Roadha Mihaaru
ސެމީގައި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެއް

ސެމީގައި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެއް

29 ނޮވެމްބަރ 2019

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސެމީގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހުނީ މިއަދު ކުޅުނު ގްރޫޕްގެ ފަހު މެޗުން ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެ، ގްރޫޕްގެ ދެ ވަނަ އަށް ދިއުމުންނެވެ. ލަންކާ އިން ސެޓުތައް ގެންދިޔައީ 25-15، 25-18 އަދި 25-14 އިންނެވެ. ރާއްޖެ އާއި އިންޑިއާ ކުޅޭ ސެމީ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 16:15 ގަ އެވެ.

ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ލީޑުނަގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ސެޓުގެ ވަކި ހިސާބަކުން ލަންކާ އިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އޭގެ ފަހުން ރާއްޖޭން ލަންކާގެ އެޓޭކްތައް ހުއްޓުވަން ގިނަ މަަސައްކަތްތަކެއްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ލަންކާ އިން ސެޓު ގެންދިޔައީ 25-15 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެސް ރާއްޖޭން ރަނގަޅަށް ކުޅެ ލީޑެއް ވެސް ނެގި އެވެ. އެކަމަކު ފުރަތަމަ ސެޓެކޭ އެއްގޮތަށް ލަންކާ އިން ކުޅުމުގެ ތެރެއަށް އެނބުރި އައިސް ސެޓުގެ ކޮންޓްރޯލް ނަގައި، މި ސެޓު 25-18 އިން ގެންގޮސް މެޗުން މޮޅުވުމާ ގާތަށް ޖެހިލި އެވެ. ރާއްޖޭގެ އައިމިނަތު އަރީޝާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަންކާ މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިޔަކީ ދިލިނީ އެވެ. އޭނާ ވަނީ ފޮނުވާލި ގިނަ ބޯޅަތަކުން ޕޮއިންޓް ސްކޯކޮށްފަ އެވެ. ލަންކާ އިން ފަހު ސެޓު ގެންދިޔައީ 25-15 އިންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އާއި ސްރީލަންކާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އާއި ސްރީލަންކާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބުނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް ޕާކިސްތާނުން މުބާރާތުން ނަން ނެގުމުންނެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ސެމީން ބަލިވީ ލަންކާ އަތުންނެވެ.

މިއަދު ލަންކާ އަތުން ބަލިވި މެޗަށް ފަހު ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ ފުރަތަމަ ސެޓުގައި ލީޑުގައި އޮވެ އޭގެ ފައިދާ ނުނެގި ދިއުމުން ދެން ކުޅުނު ދެ ސެޓުގައި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި މިއަދުގެ މެޗުގައި ދަށްކޮށް ދިޔަ ބްލޮކްގެ ބައި މާދަމާ އިންޑިއާއާ ދެކޮޅަށް ރަނގަޅު ކުރަން ޖެހޭނެކަން ބޭބެ ފާހަގަކުރި އެވެ.

"އިންޑިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އިންޝާﷲ ވަރަށް ރަނގަޅު ފައިޓެއްދޭން. ވަރަށް މަސައްކަތްކުރާނަން،" ބޭބެ ބުންޏެވެ.

ރާއްޖޭގެ އަންހެން ޓީމުން މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްއާ ކުރިމަތިލީ ރަނގަޅު ރޫހެއްގަ އެވެ. އެއީ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައި، އަންހެން ވޮލީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު ކާމިޔާބީއާ އެކު އެވެ.

ރަސްމީކޮށް އަންނަ އާދިއްތަ ދުވަހު ސައުތު އޭޝިއަން ގޭމްސް ފެށި ނަމަވެސް ވޮލީބޯޅަ އިވެންޓް މިހާރު ކުރިއަށްދެ އެވެ. ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ ސީދާ ތިން ސެޓުން ޕާކިސްތާން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ ލަންކާއާ ދެކޮޅަށެވެ.