Roadha Mihaaru
ގައުމީ އަންހެން ވޮލީ ޓީމުގެ އިތުބާރު ބޮޑުވެއްޖެ: ކޯޗު

ގައުމީ އަންހެން ވޮލީ ޓީމުގެ އިތުބާރު ބޮޑުވެއްޖެ: ކޯޗު

19 ނޮވެމްބަރ 2019

ދާދި ފަހުން ނިމިދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލާ އެކު ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ އިތުބާރު ބޮޑުވެއްޖެކަމަށާއި އެއީ ރަނގަޅު މިސްރާބުގައި އިތުރަށް ކުރިއަށްދާން ލިބޭނެ ހިތްވަރެއް ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދާދި ފަހުން ނިމިދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލާ އެކު ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ އިތުބާރު ބޮޑުވެއްޖެކަމަށާއި އެއީ ރަނގަޅު މިސްރާބުގައި އިތުރަށް ކުރިއަށްދާން ލިބޭނެ ހިތްވަރެއް ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ފަސް ޓީމުގެ ވާދަވެރި ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ރާއްޖޭން ގެންދިޔައީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. މިއީ މިހާތަނަށް އަންހެން ވޮލީގައި ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ. ބޭބެ ބުނީ މިއީ ޓީމު ކުރިއަށްދާން ކޮށުނު މަގެއް ކަމަށެވެ.

"ވަރަށް ބޮޑު ކޮންފިޑެންސެއް އެއީ ކުޅުންތެރިންނަށް ލިބޭ. ވަރަށް ބޮޑު ކާމިޔާބީ އަކަށް ފަހު އެ އައީ. މި މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް. ވަރަށް ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް މި ކުރަނީ،" ބޭބެ ބުންޏެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ކުރިން ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ނިޒާރު (ބޮޑޭ) ހަމަޖައްސަން މަސައްކަތްކުރި ނަމަވެސް މި މުބާރާތުގައި ޓީމުގެ ކޯޗަކަށް ހަމަޖައްސާ ރަޖިސްޓްރީކޮށްފައިވަނީ ބޭބެ އެވެ. އިއްޔެ ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ވަނީ ސައުތު އޭޝިއަން ގޭމްސްގެ ކުރިން ލަންކާ އަށް ޓްރެއިނިން ކޭމްޕަކަށް ފުރައިފަ އެވެ. އަންހެން ޓީމާ އެކު ދިޔައީ ބޭބެ އެވެ.

ލަންކާ ޓްރެއިނިން ކޭމްޕްގައި ހަތަރު ވަރަކަށް މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އަންހެން އަދި ފިރިހެން ޓީމުގެ ޓްރެއިނިންތަކުގައި ފިރިހެން ޓީމުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްގެ އެހީތެރިކަން ލިބޭނެ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ޓީމު ލިސްޓުގައި ބޭބެގެ ނަން ކޯޗެއްގެ ގޮތުގައި ނެތުމުން ޓީމަށް ބެންޗުން އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ބޭބެ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސައުތު އޭޝިއަން ގޭމްސްގައި ބެންޗުގައި އިނދެ ޓީމަށް އިރުޝާދުދެވުމެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުތަކަށް ބަލާއިރު ގައުމީ އަންހެން ޓީމަށް ގިނަ މުބާރާތްތަކެއްގައި ބޭބެ ވަނީ ކޯޗުކޮށްދީފަ އެވެ. ބޭބެ ބުނީ ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭ ގައުމީ ޓީމަށް އަބަދުވެސް އަންނަނީ ކުދިކުދި ބަދަލުތަކެއް ކަމަށާއި މިހާރު އޮތް ޓީމުގެ އެކި މަގާމުތަކުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ކަމަށެވެ.

"ނިމިގެންދިޔަ މުބާރާތުގައި ލިބަރޯ އަކަށް ޒީނިއާ ހުރީ. އޭނަ ދެން ތަންކޮޅެއް އުމުރުގެ ގޮތުން މަތީވީމަ ޔަންގް 18 އަހަރުގެ ކުޅުންތެރިއަކަށް މި ފަހަރު މި ފުރުސަތު ދިނީ. އަފާފް އެއީ ގޮއިދޫ ކުޅުންތެރިޔެއް. ސްކިލްއާ ހުރިހާ އެއްޗަކަށް ބަލާފައި މި ފުރުސަތު ދިނީ. މީގެން އެނގެނީ ފަހަތުގައި ޒުވާން ކުޅުންތެރިންތަކެއް އެބަތިބިކަން ކުރިއަރަމުން އަންނަ. ޝަހާ ޝާމިން ފަދަ ކުޅުންތެރިން ސެންޓްރަލް ޒޯން މުބާރާތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރިޔަސް ވަރަށް ރަނގަޅު ޕާފޯމެންސެއް ދެއްކި،" ޒުވާން ކުޅުންތެރިންނަށް އިޝާރާތްކޮށް ބޭބެ ބުންޏެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގަިއ ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ބޭބެގެ އިރުޝާދުގެ ދަށުން އަންހެން ވޮލީ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ބޭބެ ބުނީ ކުރިއާ އަޅާކިޔާއިރު ޓީމު ވަރަށް ބޮޑަށް ކުރިއަރާފައިވީ ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި މުބާރާތުގައި ރަނގަޅު ޓީމުތައް ގިނަކަން ކަމަށެވެ.

"ސެންޓްރަލް ޒޯނުގައި މި އޮތީ ގިނައިން ވާދަކުރެވޭނެ ޓީމުތަކެއް. އެކަމަކު ސައުތު އޭޝިއަން ގޭމްސްގައި މި އޮތީ ތަންކޮޅެއް މަތީ ލެވެލެއްގެ ޓީމުތަކެއް. ނޭޕާލު ވެސް ހިމެނޭ. މި ޒޯނުގައި ކުޅޭއިރު އެބަޖެހޭ އިތުރަށް މަސައްކަތް ކުރަން. މި ޓީމުތަކާ ފައިޓް ކުރަންޏާ. އިންޝާﷲ ރަނގަޅު ނަތީޖާތަކެއް ނެރެ. ކުރިއެރުން ހޯދަން ޓާގެޓަކީ،" ބޭބެ ބުންޏެވެ.

ލަންކާ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު އަންނަ އާދިއްތަ ދުވަހު ގައުމީ އަންހެން އަދި ފިރިހެން ޓީމު ސައުތު އޭޝިއަން ގޭމްސް އަށް ދާން ލަންކާ މަގުން ނޭޕާލަށް ފުރާނެ އެވެ. ގޭމްސްގެ ވޮލީ އިވެންޓުތައް ފަށަން ތާވަލުކޮށްފައިވަނީ މި މަހު 27 ވަނަ ދުވަހު އެވެ. ވޮލީގެ އަންހެން އަދި ފިރިހެން ވެސް ގްރޫޕް ބެހިފައި އޮތްގޮތަށް ބަލާއިރު، ހިމެނެނީ ސްރީ ލަންކާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ.