Roadha Mihaaru
އަބްދުއްރަހީމްއާ ސުވާލުކޮށް ބަޔާން ނަގައިފި

އަބްދުއްރަހީމްއާ ސުވާލުކޮށް ބަޔާން ނަގައިފި

01 ޑިސެމްބަރ 2019

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ފުލުހުން ރޭ ސުވާލުކޮށް ބަޔާން ނަގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ފުލުހުން ރޭ ސުވާލުކޮށް ބަޔާން ނަގައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރި ހުކުމާ ގުޅިގެން ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އަބްދުއްރަހީމް "މިހާރު" އަށް މިއަދު ވިދާޅުވީ ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެން ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. ފަނޑިޔާރުންނަށް އިންޒާރުދީ، ހުތުރު ބަހެއް ބޭނުން ކުރެއްވިތޯ އެހުމުން އޭނާ މިއަދު ވެސް ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ފުލުހުން ކައިރީ ވެސް ބުނިން ނޫނެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންނަށް އިންޒާރުދީ ހުތުރު ބަސްތައް ބޭނުން ކުރައްވަނީ އެމްޑީޕީގެ ބޭފުޅުން ކަމަށެވެ. އިދިކޮޅުގައި ތިއްބެވީ ކޯޓުތަކަށް އިހްތިރާމް ކުރާ ބަޔަކު ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ.

އަބްދުއްރަހީމްގެ ވާހަކަ މިއަދު ތަފާތުވިޔަސް، ޔާމީންގެ މައްޗަށް ހުކުމް އިއްވުމާ އެކު، ކޯޓު ބޭރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ފަނޑިޔާރުން ސުލޫކާ ޚިލާފްވި ކަމަށް ބުނެ ޔާމީންގެ މައްސަލަ ބެލުމުން އޭނާ ތަނާޒުލްވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ވަނީ އެކަމަށް ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލު ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ކުރިން ގެނަ އެވެ.