Roadha Mihaaru
އެމްއާރުޑީސީގެ ޗެއާމަނަކަށް ލަތީފު،ޑިރެކްޓަރަކަށް ހުޝާމް

އެމްއާރުޑީސީގެ ޗެއާމަނަކަށް ލަތީފު، ޑިރެކްޓަރަކަށް ހުޝާމް

29 ސެޕްޓެމްބަރ 2016

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަނަކަށް މުހައްމަދު ލަތީފް މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަނަކަށް މުހައްމަދު ލަތީފް މިއަދު އައްޔަންކުރައްވައިފި އެވެ.

ގައުމީ އެއާލާއިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުގައި ވެސް ހުންނެވި ލަތީފު ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ވެސް މިހާރު ކުރިމަތިލައްވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސ. ހިތަދޫ ބްލޫވިލާ، މުހައްމަދު ލަތީފު އެމްއާރުޑީސީގެ ޗެއާމަނަކަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރަކަށް ހ. ފާލަންދޮށުގޭ މުހައްމަދު ހުޝާމް އައްޔަންކުރައްވާފައިވާ ކަމަށް ނިޒާރުގެ ޓްވީޓުގައި ވިދާޅުވި އެވެ. ހުޝާމް ކުރިން ހުންނެވީ ކޮމިޝަނަ އޮފް ޕްރިޒްންސްގެ މަގާމުގަ އެވެ. އެކަމަކު ހުޝާމް އެމްއާރުޑީސީގެ ބޯޑު ޑިރެކްޓަރަކަށް މި އައްޔަން ކުރެއްވީ ކޮމިޝަނަ އޮފް ޕްރިޒްންސްގެ މަގާމުން ވަކިކުރައްވާފައިވާތާ ދުވަސްތަކަކަށް ފަހުގަ އެވެ.

އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒެވެ. ނަމަވެސް މަގާމުގައި ހުންނަން ބޭނުންނުވާތީ ކަމަށްބުނެ ރިޔާޒު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގައި އެންމެ ފަހުން ބޭއްވި އިންތިހާބުގައި މައްސަލަތަކެއް ކުރިމަތިވެ އިންތިހާބު އަލުން ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރިޔާޒު ދެން ވާދައެއް ނުކުރައްވާނެ އެވެ.