Roadha Mihaaru
ސެމީން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

ސެމީން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

30 ނޮވެމްބަރ 2019

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

އިންޑިއާ އިން ސެޓުތައް ގެންދިޔައީ 25-14، 25-6 އަދި 25-17 އިންނެވެ. އަންނަ ހޯމަ ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ކުޅެންޖެހޭނީ މިއަދު ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި ނޭޕާލާއި ސްރީ ލަންކާ ކުޅޭ މެޗުން ބަލިވާ ޓީމަކާ އެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ރާއްޖެ ކުޅުނު މެޗުން ވަނީ ލަންކާ އަތުން ބަލިވެފަ އެވެ. ރާއްޖެ ސެމީ އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗު ލިބުމުންނެވެ. އެ މެޗު ރާއްޖެ އަށް ލިބުނީ ޕާކިސްތާނުން މުބާރާތުން ވަކިވުމުންނެވެ.

ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓުން ފެށިގެން އިންޑިއާ އިން މެޗުގެ ކޮންޓްރޯލް ހޯދި އެވެ. ރަނގަޅު އެޓޭކްކުރަމުންދިޔަ އިންޑިއާ ހުއްޓުވަން ރާއްޖޭން މަސައްކަތްކުރި ނަމަވެސް މި ސެޓުގައި އެ ޓީމުން ވަނީ ތަފާތު ދައްކައި 25-14 އިން ސެޓު ގެންގޮސްފަ އެވެ. ރާއްޖޭގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ޓައިމްއައުޓް ނަގައި މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު މި ސެޓުގައި އެކަން ކާމިޔާބެއްނުވި އެވެ.

ދެ ވަަނަ ސެޓުގައި އިންޑިއާ އިން ވަރަށް ބޮޑު ލީޑެއްނެގި އެވެ. އެ ލީޑު ހުއްޓުވަން ރާއްޖޭން ކުރި މަސައްކަތުގެ ތެރެއިން ޓީމުގެ ސެޓަރު ޖޫޒާން ޒަރީރާއި ލިބަރޯ ނުހާ ވަހީދު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އިންޑިއާގެ އެޓޭކްތައް ހުއްޓުވޭނެ ގޮތެއްނެތި އެ ޓީމުން މި ސެޓު ގެންދިޔައީ 25-06 އިންނެވެ.

ރާއްޖެ ޓީމުގެ އައިމިނަތު އަރީޝާ މެޗުގެ ތެރެއިން އުފާފާޅުކުރަނީ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ރާއްޖެ ޓީމުގެ އައިމިނަތު އަރީޝާ މެޗުގެ ތެރެއިން އުފާފާޅުކުރަނީ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ފުރަތަމަ ދެ ސެޓު ގެއްލުނު ނަމަވެސް ރާއްޖޭން ތިން ވަނަ ސެޓަށް ނުކުތީ ރަނގަޅު ރޫހެއްގަ އެވެ. ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން އާއި އައިމިނަތު އަރީޝާ އަދި ހައްވާ ރާޝިދާގެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ ކުރީކޮޅުގައި ރާއްޖޭން ލީޑުނެގި އެވެ. އެކަމަކު އިންޑިއާ އިން ފަހަތުން އަރައި އެއްވަރުކުރި އެވެ. ސެޓުގެ މެދަކާ ހަމައިން ދެ ޓީމު ދިޔައީ ވަރަށް އެއްވަރުކޮށެވެ. އިންޑިއާ އިން ދެ ފަހަރެއްގެ މަތިން ރާއްޖެއާ އެއްވަރުކުރި އެވެ. ލީޑުނަގަން އިންޑިއާ އިން ކުރި މަސައްކަަތް ކާމިޔާބުވީ 15-14 އިންނެވެ. އެ ހިސާބުން އިންޑިއާ އިން މެޗުގެ ލީޑު ގެއްލުނަނުދީ ރަނގަޅު ރޫހެއްގައި ކުޅެ ސެޓު ގެންގޮސް މެޗުން މޮޅުވި އެވެ. އިންޑިއާ ފަހު ސެޓު ގެންދިޔައީ 25-17 އިންނެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ އަންހެން ޓީމުން އަންނަނީ ކުޅުމަށް ބަލާއިރު ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. ގައުމީ ޓީމުގެ ކޯޗަކަށް މިހާރު ހުރި ބޭބެ އަކީ ޓީމުގައި ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ.

މިއަދުގެ މެޗަށް ފަހު ބޭބެ ބުނީ މި މެޗުގައި ދެ ވަަނަ ސެޓު ފިޔަވައި ދެން ކުޅުނު ދެ ސެޓުގައި ވެސް ރާއްޖޭން ރަނގަޅަށް ކުޅުނު ކަމަށާއި ފަރަގު ބޮޑުވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ފުރަތަމަ ސެޓު ވެސް ކުޅުން ރަނގަޅު. މިސްޓޭކްތަކެއް މި ހެދެނީ. ދެން ދެ ވަަނަ ސެޓު އެއްވެސް ގޮތަކަށް ނުކުޅެވި މިދިޔައީ. ހަގީގަތުގައި އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރަނގަޅު ކުޅުމެއް މިދެއްކީ. މިވާނެ ކުޅުމަށް ބަލާއިރު އިންޑިއާއާ ދެކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗަށް ވެސް. ޓީމުން ކުރި މަސައްކަތް ފާހަގަކުރަން،" ބޭބެ ބުންޏެވެ.

ރާއްޖޭން ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ސެމީން ބަލިވީ ލަންކާ އަތުންނެވެ. ރާއްޖޭގެ އަންހެން ޓީމުން މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްއާ ކުރިމަތިލީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އެއީ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައި، އަންހެން ވޮލީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު ކާމިޔާބީއާ އެކު އެވެ.

ރަސްމީކޮށް މާދަމާ ފަށާ ސައުތު އޭޝިއަން ގޭމްސް އޮންނަނީ ކަތުމަންޑޫގެ އިތުރުން ޕޮކަހާރާގަ އެވެ. މި ފަހަރުގެ ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ކުރިން ފެށީ ވޮލީބޯޅަ އިވެންޓެވެ. ރާއްޖޭގެ ފިރިހެން ޓީމު ވަނީ ކުޅުނު ދެ މެޗުން ލަންކާ އާއި ޕާކިސްތާން އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.