Roadha Mihaaru
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން

ތިން މެޗުން ލަންކާއިން ރާއްޖެ އަށް އެންމެ ސެޓެއް ވެސް ނުދިން

17 އޯގަސްޓް 2023

ރަހުމަތްތެރިކަމުގެ ތިން މެޗުގެ ދިވެހި ގައުމީ ޓީމަށް އެންމެ ސެޓެއް ވެސް ނުދީ ލަންކާއިން އިންޓަނޭޝަނަލް ފްރެންޑްލީ ސީރީޒް ނިންމާލައިފި އެވެ.

ރަހުމަތްތެރިކަމުގެ ތިން މެޗުގެ ދިވެހި ގައުމީ ޓީމަށް އެންމެ ސެޓެއް ވެސް ނުދީ ލަންކާއިން އިންޓަނޭޝަނަލް ފްރެންޑްލީ ސީރީޒް ނިންމާލައިފި އެވެ.

ސީރީޒްގެ ފަހު މެޗުގައި ރޭ ލަންކާ އިން ރާއްޖެ ބަލިކުރީ 25-18، 25-20 އަދި 25-21 އިން ސެޓުތައް ކާމިޔާބު ކޮށްގެންނެވެ. ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ގައުމީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މަޑަގަސްކަރައިގައި މިމަހު 25 ގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ޓީމު ވެސް ވަނީ ލަންކާއާ ދެކޮޅަށް މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ތިން މެޗު ކުޅެފަ އެވެ.

ރާއްޖޭގެ އަންހެން ޓީމު ކުޅުނު ތިން މެޗުން ބަލިވިއިރު، ދެވަނަ މެޗުގައި ވަރުގަދަ ލަންކާ އަތުން ސެޓެއް ހޯދި އެވެ. އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޓީމުގެ ޒުވާން ސެންޓަ ކުޅުންތެރިޔާ ނަރީމާ އިދުރީސް (ނަންނި)ގެ ކަކުލަށް ވަނީ އަނިޔާ ވެފަ އެވެ.

ފިރިހެން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި އަންހެން ޓީމުގެ ހެޑް ކޯޗަކީ ތައިލެންޑްގެ ތަޖުރިބާކާރު ވިޗީޕޮން ފޯންޗާޓްޔިންޗީޕް އެވެ. މި މެޗްތަކުގެ ކުރިން އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ ތައިލެންޑްގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.