Roadha Mihaaru
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު

ދެވަނަ މެޗުގައި ވެސް ލަންކާ އަތުން ރާއްޖެއަށް ސެޓެއް ނުލިބުނު

15 އޯގަސްޓް 2023

ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ސްރީލަންކާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ސްރީލަންކާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ލަންކާ ކާމިޔާބު ކުރީ 25-21، 25-16 އަދި 25-17 އިންނެވެ.

އިޝާން މުހައްމަދު (ބަޓިސް) ކުރި ފުރަތަމަ ސާވިސް ބޭރަށް ގޮސްގެން ލަންކާއަށް ފުރަތަމަ ޕޮއިންޓް ލިބުނު ނަމަވެސް އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)ގެ އެޓޭކަކާއި ހުސެއިން ރައްޒާންގެ ވަރުގަދަ ބްލޮކަކާ އެކު ރާއްޖޭން ލީޑު ނެގި އެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓުގައި ލަންކާ ގިނަ ވަގުތު އޮތީ ދެ ޕޮއިންޓުގެ ލީޑެއްގަ އެވެ. ރާއްޖޭން ޕޮއިންޓުގެ ގޮތުން އެއްވަރު ކުރި ނަމަވެސް ލަންކާ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ.

ދެވަނަ ސެޓު ވެސް ރާއްޖޭން ފެށީ ރަނގަޅަށެވެ. ރައްޒާންގެ ބްލޮކަކާއި ޝަމާއިލް ހުސެއިންގެ އެޓޭކަކުން ލީޑު ހޯދައިގެން ފެށި މި ސެޓުގައި ޝަމާއިލްގެ ވަރުގަދަ ބްލޮކްތަކެއް ވެސް ފެނުނެވެ. ރާއްޖޭން މި ސެޓުގައި ލީޑުގައި ކުރިއަށް ދާން މަސައްކަތްކުރި ނަމަވެސް ލަންކާއިން ގޭމުގެ ތެރެއަށް ވަދެ، ބޮޑު ލީޑެއް ނެގި އެވެ. އަދި ރާއްޖެއަށް މާ ބޮޑު ފުރުސަތެއް ނުދީ އެޓީމުން ވަނީ 25-16 އިން މި ސެޓު ގެންގޮސްފަ އެވެ.

ލަންކާއިން ފަހު ސެޓު ވަރުގަދަކޮށެވެ. އެކަމަކު އެޓީމަށް ބޮޑު ލީޑެއް ނުދީ ވޭތޯ ރާއްޖޭން މަސައްކަތް ކުރި އެވެ. ނަމަވެސް ލަންކާގެ ހަތަރު ޕޮއިންޓުގެ ލީޑު ރާއްޖެއަށް އަތުލެވޭގޮތް ނުވެ، ލީޑު ފުޅާކޮށް ލަންކާ މެޗު ކާމިޔާބު ކުރީ 25-17 އިން މި ސެޓު ގެންގޮސްގެންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވެސް އަންނަނީ ރާއްޖޭގައި ސްރީލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ތިން މެޗުގެ ސީރީޒް އެއް ކުޅެމުންނެވެ.

ފުރަތަމަ މެޗުގައި އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. އަދި އަންހެނުންގެ ދެވަނަ މެޗުން ބަލިވީ 3-1 އިންނެވެ. އަންހެނުންގެ ފަހު މެޗު މިރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، ފިރިހެން ޓީމުގެ ފަހު މެޗު އޮންނާނީ މާދަމާ ރެއެވެ.