Roadha Mihaaru
އިންތިހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި

ކައުންސިލް އިންިތހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި

04 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށާއި އިންތިހާބާ ގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށާއި އިންތިހާބާ ގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020″ގެ ނަމުގައި މަޖިލީހަަށް ފޮނުވި، 10 މާއްދާގެ ބިލު އެކުލަވަައިލާފައި ވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށް ކަމަށެވެ. ސަންސެޓް ގާނޫނުތަކަކީ ހާއްސަ ހާލަތްތަކެއްގައި އަމަލުކުރަން ޖެހޭ ވަގުތީ ގާނޫނުތަކެކެވެ.

ބިލުގައި ހިމެނޭ މުހިއްމު ކަންތައްތައް

ބިލަށް އަމަލުކުރަން ކުރަން ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަނުން މި މަހު 18 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށް އޭޖީ އޮފީހުން ފޮނުވި ބިލުގައި ވެ އެވެ. އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.

ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާ ބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ބިލުގައި ވެ އެވެ.

އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާ އެކު ބާތިލުވާނެ އެވެ. ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ އެވެ. އެކަމަކު އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ މައްސަލަ އީސީން ފުރަތަ ހުށަހެޅީ ހައިކޯޓަށެވެ. އަދި އެއަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަނބުރާ ނެގީ އެއީ މަޖިލީހުން ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ވާތީ އެވެ.