Roadha Mihaaru

ޑްރަގްގެ އެންމެ ބޮޑު ޝަރީއަތް: ދައުލަތަށް ކާމިޔާބު ކުރެވޭނެތަ؟

އީރާނުގެ މަސްބޯޓަކުން ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވާފައި ހުރި 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 18 މީހުން ހައްޔަރުކުރުމަކީ މިހާތަނަށް ދިވެހި ފުލުހުން ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. އެ ޑިންގީއާ ހަވާލުވާން ދިޔަ ދޯންޏާއި އެ ދޯނި އަތުލުމަށް ފަހު ޑިންގީގެ ބައެއް ކަފާލައިގެން ހޯދި މަސްތުވާތަކެތީގެ އަގު 100 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ޑްރަގްގެ ބޮޑު ޝަރީއަތް: ދައުލަތަށް ކާމިޔާބު ވާނެތަ؟
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

01 ޖޫން 2016

އީރާނުގެ މަސްބޯޓަކުން ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވާފައި ހުރި 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 18 މީހުން ހައްޔަރުކުރުމަކީ މިހާތަނަށް ދިވެހި ފުލުހުން ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. އެ ޑިންގީއާ ހަވާލުވާން ދިޔަ ދޯންޏާއި އެ ދޯނި އަތުލުމަށް ފަހު ޑިންގީގެ ބައެއް ކަފާލައިގެން ހޯދި މަސްތުވާތަކެތީގެ އަގު 100 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެކަމަކު އެ ބޮޑު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފުތާގައި ނިމުނު އިރު އުފެދުނު އެންމެ ބޮޑު ސުވާލަކީ އެކަމުގައި ދައުލަތަށް ކާމިޔާބު ލިބޭނެ ހެއްޔެވެ؟ އެ މައްސަލާގައި ފުރަތަމަ 18 މީހުން ހައްޔަރުކުރި ނަމަވެސް ޝަރީއަތް ފެށީ ދެ މީހުންނާ އެކު އެވެ.

އެ ޝަރީއަތާ މެދު އާންމުން މާ ބޮޑު ސަމާލުކަމެއް މިިހާރު ނުދިނަސް ހަގީގަތުގައި މިއީ ވަރަށް ބޮޑު ޝަަރީއަތެކެވެ. ޝަރީއަތުގައި ހުކުމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިސްމާއިލް މޫސާ، ގ. ޓްރަސްޓްހޯމް އާއި އަބްދުﷲ ސޮއްފަތު، ހ. އެވާޕީސް އަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށް، ދައުލަތުން ދައުވާކުރަނީ ސޮއްފަތުގެ މައްޗަށެވެ.

ފުލުހުންގެ ބޮޑު އޮޕަރޭޝަން

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީއާ ހަވާލުވާން ސޮއްފަތާއި އިސްމާއިލް މޫސާ ދޯންޏެއްގައި އިތުރު ބަޔަކާ އެކު އއ. އަތޮޅު ކައިރިއަށް ދަތުރުކުރި ކަމަށް ދައުލަތުން ބުނެ އެވެ. ޝަރީއަތުގައި ހާމަވި މައުލޫމާތުތަކަށް ބަލާއިރު އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާކަން ފުލުހުންނަށް ކުރިން އެނގިގެން ދިޔައީ ތައްޔާރުވަމުންނެވެ.

ޑިންގީ ބަލާ އީރާނުގެ ބޯޓު ކައިރިއަށް ދަތުރުކުރި ދޯންޏަށް ފާރަލާން ފުލުހުންގެ ޓީމެއް ވަނީ ދެ ހަފުތާއެއްހާ ދުވަހު ކަނޑުމަތީގައި ހޭދަކޮށްފަ އެވެ. އެ ފުލުހުންގެ ކެއިންބުއިމާއި ނިދުމާއި ޒަރޫރީ އެހެން ބޭނުންތައް ވެސް ފުއްދީ ކަނޑުމަތީގަ އެވެ.

ކަނޑު މަތީގައި ފާރަލަމުން ދިޔައިރު އެކަމުގައި ބައިިވެރިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މާލޭގައި ތިބި ބައެއް މީހުންނަށް ވެސް ފުލުހުން ދިޔައީ ފާރަލަމުންނެވެ. އެ މީހުން ދާހާ ތަނަކަށް ފަހަތުން ދިއުމާއި ބައްދަލުކުރާ މީހުން ބެލުން ފަދަ ކަންކަން ކުރިއަށް ގެންދިޔަ އެވެ.

ޝަރީއަތުގައި ހާމަވި މައުލޫމާތުން އެނގުނު ގޮތުގައި ތުހުމަތުކުރެވުނު މީހުންނަށް ފާރަލުމުގެ މަސައްކަތް އޭގެ ހައެއްކަ މަސް ކުރިން ފުލުހުން އޮތީ ފަށައިފަ އެވެ. އެމީހުންގެ ފޯން ކޯލްތައް އަޑުއެހި އެވެ.

މަސްތުވާތަކެތި ހުރި ޑިންގީ ރާއްޖެ ގެނައި އީރާނުގެ މަސްބޯޓު --ފޮޓޯ/ޕޮލިސް

މަސްތުވާތަކެތި ހުރި ޑިންގީ ރާއްޖެ ގެނައި އީރާނުގެ މަސްބޯޓު --ފޮޓޯ/ޕޮލިސް

އެކަމަކު ޝަރީއަތުގެ މަރުހަލާގައި ހާމަވެފައިވާ ވާހަކަތަކުންނާއި ކަން ހިނގާފައިވާ ގޮތުން އެ މައްސަލަ ދައުލަތަށް ކާމިޔާބު ކުރެވިދާނެތޯ ނުވަތަ ނުވަތަ ނޫންތޯ ސުވާލު އުފެދެ އެވެ. ސަބަބުތައް ބައިވަރެވެ.

ތަހުގީގު ބަލިކަށި؟!

އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުންނާ އެކު އީރާނުގެ މަސްބޯޓުގެ ފަޅުވެރިންނާއި އެ ބޯޓު ކައިރިއަށް ދަތުރުކުރި ދޯނީގެ ފަޅުވެރިންނާއި އިތުރު ބަޔަކު ވެސް ހިމެނޭ ގޮތަށް 18 ވަރަކަށް މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނުނެވެ. އެކަމަކު ހެކި ނެތުމުން ފަހަރަކު ބަޔަކު ދިޔައީ ދޫކުރަމުންނެވެ. އެންމެ ފަހުން ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ އެންމެ ފަސް މީހެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން ވެސް ދައުވާކުރީ އިސްމާއިލާއި ސޮއްފަތުގެ މައްޗަށް އެކަންޏެވެ. ބާކީ ތިބި އެންމެން ވެސް ސަލާމަތްވީ އެވެ.

އެތައް ބަޔަކު ބައިވެރިވެ އަދި ދުރާލައި ރާވައިގެން ހިންގި ކަމަށް ބުނާ ބޮޑު ކުށަކާ ގުޅިގެން އެންމެ ދެ މީހަކަށް ދައުވާ ކުރުމުން އެނގެނީ އެ މައްސަލާގައި ފުލުހުންގެ ތަހުގީގު ބަލިކަށިކަމެވެ. ކޯޓެއްގައި ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ފުލުހުންނަށް ހޯދުނު ހެއްޔެވެ؟

ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށް ނުދިނަސް އެ މައްސަލައިގެ މުހިންމު ބައެއް ހެކިތައް ފުލުހުންގެ ތެރެއިން ގެއްލިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ދައުލަތުން ހުށަހެޅި ސިއްރު ބައެއް ހެކިން ތަހުގީގުގައި ބުނި ގޮތާ ޚިލާފަށް ޝަރީއަތުގައި ހެކިބަސް ދިން މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލަ ފުލުހުން މިހާރު އަަންނަނީ ބަލަމުން ކަމަށްވެ އެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީ: ކަނޑު މަތީގައި ފުލުހުން ހިންގީ ބޮޑު އޮޕަރޭޝަނެއް --ފޮޓޯޕޮލިސް

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީ: ކަނޑު މަތީގައި ފުލުހުން ހިންގީ ބޮޑު އޮޕަރޭޝަނެއް --ފޮޓޯޕޮލިސް

ތަހުގީގުގައި ދެއްކި ވާހަކަތަކާ ޚިލާފަށް ޝަރީއަތުގައި ހެކިބަސް ދިނީ، ބެލެވޭ ގޮތުގައި، ދައުވާ ލިބޭ މީހުންނާ ދެކޮޅަށް އެންމެ ވަރުގަދަ ބަޔާންތައް ދިން މީހުންނެވެ. އެކަމަކު "ކޮންމެވެސް ސަބަބުތަކަކާ ހެދި" އެ މީހުންގެ ވާހަކަ ޝަރީއަތުގައި ކުއްލިއަކަށް، އެހެން ގޮތަކަށް، ބަދަލުވުމުން ހެކިބަހުގެ ބާރު ދަށްވި އެވެ.

ބައެއް އިޖުރާއަތްތަައް ގޯސް؟

ޖިނާއީ މައްސަލަތަކުގައި ހެކި ހޯދުމާއި ހައްޔަރުކުރުމާއި ބަލައި ފާސްކުރަން ވަކި ޚާއްސަ އިޖްރާއަތުތަކެއް އޮންނައިރު އެއިން އެއްވެސް އިޖްރާއަތެއް ގޯސްކޮށް ހިންގައިފި ނަމަ މުޅި މައްސަލަ އަށް އަސަރު ފޯރުމުގެ ފުރުސަތު އޮވެ އެވެ. މީގެ ކުރިން ބޮޑެތި ބައެއް މައްސަލަތަކުގައި ހެކި ހޯދުމުގައި ފުލުހުން އަމަލުކޮށްފައިވާ އިޖްރާއަތު ގޯސްވުމުން އެތައް ބަޔަކު މިނިވަންވި އެވެ. މަސްތުވާތަކެތީގެ ބޮޑު ޝަރީއަތުގައި ވެސް އެފަދަ ކަންކަން ހާމަވެފައިވެ އެވެ.

ދައުވާ ލިބޭ މީހުންގެ ފޯން ކޯލްތައް ފުލުހުން އަޑުއެހީ ކޯޓު އަމުރެއް ނެތި ކަމަށް ދިފާއީ ވަކީލުން ވަނީ ޝަރީއަތުގައި ފާހަގަކޮށްފަ އެވެ. ކޯޓު އަމުރެއް ނެތި ފޯން ކޯލް އަޑުއަހައިގެން ހޯދާ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް މަތީ ކޯޓުތަކުން ކަނޑައަޅާފައިވެ އެވެ. ދިފާއީ ވަކީލުންގެ އެ ވާހަކަ އަކީ ހަގީގަތެއް ނަމަ، އެ ފޯން ކޯލްތަކުން ކިތަންމެ ވަރުގަދަ ހެއްކެއް ލިބުނަސް އޭގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދުމުގެ ފުރުސަތު އެބަ އޮތެވެ.

މީގެ އިތުރުން އިސްމާއިލްގެ ގެ ފާސްކުރުމުގެ ތެރޭގައި އިތުރު މަސްތުވާތަކެއްޗާއި އޮރިޔާން ކާޑު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކުރި އެހެން ދައުވާއެއް ކޯޓުން ކުރިން ބޭރުކޮށްލީ ފުލުހުން އަމަލްކުރި އިޖްރާއަތުތައް ގޯސްވުމުންނެވެ. އެއީ އެގެ ފާސްކުރަން ކޯޓު އަމުރެއް ފުލުހުންނަށް ލިބިފައި އޮއްވައި، އެ އަމުރު ދެއްކުމެއް ނެތި ގެއަށް ވަދެ ފާސްކުރުމުންނެވެ.

އެންމެ ފަހު އަޑުއެހުމުގައި ފަހު ބަސް ބުނަން ދިން ފުރުސަތުގައި ވެސް ދައުވާ ލިބޭ މީހުންގެ ވަކީލުން ބުނީ ދައުލަތުގެ ފަރާތުން ރަނގަޅު ހެއްކެއް ނެތް ކަމަށެވެ. އެއަށް ރައްދު ދީ ދައުލަތުގެ ވަކީލުން ބުނި ގޮތުގައި ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެވެ.

މިއީ އާދައިގެ މައްސަލައެއް ނޫނެވެ. އާދައިގެ ޝަރީއަތެއް ވެސް ނޫނެވެ. ފުލުހުންގެ ވަރުގަދަ އޮޕަރޭޝަންގެ މޮޅުކަން ޝަރީއަތުގައި ސާބިތުކޮށްދެވުނުތޯ ނުވަތަ ނޫންތޯ އެނގޭކަށް މާ ގިނަ ދުވަހެއް ނެތެވެ.