Roadha Mihaaru
ހާބަރު ފުޑް ކޯޓުތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ހާބާރު ފުޑްކޯޓުތަކުގެ މަސައްކަތް އެމްއެސް ކާޕެންޓްރީއަށް، މާޗް މަހަށް މަސައްކަތް ނިންމާލެވޭނެ

29 ސެޕްޓެމްބަރ 2016

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓުތަކުގެ މަސައްކަތް ހަތް މަހާއި 15 ދުވަސްތެރޭގައި ނިންމަން އެމްއެސް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ މިދިޔަ ހަފުތާގައި ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓުތަކުގެ މަސައްކަތް ހަތް މަހާއި 15 ދުވަސްތެރޭގައި ނިންމަން އެމްއެސް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ މިދިޔަ ހަފުތާގައި ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުޑް ކޯޓުގެ ފައުންޑޭޝަން މަސައްކަތް އެމް އެސް ކާޕެންޓްރީން މި ހަފުތާގައި ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކޮން އަގެއްގައި ކަމެއް އެސްޓީއޯއިން ނުބުނެ އެވެ.

އާ ހާބަރު ކަޑަތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން އެސްޓީއޯއާއެކު އެއްބަސް ވުމެއްގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ފަހު ތަން އަލުން ހުޅުވާ ގޮތަށެވެ.

އާ ހާބަރުގެ ފުޑްކޯޓުތައް ހަދާ ސަރަހައްދުގައި ޓިނުން ފެންސް ޖަހާފައި. އެތަނުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯއިން ބުނޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

އާ ހާބަރުގެ ފުޑްކޯޓުތައް ހަދާ ސަރަހައްދުގައި ޓިނުން ފެންސް ޖަހާފައި. އެތަނުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯއިން ބުނޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އެތަނުގެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންތައްތަކަށް ބަދަލުތަކެއް ގެންނަން ޖެހިގެން. އަދި އެ މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތަކެއް ހޭދަވި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ފުޑް ކޯޓުތަކުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމައިލެވޭނެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހާބަރު ކަޑަތަށް ތަރައްގީކޮށް ނިމޭއިރު އެތަނަށް އަމީނީމަގުންނާއި އެތެރޭގައި އޮންނަ މަގުން ވެސް ވަދެވޭނެ ގޮތަށް ހަދާނެ ކަމަށެވެ. އަދި ސައިކަލާއި ކާރު ޕާކު ކުރުމަށް ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 30،000 އަކަ ފޫޓުގެ ސަރަހައްދުގައި ކުރިން 40 ކެފޭ ހުރި އިރު އަލަށް ހަދާ ނިމެނޭއިރު އެތަނުގައި ހުންނާނީ 26 ފުޑް ކޯޓެވެ.