އެއްބައި ކުޑަ ވުމަކީ، ދައުލަތަށް މާލީ ބުރަ ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް ކަމަށެވެ. ދީބާޖާ މައްސަލައިގައި ދައުލަތުން އަމަލުކޮށްފައި ވަނީ ވެވުނު އެގްރީމެންޓާ ހިލާފަށް ކަމަށްވާ އިރު އެކުންފުންޏަށް އަދުލުވެރި ބަދަލެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ. ރައީސް މިދިޔަ ހޯމަ ދުވަހު ވަނީ އެގޮތަށް ބަދަލު ދިނުމަށް ނިންމަވައިފަ އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.