Roadha Mihaaru
ލުއިތަކާއެކު ފުޑް ކޯޓުގެ ގޮޅިތައް ބީލަމަށް

ލުއިތަކާއެކު ފުޑް ކޯޓުގެ ގޮޅިތައް ބީލަމަށް

03 ޖެނުއަރީ 2021

ބޮޑެތި ލުއިތަކާއެކު އެސްޓީއޯއިން ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑެތި ލުއިތަކާއެކު އެސްޓީއޯއިން ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މި ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ގޮޅިތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ހަތް ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް އެ ކުންފުނީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މި ގޮޅިތަކާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ނަގަމުން އައި ބައެއް ފީތައް ނުނަގަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކުރިން ނަގަމުން އައި 100،00ރ. ގެ ބިޑް ސެކިއުރިޓީ އާއި އެޑްވާންސް ކުލި ނުނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިން ތިން މަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ނެގި ނަމަވެސް މިހާރު ނަގާނީ ދެ މަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގޮޅިތަކުގެ ކުލި މިހާރު ކުޑަކޮށްފައިވާނެ ކަމަށާއި ކުރިން ބިޑް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ބިޒްނަސް ޕްލޭން މިހާރު ހުށަހަޅަން ނުޖެހޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވިގޮތުގައި ގޮޅިތަކުގެ ކުލި ވަނީ ތިންބައި ކުޅަ އެއް ބަޔަށް ކުޑަކޮށްފަ އެވެ.

އަމްރު "މިހާރު" އަށް ވިދާޅުވިގޮތުގައި ލުއި ދޭން ނިންމީ ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނެވެ. އެގޮތުން، ކުރިން ނަގަމުން އައި ކުއްޔަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ކެފޭ ހިންގަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަން ހަދާފައި ހުރީ ހޭދަވާން ޖެހޭ ވަރަށް ވުރެ ހަރަދު ބޮޑުކޮށް. އެހެންވެ އެ ބައި ރިކަވާ ކުރަން އަގު ބޮޑުކޮށްފަ ހުރީ ކަމަށް ބެލެވެނީ. އަދި ބިޑަށް ލާއިރު ވެސް އެބަޖެހޭ ބައިވަރު ފައިސާ އެއްކޮށްފައި ބަހައްޓަން. މިހެން ހެދުމުން ކުދި ވިޔަފާރިތަކަށް އެތަން ކުއްޔަށް ނަގަން އެބަ ދަތިވޭ. އެހެންވެ އަޅުގަނޑުމެން ނިންމީ އެކަންތައްތައް ބަދަލުކޮށް ބިޑު ހުށަހަޅަން ފަސޭހަ ކޮށްދޭން،" އަމްރު ވިދާޅުވި އެވެ.

ފުޑް ކޯޓުގެ ގޮޅިތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މަސް ދުވަހުގެ ކުލި އެޑްވާންސްކޮށް ދައްކަން ޖެހޭނެ އެވެ. އެއީ އަކަފޫޓެއް 39ރ. ގެ ރޭޓުންނެވެ. ކުރިން އަކަފޫޓަކަށް 53ރ. ދައްކަން ޖެހެ އެވެ.

ފުޑް ކޯޓުގައި ހިންގާ ރެސްޓޯރަންޓްތަކާއި ކެފޭތަކަށް ފަރުނީޗަރު ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެ ޔުނިޓްތައް ހިންގާ ފަރާތްތަކުން އިތުރު ފަރުނީޗަރު ގެންދިއުމަކީ މަނާ ކަމެކެވެ.